ބަންޑުން ޖަހާލި ކޮޅުވެއްޓި-
ބަންޑުން ޖަހާލި ކޮޅުވެއްޓި-
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ގެއްލުނު ތިންމީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފެށީ ރޭ ފަތިހު އެވެ.

ހަތް މީހަކު ތިބި އެ އުޅަނދުން ދަތުރުކުރި 4 މީހަކު ސަލާމަތް ކުރެވިފައިވާކަމަށާއި، ތިން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ރޭ ފަތިހު ބުނެފައި ވެއެވެ.

ލޭންޑިން ކްރާޕްޓު އަޑިއަށް ގޮސްފައިވާއިރު ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ މިއަދު ހެނދުނު ކަނޑުގެ އަޑިން ނަގާފައެވެ. އެއީ ގއ. ދާންދޫ ސަރުސޫނުގެ / އަހުމަދު ޝިފާން (38އ.) އެވެ. އޭނާ ފެނުނުއިރުވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު މެންދުރުފަހު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންކަނޑުގެ އަޑިން ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކޯސްޓް ގާޑްގެ ޑައިވަރުންނަށް ދެވަނަ މީހާގެ ހަށިގަނޑު މިއަދު 15:45 އެހާކަންހާއިރު ކަނޑު އަޑިން ފެނިފައިވާ ކަމަށެވެ. އެއީ ބިދޭސީއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު