މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް
އަތޮޅު ކައުންސިލުތައް އުވާލައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ ބިލު ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވައިފިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 48 މެންބަރުންގެ ވޯޓާއެކުއެވެ. މި ވޯޓުގައި އިދިކޮޅުގެ އެއްވެސް މެމްބަރަކު ބައިވެރި ނުވެއެވެ.

މި މައްސަލަ ވަގުތީ ކޮމިޓީއަކަށް ފޮނުވަން އަދި ކޮމިޓީގައި ތިބޭ މެންބަރުންގެ ނަންތައް ވެސް ފާސްކުރީ ހަމަ އެ އަދަދަށް ވޯޓު ދީގެންނެވެ.

މި މައްސަލަ ދިރާސާ ކުރުމަށް އުފެއްދި ވަގުތީ ކޮމިޓީގައި ހިމެނެނީ 7 މެމްބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާއި، މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު އާއި، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރުއާއި، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރުގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.

އަދި ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ލާޒިމް ކުރެއެވެ. އެގޮތުން ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެއެވެ.

މި ބަދަލުތައް ގެނައި ނަމަވެސް މާލެއިން އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީތަކުން މެންބަރުން އިންތިހާބު ކުރާ އަދަދަށެވެ. އެއީ ގާނޫނުގެ ދަށުން އިންތިހާބު ކުރަންޖެހޭ އަންހެން މެންބަރުން ހިމަނައިގެން ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އަދި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ކައުންސިލަރަކު އިންތިހާބު ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އިސްލާހުގައިވާ ގޮތުން އިންތިހާބު ކުރަންޖެހޭނީ ކައުންސިލާ އެއް އަދަދަކަށެވެ. ތިން ކައުންސިލަރުން ހޮވާ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވެސް ތިބޭނީ ތިން މެންބަރުންނެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރު ލިބިދޭ މާއްދާތަކެއް ވެސް ހިމެނެއެވެ. އެގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އިސްލާހުގެ ދަށުން އެ އިދާރާއަށް ލިބޭނެއެވެ. އަދި ކައުންސިލްތަކުން ރަސްމީކޯށް ރިޕޯޓު ކުރަންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ވެސް އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް