މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
ވޯޓު ހޯދަން ދިޔައިރު އެކަނިވެރި މައިންނަށް ދޭން ވައުދުވީ ވަރަށްވުރެ ދަށް މިންވަރެއް އެފަރާތްތަކަށް ދޭން ރައީސް ސަރުކާރުން ނިންމުމުން މި ފެނިގެން ދިޔައީ ވައުދު ފުއްދުމުގެ ނަމުގައި އެކަނިވެރި މައިންނަށް ދޯކާ ދިން ތަން ކަމުގައި މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މެމްބަދު ދީދީ މިހެން ވިދާޅުވެފައި މިވަނީ މިއަންނަ އަހަރު ޖެނުއަރީ އިން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވާކަން ރައީސް އިއުލާން ކުރުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ކަންމަތީ އެއްވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު ދީދީ ވިދާޅުވީ ރިޔާސީ އިންތިހާބަށް ވޯޓު ހޯދަން ރައްޔިތުންގެ ގާތަށް ސަލާމް ޖަހަމުން ދިޔައިރު އެކަނިވެރި މައިންނަށް 12،000 ރުފިޔާއާއި، ދިރިއުޅޭނެ ފްލެޓެއް ދޭނަމޭ ވިދާޅުވެ ރައީސް މުއިއްޒު ވައުދުވެވަޑައިގަތް ކަމަށެވެ. އަދި ގިނަ އެކަނިވެރި މައިން ރައީސް މުއިއްޒުއަށް ވޯޓު ދީފައި ވަނީވެސް މި ސަބަބާ ހުރެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މިހާރު އެ އަދަދު 3000 ރުފިޔާއަށް ބަދަލުކުރުމާ ގުޅިގެން މެމްބަދު ދީދީ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މީ ކިހިނެއް ވައުދުފުއްދާ ބޭފުޅެއްތޯ؟ 3000 ރުފިޔާ ދޭނަމޭ ވިދާޅުވެފަ މި ވިދާޅުވަނީ ތިމައްނަ ވައުދު ފުއްދީއޭ. އެހެންނަމަވެސް ވައުދުވީ، މި ބޭފުޅާއަށް ވޯޓި ދޭންވެގެން އާދޭސްކުރަމުން ވިދާޅުވީ ތިމައްނަ 12000 ރުފިޔާއާ ވައްނާނެ ފްލެޓެއް ނުވަތަ އެޕާޓްމެންޓެއް ދޭނަމޭ. ތިމައްނާއަށް ވޯޓު ދޭށޭ. އެހެން ބުނެގެން އެކަމަށް ބިނާކޮށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ވޯޓު ދިނީ، ހާއްސަކޮށް އެކަަނިވެރި މައިން އެބޭފުޅާއަށް ވޯޓު ދިނީ." މެމްބަރު ދީދީ ވިދާޅުވިއެވެ.

އެހެންނަމަވެސް މި ފެނިގެން މި ދިޔައީ ވައުދު ފުއްދުމުގެ ނަމުގައި އެކަނިވެރި މައިންނަށް ދޯކާ ދީ ވައުދާ ހިލާފުވިތަން ކަމުގައި މެމްބަރު ދީދީ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު