ކުރީގެ ރައީސް ސޯލިހު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް
ކުރީގެ ރައީސް ސޯލިހު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް
އެމްޑީޕީގެ ޗެއާޕާސަން ކަމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއީލަކީ ހުރިހާ ވަގުތެއްގައިވެސް ޕާޓީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯލިހު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމްޑީޕީގެ ޗެއަރޕާރސަންގެ މަޤާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު ދަންނަވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ސޯލިހު ވިދާޅުވީ ފައްޔާޒްގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށް ކަމަށެވެ.

އެ ހުރިހާ ވަގުތެއްގައި ވެސް އަދި ބައެއް ފަހަރު އުނދަގުލާ އެކުވެސް ޕާޓީ ހިންގެވުމުގައި ފައްޔާޒް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަން ފާހަގަކުރައްވަމުން ސޯލިހު ވިދާޅުވީ އެ މަސައްކަތްތައް ޕާޓީގެ ހުރިހާ މެމްބަރުންވެސް ބަލައިގަންނާނެ ކަމަށެވެ.

"މަނިކުފާނަށް އަޅުގަނޑު އެދެނީ ބާއްޖަވެރި ދުވަސްތަކެކެވެ. ކުރިއަށް އޮތް ތަނުގައިވެސް އަލަށް އިންތިޚާބުވާ ޗެއާޕާސަނަކަށް މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާނެއެވެ. އެމްޑީޕީ އަށް އަބަދުވެސް ކުރިއެރުން އެދެމެވެ." ސޯލިހުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވަމުން ފައްޔާޒް ވިދާޅުވީ، 2023 ގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާއި ކުރީގެ ރައީސް ނަޝީދު ވާދަކުރެއްވުމަކީ އެމްޑީޕީއާއި ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާއަށް ފެނިވަޑައިގެންނެވުމުން އެކަމުގައި މެދުމިނުގެ ޙައްލެއް ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ފަހުން ރައީސް ނަޝީދާ މަޝްވަރާކޮށް، ޕްރައިމަރީއެއް ނުބާއްވައި ރައީސް ޞާލިޙް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށާއި، އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމަކަށް ވޯޓަށް އެހުމަށާއި، އެ އިންތިޚާބުގައި އެމްޑީޕީން ވަކިކޮޅެއް ނުނަގަން އެއްބަސްވެވުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ނަމަވެސް، ޕާޓީގެ ބައެއް އިސް ފަރާތްތަކުން އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިޔުމަށް ނިންމި ކަމަށާއި، ޕްރައިމަރީ ނިމުނުއިރު އެތައް އަހަރެއްގެ މަސައްކަތް ބޭކާރުވެ، ރަހުމަތްތެރިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލުނު ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް