މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުން-
މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުން-
ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް، މުއްދަތު ކުރުކޮށް، "ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު،" އިސްލާހުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

ބިލުގައި ބުނިގޮތުގައި މި ބިލުގެ ބޭނުމަކީ ރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވާސިޓީ ތައުލީމު ފޯރުުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ގާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ޔުނިވާސިޓީ ހިންގޭނެ ޝަރުތުތައް މުރާޖައާކޮށް އިސްލާހުރުމެވެ.

ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ޝަރުތުގެ ގޮތުގައި ގާނޫނުގައި މިހާރު އޮންނަނީ ކޮލަޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ 20 އަހަރުވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް ގެންނަން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފާސްކުރި އިސްލާހުގައި އެ މުއްދަތު ވަނީ 15 އަހަރަށް ކުޑަކޮށްފައެވެ.

ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭ އިރު، އެ ކޮލެޖެއްގައި ފުރިހަމަވާންޖެހޭ އިތުރު ހަތް ޝަރުތެއް ވެސް މި ބިލުގައި ހިމަނާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރު ޕްރޮގްރާމްތައް ހިންގަމުން ގެންދިއުމާއި، ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުމާއި، ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ ރޭޓް ކުރެވި ނުވަތަ ރޭންކު ކުރެވިފައިވާ ކޮލެޖަކަށްވުމާއި، ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށް ވުމެވެ.

އަދި މީގެ އިތުރުން އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުން މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުމާއި، ކޮލެޖުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައި ހުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު