ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު
ކޮންމެ އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ގަވަރުނަރަކު ކަނޑައެޅުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު ހުށައަޅުއްވައިފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި އުމަރު ވިދާޅުވީ މާކަނޑުގެ ބޮޑު ސަރަހައްދަކަޢް ފެތުރިފައިވާ ދިވެހިރާއްޖެފަދަ ގައުމެއްގައި، އެއް ރަށެއްގައި ގާއިމްކުރެވިފައިވާ ސަރުކާރަކަށް ހުރިހާ އަތޮޅުތަކެއްގައި ޤައުމީ ފެންވަރުގައި ހިންގާ މަސައްކަތްތައް މޮނިޓަަރކޮށް ވިލަރެސް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި 189 ވަކިވަކި ކައުންސިލް ސީދާ މިނިސްޓްރީތަކާ ކޯޑިނޭޓުކޮށްގެން ޤައުމީ ފެންވަރުގައި ކަންކަން ހަލުވިކަމާއެކު ކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫން ކަަމަށް ވަނީ ވިދާޅުވެފައެވެ.

"ރަށު ކައުންދިލްތަކުގެ ރޯލަކީ ރަށު ފެންވަރުގައި ހިންގާ ކަންކަން ވިލަރެސް ކުރުން. އަތޮޅުގައި ހިންގާ ޤައުމީ ފެންވަރުގެ ކަންކަން ވިލަރެސް ކުރާނެ އިދާރާއެއް ވަކިން ހުންނަން ވާނެ،" އުމަރު ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެ އަތޮޅެއްގައި އަތޮޅުވެރިޔަކު ނުވަތަ ގަވަރުނަރަކު ހުންނަން ޖެހޭކަމަށް ފެނިވަޑައިގަންނަވާ ކަމުގައި އުމަރު ވަނީ ވިދާޅުވެފައެވެ. އަދި އެބޭފުޅަކު ވާންވާނީ އެ އަތޮޅެއްގެ އިންތިހާބީ މަޤާމްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ އަދި ފަތްކޮޅު ދެއްވާ ބޭފުޅަކަށް ކަމަށް އުމަރު ވިދާޅުވިއެވެ.

"އަތޮޅުވެރިޔާ ނުވަތަ ގަވަތުނަރަކީ ސީދާ ރައީސްގެ 'އެޖެންޓު'. ރައީސް އާއި އަތޮޅުގެ ރައްޔިތުންނާއި، ދައުލަތުގެ މުއައްސަސާަތަކާ ގުޅުވާލަދޭ ފާލަން. ފޮރިން އިންވެސްޓަރުންގެ މަގުކޮށައިދޭ އެކުވެރިޔާ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިއީ ދައުލަތުގެ ކަންކަން ބެލެހެއްޓުމަށް އެ އަތޮޅުގައި ހުންނަވާ އެންމެ އިސްވެރިޔާކަމުން މި ބޭފުޅެއްގެ ކިބައިގައި ވަޒީރެއްގެ ކިބައިގައި ހުރުން ލާޒިމްވާ ސިފަތަށް ހުންނަން ޖެހޭނެ ކަމަށެވެ.

އަދި ހަމައެއާއެކު އަތޮޅުގެ ތަޖުރިބާގެ އިތުރުން ޤައުމީ ފެންވަރުގެ މަޤާމްތައް އަދާ ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅަކަށް މި މަގާމަށް އައްޔަނު ކުރެވޭ ބޭފުޅަކު ވާން ޖެހޭނެ ކަމަށާއި، މިއީ ޕާޓީ އެކްޓިވިސްޓުންގެ މަޤާމަކަށް ވެގެން ނުވާނެ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު މިހެން ވިދާޅުވެފައި މިވަނީ އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެ އިސްލާހު ތަސްދީގު ކުރައްވާފައި ވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް