އެމެރިކާގެ ރައީސް ޓަރަމްޕް އާއި ޔުކްރެއިންގެ ރައީސް ޒެލެންސްކީ
އެމެރިކާގެ ރައީސް ޓަރަމްޕް އާއި ޔުކްރެއިންގެ ރައީސް ޒެލެންސްކީ
ޔުކްރެއިން އާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކޮށްދެއްވުމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕަށް ގޮވާލައްވައިފިއެވެ.

ރަޝިއާއިން މިދިޔަ ހުކުރު ދުވަހު ޔުކްރެއިންގެ ހަކަތައިގެ ވިއުގައަށް ދިން ބޮޑު ހަމަލާގެ ސަބަބުން ޔުކްރެއިންގެ ވެރިރަށް ކީވްގެ ބައެއް ސަރަހައްދުތަކާއި އިތުރު 9 ސަރަހައްދަކުން ކަރަންޓު ކެނޑުނެވެ. ނަމަވެސް މިހާރު ވަނީ އަލުން ކަރަންޓު ގުޅާފައެވެ.

ރަޝިއާއިން ޔުކްރެއިންއަށް ހިންގަމުންދާ މި ހަނގުރާމައަށް ނިމުމެއް ގެނައުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތައް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. މީގެ އެންމެ މައިގަނޑު އެއް ސަބަބަކީ ދުނިޔޭގެ ސަމާލުކަން އިސްރާއީލުން ޣައްޒާގައި ހިންގަމުން އައި ޖެނޮސައިޑަށް ހުއްޓުފައި ވުމެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖެނޮސައިޑު ނިމުމަކަށް ގެނައުމުގެ ފުރަތަމަ ފިޔަވަހި ޓްރަމްޕު ވަނީ މިދިޔަ ބުދަ ދުވަހު އިއުލާންކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ އެމެރިކާގެ ރައީސް އާއި ފޯނުން ވާހަކަދައްކަވައި މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށްޓަކައި ޓްރަމްޕު އެކުލަވާލި ފާހަގަަކޮށްލެވޭ ޕްލޭނަށް މަރުހަބާ ދެންނެވި ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ އެއް ސަރަހައްދެއްގައި ހަނގުރާމަ ހުއްޓުވޭނަމަ ހަމަގައިމުވެސް އެހެން ހަނގުރާމަތައްވެސް ޓަރަމްޕު އަށް ހުއްޓުވިދާނެ ކަމަށެވެ. އޭގެ ތެރޭގައި ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހިމެނޭ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

އެހެންކަމުން ރަޝިއާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޕުޓިން ބާރުއަޅުއްވައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޒެލެންސްކީ ވަނީ ޓްރަމްޕަށް ގޮވާލާފައެވެ.

ރަޝިއާ- ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން މަޝްވަރާ ކުރުމަށްޓަކައި މިދިޔަ އޮގަސްޓު މަހު ޓްރަމްޕު ރަޝިޔާގެ ރައީސް ވްްލަދިމިރް ޕޫޓިންއާ ބައްދަލުކުރެއްވި ނަމަވެސް، މި ހަނގުރާމަ ހުއްޓުވުމަށް ކުރިއެރުން ހޯދިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު