ވިލިމާލޭގެ ދުވަސްވީ ބޮޑެތި ގަސްތައް ކެނޑުމުގެ ސައްލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާއިރު، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަނު ހުންނަވާތީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވިދާޅުވީ ދުނިޔޭގައި ކައުންސިލް ނިޒާމު ހިނގާ ތަންތާގައި މިބާވަތުގެ ނިންމުން ނިންމާނީ ކައުންސިލްތަކުން ކަމަށެވެ. އަދި މިފަދަ ނިންމުންތައް ނިންމަނީ މައި ސަރުކާރަކުން ނުވަތަ ވެރިކަންކުރާ ޕާޓީ ބައްދަލުވުމަކުން ނޫންކަމަށް ވައްޑޭ ވިދާޅުވިއެވެ.

"ގަހުން ގެއްލުންވާނަމަ އެކަމުގައި މަޝްވަރާކުރާނީ މޫ ފޯރާ ގޭބިސީތަކުގެ މީހުންނާ. އެއީ އެހެން ތަންތާ އުޅޭ މީހުންގެ ކަމެއް ނޫން،" ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލޭ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ރޭ، އެ ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންގެ އަޣުލަބިއްޔަތުން އެ ގަސް ކަނޑާލަދޭން އެދުމުން، މި މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭ ގޮތުން އެކްސްގައި ހިއްސާކުރެއްވި އިތުރު ޕޯސްޓެއްގައި ވައްޑޭ ވަނީ މާލެސިޓީ ކައުންސިލް އިޚްތިސާސް ތެރޭ ހިމެނޭ ވިލިމާލޭ އާއްމު މައިދާންތަކެއްގައިވާ ބޮޑެތި ގަސްގަސް ކެނޑުމުގެ ސައްލާ ރައީސް ގޮސް ހިންގަވާައިރު، މޭޔަރު އާދަމް އާޒިމް އާއި ކައުންސިލުން އެކަމާ އެއްޗެއް ނުބުނެ ތިބެނީ ކޮންފަދަ ފިތުމެއް އޮވެގެންތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

"ރަށެއްގެ ރައްޔިތުންގެ ނަމުގައި ކަންކަން ނިންމާނެ ގޮތް ލާމަރުކަޒީ ޤާނޫނުން ކަނޑައަޅާފައި އޮއްވައި ރައީސް މުއިއްޒު ބޮޑު ފައުޖަކާއެކު ގޮސް ޕާޓީގެ ޖަލްސާއެއްގައި އަތްހިއްލުވައި ވޯޓަށް އަހައިގެން ރަށްވެހި ކަންކަމެއް ނުނިންމޭނެ." މިކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިކަމާ ހަނު ހުރުމަކީ އެންމެ ބޮޑު އިހުމާލު ކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް