ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މުއާޒް-
ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މުއާޒް-
ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައާގުޅިގެން ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވަމުންގެންދަވާ މުއާޒް އަލީ އެ މަގާމުން ސަސްޕެންޑު ކޮށްފިއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

މުއާޒް މި މައްސަލައިގައި ހައްޔަރުކޮށްފައި މިވަނީ ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓެއްގެ މަގާމުގައި ހުރެގެން، ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި މުއާޒުގެ މައްޗަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައި ވަނިކޮށެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒުގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާ އިރު، އެ ކަންކަން އިދާރީގޮތުން ކުންފުނިން ތަހުގީގުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އަދި އެ ނިންމުމާ ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރު މުހައްމަދު ޝަމީމާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އިންޖިނިއަރިން ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރު އަބައިދުﷲ ހުސައިންއާ ހަވާލުކޮށްފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ ހިނގައިގެން އުޅޭ މައްސަލަތަކާ މިފްކޯއާ ގުޅުމެއް ނެތް ކަމުގައިވީ ނަމަވެސް ހާއްސަކޮށް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއްކަމަށެވެ.

"މިގޮތުން ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި އާ ރޫހެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ރައްޔިތުންނަށް ދެއްވާ،" މިފްކޯގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށްއޮތް ތަނުގައި ވެސް އަޅަމުންދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

އެމްޕީއެލް ބަނދަރުގައި ބަހައްޓާފައިހުރި ސިނގިރޭޓުތައް ވަގަށަ ނެގި މައްސަލައިގައި މުއާޒްގެ އިތުރުން ދެން ހައްޔަރުކުރީ ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްގެ މިހާރުގެ ވެސް އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލްއެވެ. މި ހަތަރު މީހުންނަށް ވެސް ކުރަނީ ސިނގިރޭޓް ވައްކަމުގެ އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތެވެ.



ކިޔުންތެރިންގެ ހިޔާލު