އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދް-
އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދް-
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް ހުށަހަޅައިފިއެވެ.

ޗީފް އިންސްޕެކްޓާ އަށްވުރެ މަތީ ރޭންކުތަކުގެ 11 ފުލުހުންގެ ނަމުގައި 241 ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޝިފާން އާއި ފަރުހާދުގެ ކިބައިން ފެންނަމުން އަންނަ ގާނޫނާއި ގަވާއިދާ އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ކަންކަމުގެ ސަބަބުން މުއައްސަސާގެ ހުރުމަތާއި ކަރާމާތަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.

މި ދެބޭކަލުންގެ ނުރަނގަޅު ނުފޫޒާއި، ގާނޫނާއި ހިލާފު އަމަލުތަކުގެ ސަބަބުން މުއައްސަސާގެ ސީނިޔަރ ލީޑަރޝިޕްގެ މެދުގައި މަސްލަހަތު ގެއްލިފައިވުމާއި، އެއްވެސް ބަދަހިކަމެއް ނެތި މުއައްސަސާގެ ކަންކަން ދުވަހުން ދުވަހަށް ބޮއްސުން ލައިގެން ދާކަން ފާހަގަ ކުރެވޭ ކަމަށްވެސް ސިޓީގައި ވެއެވެ.

މި ކަންކަމުގެ ސަބަބުން ގާނޫނު އަސާސީ އާއި ގާނޫނު ތަކުން ފުލުހުންގެ މުއައްސަސާއާއި މަތިކޮށްފައިވާ ޒިންމާ އާއި ވާޖިބުތައް އަދާ ކުރުމަށް މުއައްސަސާ ނުކުޅެދި، ފެއިލްވެ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ސަލާމަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

މި ސިޓީއާއެކު ޝިފާން އާއި ފަރުހާދުގެ ފަރާތުން ހިނގާފައިވާ އަދި މިހާރު ވެސް ހިންގަމުން އަންނަ ގާނޫނާއި ގަވާއިދު އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ކަންކަމުގެ މައުލޫމާތުގެ މައްޗަށް އެކުލަވާލެވިފައިވާ ދެ ރިޕޯޓެއް ވަނީ ހުށަހަޅާފައެވެ.

އެގޮތުން ޝިފާންގެ މައްޗަށް ފުލުހުންގެ ސީނިއަރ އޮފިސަރުންތަކެއް ފްރޭމް ކުރަން އުޅުމުގެ ތުހުމުތާއި، ޖިންސީ ފުރައްސާރަކުރި މައްސަލާގެ ތުހުމަތަކުގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެއެވެ. އަދި ފަރުހާދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތު ކޮށްފައިވާއިރު، އޭނާގެ ދަރިފުޅުގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅޭ ހެކިތައް ނައްތާލި ކަމަށް ބުނާ މައްސަލަވެސް ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. މީގެ ކުރިން ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމެއްގައި ފަރުހާދު ވެސް ހިމެނޭކަން 241 ކޮމިޓީއަށް ހުށަހެޅި ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

ސީރިއަސް މައްސަލަތަކެއް ހުރުމާއެކު، މި މައްސަލަތައް ބަލައި ތަހުގީގުކޮށް ވީ އެންމެ އަވަހަށް ފިޔަވަޅު އަޅައި ދިނުމަށް 241 ކޮމެޓީ އަށް ހުށަހެޅި ސިޓީގައި ވަނީ އެދިފައެވެ. އަދި ފުލުހުންގެ ޚިދުމަތަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ފުލުހުންނާ މުވައްޒަފުންނާ މެދުވެސް ހަމަހަމަކަމާ އިންސާފުވެރިކޮށް އަމަލު ކުރެވޭ އިތުރުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް މަސައްކަތް ކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް