މަރްޔަމް ނަހްދާ ވަޙީދު   17 ޑިސެމްބަރު 2025 - 16:11
ގެއްލިގެން ހޯދާ ރަޝިއާގެ ފަތުރުވެރިޔާ-
ގެއްލިގެން ހޯދާ ރަޝިއާގެ ފަތުރުވެރިޔާ-
އއ. އުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ ރަށުން ގެއްލިގެން ހޯދަމުން ދަނީ ރަޝިޔާއަށް ނިސްބަތްވާ 48 އަހަރުގެ ރޯމަން ލުރޮޗްކިން އެވެ.

އުކުޅަހު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ މީހާއަކީ އެ ރަށު "ލަ ޕަލްމާ ސޫޓްސް" ގައި މަޑުކުރި ފިރިހެނެއް ކަމަށާއި އޭނާ ފުރަން އޮތީ މިއަދު ކަމަށެވެ. ނަމަވެސް އޭނާގެ ޚަބަރެއް ވެފައިނުވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން އިތުރަށް ބުނެފައިވަނީ، އެ މީހާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. އަދި އޭނާގެ ފޯނާއި އެހެނިހެން ތަކެތި އޭނާގެ ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ހާމަކުރިއެވެ.

ފަތުރުވެރިޔާގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާކަން ފާހަގަކޮށް، ކަމާ ގުޅޭ އިދާރާތަކަށް އަންގައިފައިވާ ކަމަށް އުކުޅަހު ކައުންސިލުން ވަނީ ބުނެފައެވެ.

އުކުޅަހު ކައުންސިލުން ވަނީ އެ މީހާއާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ލަ ޕަލްމާ ސޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކް 9553510 އަށް ގުޅުމަށް އެދިފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކައުންސިލުން ގުޅިގެން ކުރަމުން ދާކަމަށްވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު