މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު
މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު
2025 ވަނަ އަހަރު ނިމެމުންދާއިރު އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދަރިވަރުންގެ ލޯނު ސްކީމަށް ކަނޑައެޅި ފައިސާގެ ތެރެއިން 227.2 މިލިއަން ރުފިޔާ ބޭނުން ނުކުރެވި ހުރުމެވެ. ލޯނު ސްކީމަށް ކަނޑައެޅި ބަޖެޓުން ބޮޑުބައެއް ބޭނުން ނުކުރެވި ހުރިއިރު ރާއްޖޭން ބޭރުގައި ތިބި ބައެއް ދަރިވަރުންނަށް ޓިއުޝަން ފީ ނުދެއްކި އެތައް ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

މިއަހަރަށް ފާސްކުރި ބަޖެޓުގައި ދަރިވަރުންގެ ލޯނު ސްކީމަށް 768 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަނޑައަޅާފައިވާ ފައިސާ ނަމަވެސް، ޑިސެމްބަރު 11 އާ ހަމައަށް ދޫކުރެވިފައިވަނީ 540.8 މިލިއަން ރުފިޔާއެވެ. ބަޖެޓު އަހަރު ނިމުމަށް ހަފްތާއެއްހާ ދުވަހަށް ވީއިރު، ޖުމްލަ ފައިސާގެ 29.6 އިންސައްތަ (227.2 މިލިއަން ރުފިޔާ) އަދިވެސް ވަނީ ބޭނުން ނުކުރެވިފައެވެ.

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ސަރުކާރުން މަތީތަޢުލީމު ފޯރުކޮށްދިނުމަށް ގެންގުޅޭ ސިޔާސަތުގެ ދޯހަޅިކަން ދައްކަުވައިދޭ ކަމެއް ކަމަށެވެ. މި ސަރުކާރު އައިފަހުން ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުމަކީ އާ ކަމެއް ނޫނެވެ. މި އަހަރުގެ ކުރީކޮޅުވެސް ފައިސާ ދޫކުރުން ލަސްވުމާ ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

އެފަހަރު ވަޒީރުގެ ބަހަނާއަކަށްވީ، ފޯމު ފުރިހަމަ ނުވުމާއި، އިދާރީ ހުރަސްތަކެވެ. ނަމަވެސް، މިހާރު ކިޔަވަމުންދާ، އަދި ބޭރުގައި ތިބި ބަޖެޓު ކޮށްފައިވާ ފައިސާއަށް ބަރޯސާވެފައިވާ ދަރިވަރުންނަށް މިފަދަ ބަހަނާތަކަކީ ޤަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ. ދަރިވަރުންގެ ޝަކުވާ އަކީ، މަސްތަކެއް ވަންދެން ފައިސާ ޖަމާކޮށްފައި ނުވުމުން ކިޔެވުމުގެ ފީތައް ނުދެއްކި، ދަރިވަރުން ބޮޑު ހާސްކަމެއްގައި ތިބެން ޖެހުމެވެ.

ދަރިވަރުންގެ ލޯނު ސްކީމަށް ކަނޑައެޅި ފައިސާގެ ތެރެއިން 227.2 މިލިއަން ރުފިޔާ ބޭނުން ނުކޮށް ދަރިވަރުން ބިކަވެފައިވީ ނަމަވެސް، ސަރުކާރު ހިންގުމުގެ އެކި ދާއިރާތަކަށް ޖުމްލަ 6.78 ބިލިއަން ރުފިޔާގެ ބަޖެޓު އިތުރުވެފައިވެއެވެ. މީގެތެރޭގައި ރައީސް އޮފީހުގެ ޚަރަދުތަކާއި، ރަސްމީ ދަތުރުފަތުރުގެ ޚަރަދުތަކާއި، އަސްކަރީ ކަންކަމާ ގުޅޭ ޚަރަދުތައް ހިމެނެއެވެ. ރައީސް އޮފީހުގެ ބަޖެޓު 7.1 މިލިއަން ރުފިޔާއިން އިތުރުވެ، ދިފާޢީ ވުޒާރާގެ ބަޖެޓު ވެސް ވަނީ އިތުރުވެފައެވެ.

ހަމައެއާއެކު ދައުލަތުގެ އޮޕަރޭޝަނަލް ޚަރަދުތައް 2.12 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، މެމޮރަންޑަމް އައިޓަމަށްވެސް 3.66 ބިލިއަން ރުފިޔާ އިތުރު ކޮށްފައިވެއެވެ. މީގެ ތެރޭގައި ލޯނުތައް ދެއްކުމަށާއި، ސަބްސިޑީއަށާއި، ރަސްމާލެ ހިއްކުމުގެ މަޝްރޫޢަކީ ބިލިއަނުން ރުފިޔާ ޚަރަދު ކުރަމުންދާ ދާއިރާތަކެވެ.

އޭގެއިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށްވެސް ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. މީގެ ތެރޭގައި ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް 825.4 މިލިއަން ރުފިޔާ އިތުރު ކޮށްފައިވާއިރު، ފުލުހުންގެ ބެހޭ ތަކެއްޗަށް ކުރެވުނު ޚަރަދުތައްވެސް ހިމެނެއެވެ.

މާލީ ވުޒާރާގެ ރިޕޯޓުން ދައްކައިދެނީ ސަރުކާރުން އަމިއްލަ އިޚްތިޔާރުގައި ބަޖެޓު އައިޓަމަށް ކަނޑައަޅާފައިވާ އިމުގެ ބޭރުން ޚަރަދު ކުރަމުންދާ ކަމެވެ. ނަމަވެސް ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންގެ ކަންކަމަށް އިސްކަން ނުދީ، ސަރުކާރުގެ އިސްފަރާތްތަކުގެ ފަސޭހައަށާއި، ދަތުރުފަތުރަށާއި، އަސްކަރީ ކަންކަމަށާއި، މަޝްހޫރު ބޮޑެތި މަޝްރޫޢުތަކަށް ބިލިއަނުން ރުފިޔާ ޚަރަދުކުރުމަކީ ބަލައިގަންނަން ދަތި ކަމެކެވެ.

ކަންމިހެން އޮތް ނަމަވެސް 2025 ވަނަ އަހަރު ނިމުމުގެ ކުރިން ދަރިވަރުންނަށް ލޯނުގެ ފައިސާ ދޫކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ނޫންނަމަ، ތަޢުލީމަށް މިސަރުކާރުން އަހައްމިއްޔަތުކަން ނުދޭކަމާއި، ތައުލީމް އުނގެނުމަކީ މުހިންމު ކަމެއް ނޫން ކަމުގެ ތަސައްވުރެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިއީ ދަރިވަރުންނަށް ފައިސާ ނުދީ، ހަމައެކަނި ބަޖެޓު ކޯޑުން ފައިސާ ބާކީ ކުރުމުގެ މައްސަލައެއް ނޫނެވެ، މިއީ ސަރުކާރު ހިންގުމާއި، ޖަވާބުދާރީވުމާއި، ގައުމުގެ މުސްތަޤްބަލަށް އޮތް ސުވާލެކެވެ.



ކިޔުންތެރިންގެ ހިޔާލު