ވިލާ ކޮލެޖްގެ ދިދަ
ވިލާ ކޮލެޖްގެ ދިދަ
ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް، މުއްދަތު ކުރުކޮށް، "ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު،" އިސްލާހުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މިބިލު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލުގައި ބުނެފައިވަނީ، މި ބިލުގެ ބޭނުމަކީ ރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވާސިޓީ ތައުލީމު ފޯރުުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ގާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ޔުނިވާސިޓީ ހިންގޭނެ ޝަރުތުތައް މުރާޖައާކޮށް އިސްލާހު ކުރުން ކަމަށެވެ.

ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ޝަރުތުގެ ގޮތުގައި ގާނޫނުގައި މިހާރު އޮންނަނީ ކޮލަޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ 20 އަހަރުވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް ގެންނަން މަޖިލީހުން ފާސްކުރި އިސްލާހުގައި އެ މުއްދަތު ވަނީ 15 އަހަރަށް ކުޑަކޮށްފައެވެ.

އަދި، ރާއްޖޭން ބޭރުގެ ޤައުމެއްގައި އެ ޤައުމުގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ 10 އަހަރު ހިންގާފައިވާ ތަންތަނަށްވެސް ޔުނިވަރސިޓީގެ ދަރަޖަ ލިބޭނެ އެވެ. ހަމައެއާއެކު ބައިނަލްއަގުވާމީ ޔުނިވަރސިޓީ ރޭޓިން ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ، ރޭޓުކުރެވި ނުވަތަ ރޭންކު ކޮށްފައިވާ ކޮލެޖަކަށްވުމާއި، ބައިނަލްއަގުވާމީ ޔުނިވަރސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައާއި ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ ކޮލެޖުތަކަށްވެސް ޔުނިވަރސިޓީގެ ދަރަޖަ ލިބޭނެއެވެ.

ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި ފުރިހަމަވާންޖެހޭ އިތުރު ހަތް ޝަރުތެއް ވެސް މި ބިލުގައި ހިމަނާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރު ޕްރޮގްރާމްތައް ހިންގަމުން ގެންދިއުމާއި، ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުމާއި، ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ ރޭޓް ކުރެވި ނުވަތަ ރޭންކު ކުރެވިފައިވާ ކޮލެޖަކަށްވުމާއި، ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށްވުން ހިމެނެއެވެ.

އަދި މީގެ އިތުރުން އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުން މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުމާއި، ކޮލެޖުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައި ހުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މިހާރު ރާއްޖޭގައި ޔުނިވަރސިޓީގެ ގޮތުގައި ހިންގަމުންދަނީ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ.



ކިޔުންތެރިންގެ ހިޔާލު