އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-
ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެންވެރިންނަށް ފުރައްސާރަކޮށްގެން ކާމިޔާބު ލިބޭނެކަމަށް ފުލުހުން ހީކުރާނަމަ އެއީ ކުށްހީއެއް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނު އަތުލި ފަހުން އެ ފޯނުން ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލީކުވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މިއީ ވަރަށް ވިޔާނުދާ އަދި މުޅި މުއައްސަސާއަށް ހަޑި ނަމެއް ލިބިގެންދާފަދަ އަމަލެއް ކަމަށެވެ. އަދި ޝިމަން އަށާއި، ފުލުހުންނާއި ސަރުކާރާއި ދެކޮޅަށް ފާޑުކިޔަން ކެރިދާނެ އެހެން އެއްވެސް މީހަކަށް މިކަމުން ލިބިދޭނެ މެސެޖު މިކަމުގެ ފަހަތުގައިވާ ބަޔަކަށް ރަނގަޅަށް އެނގޭނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެންވެރިންނަށް އަމާޒުކޮށްގެން ކުރެވޭ މިފަދަ ފުރައްސާރައާއި ބިރުދެއްކުން އެމީހުން ތަހައްމަލު ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި މިފަދަ އުކުޅުތަކުން ކާމިޔާބު ލިބޭނެ ކަމަށް ފުލުހުން ހީކުރާނަމަ އެއީ ކުށްހީއެއް ކަމުގައި ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް މި ފެނިގެންދަނީ ދައުލަތުގެ މުޅި ނިޒާމު ބޭނުންކޮށްގެން ދެކޮޅުވެރިކަން ނައްތާލުމަށް މަސައްކަތްކުރާ މަންޒަރު، އަދި ހުރިހާ މުއައްސަސާއެއްގެ ރައްކާތެރިކަން ހަލުވިކަމާއެކު ނައްތަމުންދާ މަންޒަރު" ފައްޔާޒް ވިދާޅުވިއެވެ.

އަދި މި ޤައުމުގެ ކޮންމެ ބާރަކާއި މުއައްސަސާއެއްވެސް، އިދިކޮޅު ފަރާތްތައް ނައްތާލުމަށް ގަދައަޅައި މަސައްކަތްކުރާ އަނިޔާވެރި ވެރިއެއްގެ އަމުރުތަކަށް ބޯލަނބާފައިވާ މިންވަރު މިހާރު އެބަ ފެންނަމުންދާކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ޝިމަންގެ ފޯނުން ފޮޓޯއެއް ލީކުވެފައިވާކަމަށް ބުނާ މައްސަލަ ފެންމަތިވުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ހުރި ފޯނަކުން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް