އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދު
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދު
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ކޮށްފިއެވެ.

މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު މާލިއްޔަތު ކޮމިޓީގައި ވިދާޅުވީ، ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާގެ ގޮތުގައިވެސް ހުންނެވި ދާއޫދާއި އޭނާގެ އަނބިކަނބަލުންގެ އެކައުންޓްތަކަށް، އާމްދަނީ ލިބުނު ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި ސޯސް އޮފް އިންކަމް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި، އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށާއި، އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ބެލެވޭ ކަމަށްވެސް ނާޒިމް މިއަދު ވިދާޅުވިއެވެ.

"14.6 މިލިއަން ރުފިޔާގެ އެސެޓްސް ކްރިއޭޓްކޮށްފައި މިވަނީ. މި އެސެޓްސްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ." ނާޒިމް ވިދާޅުވިއެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން ނާޒިމް ވިދާޅުވީ، މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތް ކުރަން ދާއޫދު އިންވެސްޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެގޮތުން، ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ހަބީބާއި ދާއޫދު ބައިވެރިވެގެން ދެ މީހުންގެ އަނބިންގެ ނަމުގައި ހަސަން ތައުފީގު ކިޔާ މީހަކާ ގުޅިގެން އެ ގެއަށް 10.5 މިލިއަން ރުފިޔާ އިންވެސްޓްކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ފާހަގަވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް އެއީ ސިއްރު ރިޕޯޓަކަށް ވާތީ އެ ރިޕޯޓްގައިވާ ކަންކަން ހާމަކުރެވެން ނެތްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެ މުޢާމަލާތުގެ އެގްރީމެންޓް ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއްވެސް އެ ކޮމިޓީއަށް ލިބިފައިވާކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

އޭގެފަހުން ދާއޫދު އެފްޑަބްލިއު ރެސިޑެންސުން 4.1 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ބައްލަވައިގެން ކަމަށާއި އެކަން ކުރީ އާއިލާ މެންބަރެއްގެ ނަމުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ އެޕާޓްމަންޓް ދާއޫދުގެ ދަރިފުޅެއްގެ ނަންމައްޗަށް ބަދަލުކޮށްފައިވާ ކަމަށް ނާޒިމް މިއަދު ވިދާޅުވިއެވެ.

"އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ބަޔާންކޮށްފަ އެބައޮތް އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަަތަކުގައި ބައިވެރިވުމާއި، އެކަމުން މަންފާ ލިބުނުކަމަށް ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން ލިސްޓް. އެ ފަރާތްތަކަކީ ތަހުގީގަށް ލިބިފައިވާ މައުލޫތާތުތަކަށް ރިއާޔަތްކޮށް ޖިނާއީ ނުވަތަ މަދަނީ ދައުވާ އުފުލުމުގެ ފުރުސަތު އޮތް ފަރާތްތަކެއްކަން އެ ރިޕޯޓްގައި އެބައޮތް ބަޔާންކޮށްފަ. އެ ލިސްޓްގައި ފުލުހުންގެ ހިދުމަތުގައި މިހާރުވެސް ތިބި ދެ އޮފިސަރުން ކަމަށްވާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ރިޓަޔާކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހްމަދު ޝުހާދު އައި ހަސަން ހަބީބު ހިމެނޭ." ނާޒިމް ވިދާޅުވެފައިވެއެވެ.

ދާއޫދު އެސިސްޓެންޓް ކޮމިޝަނަރު ކަމަށް ޕްރޮމޯޓުކުރީ މި ސަރުކާރުގައި ސެޕްޓެމްބަރު 17، 2024 ގައެވެ.



ކިޔުންތެރިންގެ ހިޔާލު