އަހުމަދު ޝާހް   6 ޑިސެމްބަރު 2025 - 15:4
ދިވެހިރާއްޖޭގެ ޒަކާތު ހައުސް
ދިވެހިރާއްޖޭގެ ޒަކާތު ހައުސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒަކާތުގެ ބިލު (ބިލު ނަންބަރު 30/2025) މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި، ބަލައިގަތުމާއި، ބެހުމުގެ ކަންކަން އިސްލާމީ ޝަރީޢަތާ އެއްގޮތަށް، ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް، ޒަކާތުގެ ނިޒާމަށް ޤާނޫނީ އޮނިގަނޑެއް ކަނޑައެޅުމެވެ.

މި ޤާނޫނުގެ ދަށުން، ޒަކާތުގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، ބޭނުންތަކަށް ބެހުމަށް އަދި ޝަރީޢާ ހުއްދަކުރާ ގޮތެއްގައި އިންވެސްޓްކޮށް ފައިދާ ހޯދުމަށް "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް އުފެދިގެންދާނެއެވެ. މި ފަންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ވަކި އެކައުންޓެއްގައި ބެހެއްޓި، ކަސްޓޯޑިއަންގެ ގޮތުގައި އެމް.އެމް.އޭ ހަރަކާތްތެރިވާނެއެވެ.

އެއާއެކު، ކުރިން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ހިންގަމުން އައި ޒަކާތު ފަންޑުގެ ހުރިހާ ފައިސާއެއް މި އާފަންޑަށް ބަދަލުވާނެއެވެ. ޤާނޫނުގައިވާ ގޮތުން ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ، ދީނީ ކަންކަމާބެހޭ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކުއެވެ. އަދި ޒަކާތުގެ ނިޒާމު ހިންގުމަށް ލަފާދިނުމަށާއި ވިލަރެސްކުރުމަށް ޒަކާތު ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާނެއެވެ.

މީގެ އިތުރުން، މި ޤާނޫނުގެ ދަށުން "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދިގެންދާނެއެވެ. ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސްގެ ހުރިހާ މަސްއޫލިއްޔަތުތަކާއި، މުދާތަކާއި، ބަޖެޓުގެ ފައިސާއާއި، އެހެނިހެން ޙައްޤުތައް ބަދަލުވާނީ މި އާ އިދާރާއަށެވެ.

އަދި ޒަކާތާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލާނެއެވެ. މި ޤާނޫނު މިއަދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާއިރު، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު