ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން-
ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން-
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމާ ބައްދަލުވަންދެން ކަންނެލި މަސްވެރިން ކުރަމުން އަންނަ އިހްތިޖާޖު ހުއްޓައެއްނުލާނެކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ބީކޭއެމްޔޫއިން ބުނެފިއެވެ.

ޔޫނިއަނުގެ ބައެއް މެމްބަރުންނާއި ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެ މެމްބަރުންނާއި ދޯނިތައް ދޫކޮށްލުމަށް ގޮވާލައި ބީކޭއެމްޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިހްތިޖާޖުގެ ތެރެއިން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި، ހިންގާ ކޮމެޓީގެ މެމްބަރު މުޙައްމަދު މުސްތަފާ އާއި ކެޔޮޅު އަބުދުއްލަތީފް އަދި ގަވާއިދާ އެއްގޮތަށް ދޯނިތަކުގައި ރަޖިސްޓަރީކޮށްފައިވާ ބައެއް ބިދޭސީންނާއި ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ފަރާތްތައް މިހާރު ދޫކޮށްލާފައިވާކަމަށް އެ ޔޫނިއަން އިން ހާމަކުރިއެވެ.

ބީކޭއެމްޔޫއިން ބުނީ އެ ޖަމިއްޔާއިން ކުރަމުން ދަނީ ބޮޑު ކަންނެލި މަސްވެރިންގެ ހައްްގުތައް ހޯދުމަށް ކުރަމުންދާ ސުލްޙަވެރި އިހްތިޖާޖެެއްކަމަށެވެ. އެހެންކަމުން ފިޝަރީޒް މިނިސްޓަރުގެ އެދިލެއްވުމުގެ މަތިން މިނިސްޓަރާއި ބައްދަލުވަންދެން މުޒާހަރާ ރޫޅާނުލާ ޔޫނިއަންގެ މެމްބަރުންނާއި ކެޔޮޅުން ތިބީ ގަދަކޮށް ކަމަށާއި، މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މި އިހުތިޖާޖު ހުއްޓާނުލާނެ ކަމަށް ޔޫނިއަން އިން ވަނީ ބުނެފައެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބޮޑުކަންނެލި މަސްވެރިންގެ ޝުޢޫރުތައް ފާޅުކުރުމަށް ބީކޭއެމްޔޫ އިން އިސްނަގައިގެން ފެށި މި އިހްތިޖާޖު ފެށީ  10 ޑިސެމްބަރުގެ ހެނދުނު 09:00 ގައެވެ.

މި އިހްތިޖާޖާއި ގުޅިގެން ފުލުހުން ރޭ ބުނީ 10 ޑިސެންބަރު 2025 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ އެކި ގޮތްގޮތުން މުއާމަލާތްކޮށްފައެވެ. މިމުއާމަލާތްތަކުގައި، އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އިހުތިޖާޖު ކުރިއަށްގެންދާ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށް ވުމާއެކު، އެކަމުގެ ސަބަބުން އިއްޔެއާއި މިއަދުވެސް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީ، މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި، އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި، މާލެ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެކަމަށް ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހްތިޖާޖުގެ ތެރެއިން ބައެއް ދޯނިތަކަށް އަރައި ފިޔަވަޅުއެޅީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ދޯނިތަކަށް ދަތިވާހެން އިހުތިޖާޖުކުރަމުންދާތީ ދިން ނަސޭހަތްތަކަށް އިޖާބަ ނުދިނުމުންނާއި، އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާތީ އެކަން ޗެކްކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު