ތިނަދޫގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި، ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި، ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެ އަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެއެވެ.

ތިނަދޫ ކައުންސިލުން ބުނީ ރެެއިން ފެށިގެން ހުއްޓާ ނުލައި އެ ރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެ އަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

މިކަމަށް އަވަސް ހައްލެއް ހޯދުމަށް ކަމާބެހޭ އިދާރާތަކާ އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ތިނަދޫ އާއި އެ އަތޮޅު މަޑަވެލީގައި ފެންބޮޑުވެގެން ފެން ހިންދުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އެގޮތުން މި ވަގުތު ވެސް ރާއްޖޭގެ އެންމެ އުތުރަށް މެޓުން ވައިޓް އެލާޓް ނެރެފައި ވާއިރު، ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު