މިނިސްޓަރ އިހުސާން، މިނިސްޓަރ މާރިޔާ-
މިނިސްޓަރ އިހުސާން، މިނިސްޓަރ މާރިޔާ-
މާލޭގައި ޔޯގާ ސްޓޫޑިއޯއެއް ހުޅުވި މައްސަލައިގައި ހޯމް މިނިސްޓަރ އަލީ އިހުސާނާއި އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޔޯގާގެ ހަރަކާތް ކުރިއަށް ގެންދިއުމަށް މާލޭގައި ވެލްނެސް ސެންޓަރެއް ވަނީ ހުޅުވާފައެވެ. މި ވެލްނެސް ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ މާރިޔާއެވެ.

މިކަމާ ގުޅިގެން މިނިސްޓަރ މާރިޔާއާ ކުރާ ސުވާލަކީ ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރުކޮށްގެން، ފާއިތުވި ސެޕްޓެމްބަރު މަހުގެ 23 ގައި އަމިއްލަ ކުންފުންޏަކުން 'ބެލެންސް ސްޓޫޑިއޯ' ގެ ނަމުގައި މާލޭގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް މިނިސްޓަ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާ ވަޑައިގެންނެވީ އެކަން ކުރުމަށް ރައީސްގެ ހުއްދައެއް ނުވަތަ އިރުޝާދުފުޅެއް ލިބިވަޑައިގެންތޯއެވެ.

އަދި މިނިސްޓަރ އިހުސާންއާ ކުރާ ސުވާލުތަކަކީ ބެލެންސް ސްޓޫޑިއޯގެ ނަމުގައި ފާއިތުވި ސެޕްޓެމްބަރު މަހުގެ 23ގައި އަމިއްލަ ކުންފުންޏަކުން މާލޭގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރުގައި ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރު ކުރިއިރު އެކަން ނުހުއްޓުވި ސަބަބަކީ ކޮބައިތޯ އާއި، ޔޯގާގެ ހަރަކާތް ހިންގުން ހުއްދަ ކަމަށް ރައީސްގެ އިރުޝާދުފުޅެއް ލިބިފައިވޭތޯއެވެ.

މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިއްބެވިއިރު، ޔޯގާ ހަރަކާތަށް ވަރަށް ބޮޑަށް ފާޑުކިޔައި ދެކޮޅުހެދިއެވެ.

ކުރީ ސަރުކާރުގައި 2022 ވަނަ އަހަރު އިންޑިއާ އެމްބަސީން ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަށް ދީނީ ބައެއް އިލްމުވެރިންނާއި އާންމުން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުންތަކެއް ވެސް ހިންގިއެވެ. އެ އަމަލާ ގުޅިގެން ދައުވާކުރި ބައެއް މީހުންގެ ދައުވާ، މި ސަރުކާރުން ވަނީ އަނބުރާ ނަގާފައެވެ.



ކިޔުންތެރިންގެ ހިޔާލު