ހޯމް މިނިސްޓަރ އަލީ އިހުސާން
ހޯމް މިނިސްޓަރ އަލީ އިހުސާން
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖެއް، ފުލުހުންނާ ހަވާލުކުރަން އެންގީ އެ ވީޑިއޯ ފުޓޭޖު ނުލިބިގެން ފުލުހުން ލަސްވެގެން އުޅޭތީ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިޙްސާން މިހެން ވިދާޅުވީ، ކޮރަޕްޝަން މައްސަލައެއްގައި ދައުލަތުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކޮށްފައިވާ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި ހެކިވެރިޔަކު މިއަދު ކޯޓުގައި ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ.

މި މައްސަލަތަކާ ގުޅިގެން ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ހެކިބަސް ދިން އިމިގްރޭޝަންގެ މުވައްޒަފަކު ބުނީ އިިމިގްރޭޝަންގެ ސީސީޓީވީ ފޫޓޭޖުތަކެއް ފުލުހުންނާ ހަވާލުކުރަން އިހުސާން އެންގި ކަމަށާއި، އެ ފޫޓޭޖު ހަވާލުކުރީ އޭނާ ކަމަށެވެ.

އަދި ވީޑިއޯ ފުޓޭޖު ފުލުހުންނާ ހަވާލުކުރަން އިހުސާންގެ ފަރާތުން ޑައިރެކްޓް އިންސްޓްރަކްޝަނެއް ލިބިފައި ނުވާ ކަމަށާއި، އޭނާއަށް އެ އިންސްޓްރަކްޝަން ލިބިފައިވަނީ އިމިގްރޭޝަންގެ އިންފޮމޭޝަން ޓެކްނޮލޮޖީ ހެޑުގެ ފަރާތުންކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.

ހެކިވެރިޔާ ބުނީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރަނީ އިހުސާން އާއި ފުލުހުންގެ އެންގުމަކާ ގުޅިގެން ތަހުގީގުގެ ބޭނުމަށްކަމަށް އައިޓީހެޑް އޭނާއަށް އަންގާފައިވާ ކަމަށެވެ.

ހެކިވެރިޔާގެ އެ ހެކިބަހާ ގުޅިގެން ސުވާލުކުރަން ލިބުނު ފުރުސަތުގައި ޝަމްއާންގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވަނީ އެއީ އިމިގްރޭޝަންގައި ހުންނަ ހެކިތަކެއް، ފުލުހުންނާ ހަވާލުކުރަން ޖެހޭ ރަސްމީ އިޖުރާއަތްތޯ ސުވާލު ކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނީ އާންމު ގޮތެއްގައި އަންގަނީ ފުލުހުން ކަމަށާއި ބައެއް ހާލަތްތަކުގައި މިސާލަކަށް އަވަހަށް ބޭނުންވާ ހާލަތެއްގައި މިނިސްޓަރު ނުވަތަ ފުލުހުންގެ އިސް ފަރާތަކުން އަންގައިގެންވެސް ދޭ ކަމަށެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި މިނިސްޓަރ އިހުސާން ވިދާޅުވީ ފުލުހުންގެ ހިދުމަތާއި އިމިގްރޭޝަނާ ހަވާލުވެހުރި މިނިސްޓަރެއްގެ ހައިސިއްޔަތުން އެއް އިދާރާއިން އަނެއް އިދާރާގައި އެދޭ ކަންކަން ލަސްވެ، އެކަން ސަމާލުކަމަށް ގެންނަ ހިސާބުން އެކަމެއް ވީހާވެސް އަވަސް ކޮށްދިނުމަކީ ޒިންމާއެއް ކަމަށެވެ.

"ވީޑިއޯ ފުޓޭޖު ޕޮލިސްއިން އެދުމުން އެ ފޯރުކޮށްދިނުން ލަސްވާނަމަ އެކަން ކޮށްދިނުމަށް އެންގުމަކީ ގޯހެއްކަމަށް ދޭހަވާގޮތަށް ވަކީލުންގެ ވާހަކަ މި ހުންނަނީ. ސުވާލަކީ ޕޮލިސްއިން އެކަން ނުވެގެން އެހީތެރިކަމަށް އެދުމުން އެކަން ނުކޮށްދިންނަމަ ވަކީލު ބުނާނީ ކީކޭތޯ؟" މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގޯސްކޮށްކަމެއް ހިނގީމަ އެކަން ގޯސްނުވެ އެކަން ހިނގިތަން ފެންނަ ކެމެރާއާއި ފޫޓޭޖު ދޭން ބުނި މީހާ ގޯސްވާ ގޮތަށް ވަކީލުން ވާހަކަ ދެއްކުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ދައުލަތުން ޝަމްއާންގެ މައްޗަށް ކުރާ ދައުވާއަކީ ސިޔާސީ ގޮތުން ފްރޭމްކުރުމަށް ކުރާ މަސައްކަތްކެއްކަމަށް ޝަމްއާންގެ އާއިލާއިން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ޝަމްއާން ފްރޭމް ކުރުމުގެ ތުހުމަތު އެ އާއިލާއިން ކުރަނީ މިނިސްޓަރ އިހުސާނަށެވެ. ނަމަވެސް އެ ތުހުމަތުތައް މިނިސްޓަރ އިހުސާން ވަނީ ދޮގުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް