ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާޙުތަކެއް، މަޖިލީހުގެ ވަގުތީ ކޮމިޓީއިން ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙުއެވެ.

މި އިސްލާޙުގެ ދަށުން، ރަށު ކައުންސިލްތަކުގެ މެންބަރުންގެ ޢަދަދު އާބާދީއަށް ބިނާކޮށް ބަދަލުކުރެވޭނެއެވެ. 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ރަށްރަށުގެ ކައުންސިލްގައި ކައުންސިލް ރައީސް ހިމެނޭހެން 3 ކައުންސިލަރުން ތިބޭނެއެވެ. އަދި އެއަށްވުރެ ބޮޑު އާބާދީގެ ރަށްރަށުގައި ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުން ތިބޭނެއެވެ. މިހާރުގެ ޤާނޫނުގައި ކޮންމެ ރަށު ކައުންސިލެއްގައިވެސް 5 މެންބަރުން ތިބުމަށް ވަނީ ކަނޑައަޅާފައެވެ.

އަދި މި އިސްލާޙުގެ ދަށުން ރަށު ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. 3 ކައުންސިލަރުން އިންތިޚާބު ކުރާ ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަވާނެއެވެ. 5 ކައުންސިލަރުން އިންތިޚާބު ކުރާ ކައުންސިލްތަކުގައި މިހާރުވެސް ޢަމަލުކުރާ ގޮތަށް 2 ގޮނޑި ޚާއްސަވާނެއެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ މެންބަރުންގެ ޢަދަދު ކައުންސިލަރުންގެ ޢަދަދާ އެއްވަރު ކުރުމަށާއި، ކޮމިޓީގެ ރައީސް އިންތިޚާބުކުރާނެ ގޮތަށް ބަދަލުގެނެސް، އެ މަޤާމަކީ ފުލްޓައިމް މަޤާމެއްގެ ގޮތުގައި ހަމަޖެއްސުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު އެ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ގޮތަށް އިސްލާޙު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. ހަމައެއާއެކު، އަމިއްލަގޮތުން ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަވެސް، ކައުންސިލްގެ ގޮނޑި ގެއްލޭނެ ގޮތަށް ވަނީ އިސްލާޙު ހުށަހަޅާފައެވެ.

މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ވަނީ ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ޢަދަދު ކަނޑައެޅުމަށް އިތުރު އިސްލާޙުތަކެއް ގެނެސްފައެވެ. މާލެ ސިޓީއާއި ފުވައްމުލައް ސިޓީ ފިޔަވައި އެހެން ސިޓީތަކުގެ ކައުންސިލް މެންބަރުންގެ ޢަދަދު އާބާދީއަށް ބިނާކޮށް ބަދަލުކުރުމަށް ހުށަހެޅިއެވެ. އެގޮތުން އާބާދީ 10,000 އާއި 25,000 ދެމެދުގެ ސިޓީތަކަށް މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، 25,000 އާއި 50,000 އާ ދެމެދުގެ ސިޓީތަކަށް 11 ކައުންސިލަރުން، އަދި 50,000 އަށްވުރެ އިތުރުނަމަ 15 ކައުންސިލަރުން އިންތިޚާބު ކުރެވޭނެއެވެ.

ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމަށް ހުށަހަޅާފައިވަނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާނެ އުސޫލެއްގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތަކަށެވެ.

ކޮމިޓީގައި ހުށަހެޅުނު ހުރިހާ އިސްލާޙުތަކާއެކު މި ބިލު ފާސްކޮށްފައިވަނީ، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް