މޮޅު ގާނޫނީ ވަކީލުންނަކީ ވަރަށް ދޫހެލޭ، ބަހަށާއި ބަހުރަވަޔަށްވެސް މޮޅު އަދި ޑްރާމާއަށްވެސް އެހާމެ މޮޅު ބޭފުޅުންނެވެ. އެބޭފުޅުން ކަމެއް ސާބިތު ކުރައްވަން އަމިއްލައަށް މަރުވާކަމަށްވެސް ދައްކަވައި ފާނެއެވެ. އަދި ފަނޑިޔާރުގެ ކުރިމަތީގައި ކޮންމެފަދަ ވާހަކައެއް ދައްކަވައި ކޮންމެ ފަދަ ވަށްތަރެއްވެސް ޖައްސަވައިފާނެއެވެ. މިއީ ކުރިން އަޅުގަނޑުމެންނަށް ފިލްމްތަކާއި ޑްރާމާތަކުން ފެންނަމުން ދިޔަ މަންޒަރު ތަކެއް ނަމަވެސް މިއަދު ދިވެހި ރާއްޖޭޣެ ކޯޓު ރޫމް ތަކުގެ ތެރެއިން ލައިވްކޮށް އެމަންޒަރުތައް ދިވެހިން ގެންދަނީ ބަލަމުންނެވެ.

މިފަދަ ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. ކުރީގެ ނާއިބްރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ދަޢުވާ ކުރަނީ ރާއްޖޭގައި މިފަހުން ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތުހުމަތުގައެވެ. އަދީބުގެ މައްޗަށް އެންމެ ފަހުން ދައުލަތުން އުފުލި ހަތް ދަޢުވާއެއް ދަށު ކޯޓަށް ހުށައެޅި ހިނގަންވެސް ފެށިއެވެ. ނަމަވެސް މައްސަލަތަކުގެ ދަޢުވާ ރަނގަޅަށް ފަށައި ނުގަނެވި އުޅެނިކޮށް ފަނޑިޔާރަށް ގަބޫލުކުރެއްވުނު ކަންތައް ތަކެއްގެ މައްޗަށް ބިނާކޮށް މައްސަލަތައް ބޭރުކޮށްލެއްވީއެވެ.

މިމައްސަލައިގައި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ނޫސްކޮންފަރެންސް ބާއްވައި އިންޓަރވިއު ދެއްވައި އެމަނިކުފާނަށް އެކަމުގައި ފެނިވަޑައިގަންނަވާ ގޮތް ހާމަކުރެއްވިއެވެ. އެމައްސަލަ ނިންމި ގާޒީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ނުސީދާ އިންޒާރުތައް ދެއްވިއެވެ. އަދި އަދީބަކީ ބޮޑު ކުށްވެރިއެއް ކަމަށް ވިދާޅުވެ ވަގުތުން ގާނޫނީ ފައިސަލާ އިއްވެވިއެވެ. އަދި އަދީބާއި ދެކޮޅަށް ހުރި ހެކިތަކާއެކު ކުރެވެން ހުރި ދައުވާތައްކޮށްފި ނަމަ އެތައް ސަތޭކަ އަހަރުގެ ހުކުމް އަދީބުގެ މައްޗަށް އަންނާނެ ކަމަށް ވިދާޅުވެ ވަރަށް ވެސް ކޯފާ އިސްކުރެއްވިއެވެ.

މީގެކުރިންވެސް އެކި މީޑިއާތަކުގައި ޝަމީމު ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ވާހަކަ ދައްކަވާފައެވެ. އަދި ގާނޫނު ދަންނަ މަފްހޫމަކީ މީހެއްގެ މައްޗަށް ޝަރުޢީ ކޯޓަކުން ގާޒީއަކު ހުކުމެއް ނުކުރާހާ ހިނދަކު އެމީހާއަކީ ކުށްވެރިއެއް ނޫންކަމަށް އޮންނަ މަފްހޫމްވެސް ވަރަށް ބޮޑަށް ހަނދުމަފުޅު ނެތް ކަމަށް ބުނާ ވަރަށް އެވާހަކަ ތިލަކޮށް ދައްކަވާފައި އެބަހުއްޓެވެ. އެހެންވީމާ އަދީބާއި ދެންވެސް ބައެއް މީހުންގެ ނަން ވިދާޅުވެފައި އެމީހުންނަކީ މައްސަލައިގެ މުގުލުލައި ތިބި ބޮޑެތި ކުށްވެރިން ކަމުގައި ޕީޖީ ވަނީ ވިދާޅުވެފެފައެވެ. އަދި މި ޚިޔާނާތުގެ ފައިސާ ބެހިފައިވާ ގޮތާއި އެފައިސާގައި ޖެހުނު މީހުންނާއި ޖެހިފައިވާ ގޮތާއި އަދި އެކި މީހުން ޖެހިފައިވަނީ ކޮންކަހަލަ ފައިސާއެއް ކަމަށް ދޭހަވާ ގޮތަށް ވެސް ވާހަކަ ދައްކަވާވެފައި ވެއެވެ. އެކަމަކު މި ފައިސާ ބޭނުން ކުރުމާ ބެހޭ ގޮތުން ވިދާޅުވާ ވަރަށް މޮޅު ވާހަކަފުޅެއް އޮވެއެވެ. އެއީ އެމްއެމްޕީއާރްސީން އެބުނާ ގޮތަށް ވަގަށް ނެގި ފައިސާ ވެސް ރަނގަޅު ގޮތުގައި ބޭނުން ކޮށްފައިވާ ބަޔަކު ތިބި ވާހަކައެވެ. އެވާހަކަ އެގޮތަށް ވިދާޅުވަނީ ކީއްވެގެންކަން އަޅުގަނޑަށް ހީވާ ގޮތަށް ދަންނަވާލާނަމެވެ.

މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމަކީ ވަރަށް ތަޖުރިބާކާރު ގާނޫނީ ބޭފުޅެކެވެ. މޮޅު ބޭފުޅެކެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރެއްވުމުގެ އިތުރުން ޝަމީމު ވަނީ މީގެކުރިން ޕީޖީ އޮފީހުގައި ވެސް މަސައްކަތް ކުރަށްވާފައެވެ.

ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ފުރަތަމަ ހައްޔަރު ކުރެވުނީ ރައީސް އަބްދުﷲ ޔާމިން ހައްޖުން ވަޑައިގެން ދަތުރު ކުރެއްވި ލޯންޗު ކޮޅު ގޮއްވާލި ހާދިސާގެ ތުހުމަތުގައެވެ. އަދީބު ހައްޔަރު ކުރީ ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކުން އެނބުރި ވަޑައިގެންނެވުމުން އެއަރޕޯޓުން، ސީދާ ބޯޓުގެ ސިޑިމަތިންނެވެ. ހައްޔަރު ކުރި ގޮތަށް ގެންދިޔައީ ޖަލުގެ ކުޑަގޮޅިއަށެވެ.

ހައްޔަރު ކުރުމަށްފަހު އަދީބުގެ މައްޗަށް ފުލުފުލުގައި ދައުވާތައް އޮއްސާލިއެވެ. އަދި ފުލުފުލުގައި ހުކުމްތައް ޖަހާލައި މިއިން ދުވަހަކު ޖަލުން ސަލާމަތް ނުވެވޭ ވަރަށް ހުކުމްތައް އިއްވިއެވެ. އެވަރުންވެސް ކުރެވޭ ތުހުމަތުތައް ނިމުނީއަކީ ނޫނެވެ. ރައީސް ޔާމިންގެ ވެރިކަން ނިމުނުއިރު ވެސް ޕީޖީ އޮފީހުގައި އަދީބުގެ މައްސަލަ ތަކުގެ ފައިލްތައް ބަރިޖަހާލާފައި ހުއްޓެވެ. އަދި އޭރުވެސް އަދި ތަހުގީގުތައް ހިނގަމުން ދެއެވެ. ފުލުހުންވެސް ހެސް ކިޔާފައި ތަހުގީގުތައް ކޮށް ނަގަނީއެވެ.

ރައީސް ޔާމިންގެ ސަރުކާރު ނިމެމުން ދިޔައިރު އުފަންވި ފެބްރުއަރީ އެކެއްގެ ބޮޑު ހުކުމާއި ގުޅިގެންނާއި އެހުކުމް އައުމުގެ ކުރިން ކޮށްފައިވާ “ސިޔާސީ” ހުކުމް ތަކުގައި ގިނަ ސިޔާސީ ވެރިން ތިބީ ޖަލުގައި ނޫނީ، ހަނި ގޮތަކުން ޖަލުން ދެމިގަނެގެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެންނެވެ. އެކެއް ފެބްރުއަރީގެ ބޮޑު ހުކުމް އައީ ޔާމިންގެ ވެރިކަމުގެ އެންމެ ފަހު އަހަރުއެވެ. ކުއްލިއަކަށް ރޭގަނޑެއްގެ ދިހައެއް ޖަހާ އެހާކަންހާއިރު ސްޕްރީމް ކޯޓުން ނެރެލި ވަރުގަދަ ހުކުމެކެވެ. އެހުކުމާއެކު އޭރު “ސިޔާސީ” ހުކުމްތައް ޖަހާފައި ތިބި އެންމެން މިނިވަން ވީއެވެ. ކުރިން ކޮށްފައިވާ މިދެންނެވި ގިނަ ހުކުމްތައް ބާތިލުކޮށް ބައެއް ހުކުމްތައް “މިނިވަން ކޯޓަކުން މިނިވަން ޝަރީޢަތެއް ހިންގައި” އަލުން ބަލަން އަމުރު ކުރީއެވެ.

އަދީބަކީވެސް މި ހުކުމާއެކު އެހާހިސާބުން މިނިވަންވެފައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް ރައީސް ޔާމީންގެ “ދަގަނޑު އަތުގެ ބާރު” އެހުކުގެ މައްޗަށް ގަދަ ކުރަށްވައި އެހުކުމް ހިންގިޔަކަ ނުދިނެވެ. އެކި ގޮތްގޮތަށް އެހުކުމް އަނބުރަމުން ގޮސް އެންމެ ފަހުން އޭރު ސްޕްރީމް ކޯޓުގައި ތިބި އެންމެ ވަރުގަދަ ދެ “ޑީލަރުން” އުފުރާލައި ކުޑަ ގޮޅިއަށްލައި ހުކުމް ވެސް ޖެހީއެވެ. ބޮޑު ހުކުމުގެ “ޑީލް” ގައި މިނިވަން ވެ މާލެ ވަޑައިގަންނަވަން އަދީބު ލޯންޗަށް ވެސް އެރުވި ކަމަށް ވެއެވެ. އެކަމަކު ޔާމިންގެ “ދަގަނޑު އަތް” އެއަށްވުރެ މާ ބާރު ގަދައެވެ. ވަގުތުން އަދީބު އަނބުރާ ޖަލަށް ގެންދަވައި ކުރިއަށްވުރެ އަދަބު ބޮޑުކޮށް ގޮޅި ވެސް ކުޑަކޮށްލީއެވެ.



ކޮންމެއަކަސް 2018 ގައި ޔާމީނާއި ދެކޮޅު އެންމެން އެކުވެ ކޯލިޝަން ހަދައިގެން އިންތިޚާބު ކާމިޔާބުކޮށް ފެބްރުއަރީ އެކެއްގެ ހުކުމް ހިންގައި އެހުކުމްގައި ބުނާ އެންމެން ދޫކޮށްލިއިރު އަދީބު “ފަކީރު” އިނީ ހަމަ ކުރީން އޮތް ހުކުމުގައި ޖަލުގައެވެ. ކޯލިޝަން ސަރުކާރުން ވެސް ބޭނުންވީ އަދީބުގެ މައްސަލައާއި އަދި އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި ހުކުމް ޖަހައި އަދި އެބުނާ ފައިސާ ލިބުނު ލިސްޓުގައި ތިބި “ވަކި ބަޔަކަށް” ހުކުމް ކޮށް ނޫނީ އެމީހުންގެ ވާހަކަ މީޑިއާއަށް ތިލަކޮށް ބޮޑު ބޭޒާރަކުން ބޭޒާރު ކޮށްލާށެވެ. އެކަން ކުރަން ފެށީ މަޖިލީހުގެ ތެރެއިންނެވެ.

ކަންވީ ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. އެބުނާ ލިސްޓުގައި މިހާރާއި އެހާރުގެ މަޖިލިސް މެންބަރުންނާއި އެމްޑީޕީގެ އިސް ފަރާތްތަކުގެ ނަންތައް ވެސް ހިމެނެއެވެ. އެހާހިސާބުން ލިސްޓު ބޭރުވެއްޖެއެވެ. ދެން ކަންވީ ބުޅާ ގޯނިން ބޭރުވީމާ ވާ ގޮތަށެވެ. ދެން ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ ތެރެއިން ބައެއް މީހުން “ކްލީން” ވެ މިނިވަންވެސް ވިއެވެ. ދެން އެލިސްޓުން “ކްލީން” ކުރަން ޖެހޭ މީހުންނާ މެދު ގޮތެއް ނިންމުމުގެ ބާރު މިހާރު އޮތީ ޕީޖީ ޝަމީމުގެ “ދިގު” އަތްޕުޅުގައެވެ.

މިހާހިސާބުން މިހާރުގެ ޕީޖީ އަހުމަދު ޝަމީމު އަދީބުގެ މައްސަލައިގައި ދަޢުވާކޮށް ޑީލް ހައްދަވަން ހުރީމާ “ކަޑަވާގޮތް” ދަންނަވާލެވޭތޯ ބަލާނަމެވެ.

މިހާރުގެ ޕީޖީ ޝަމީމަކީ އަހުމަދު އަދީބު ހައްޔަރު ކުރުމުން އޭނާގެ ދިފާޢީ ވަކީލެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ދިފާޢީ ވަކީލެކެވެ. އަދީބުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވައިގެން މީޑިއާއަށް މައުލޫމާތު ދެއްވައި އޭރު ނެރުއްވި ބަޔާންތައް ނެރުއްވީ ވެސް ޝަމީމެވެ. ޝަމީމު އޭރު މުހާތަބު ކުރައްވަމުން ގެންދެވި “ފިނިފެންމާ ދޯނި ކޮޅު”ގައި ބޮން ގޮށްވި ހާދިސާގައި އަދީބުގެ ދިފާޢީ ވަކީލަކީ ވެސް ޝަމީމެވެ. އަދި ހަމަ އޭރު އަދީބުގެ މައްޗަށް ތުހުމަތުކޮށް ތަހުގީގު ކުރަމުން ދިޔަ އެމްއެމްޕީއާރްސީގެ މައްސަލައިގައި ނާއިބް ރައީސް އަދީބާއި އަދި އެ ކުންފުނީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ދިފާޢީ ވަކީލަކީ ވެސް ޝަމީމެވެ. އެއީ ހަމަ މިހާރު މިހުންނެވި ޕީ ޖީ ޝަމީމެވެ. އަދި ޝަމީމަކީ އެދެބޭފުޅުންގެ ވަކީލުކަމަށް ވިދާޅުވަނީ ވެސް ހަމަ ޝަމީމުގެ ދުލުންނެވެ. ނޫސްވެރިންގެ ކުރިމަތީގައެވެ. މިލިއުމުގައި މިކަމުގެ ހެއްކެއްގެ ގޮތުން އެ ވިޑިއޯ ފްޓޭޖްވެސް އެވަނީ ހިމަނާލާފައެވެ.



ގިނަ ބަޔަކު ހީކޮށްގެން ތިބީ މިހާހިސާބުން ޝަމީމާއި އެމްއެމްޕީއާރްސީގެޚިޔާނާތުގެ “މޭސްތިރިންނާ” އޮތް ގުޅުން ނިމުނީ ކަމަށެވެ. ނަމަވެސް އެކަންވީ އެހެނެއް ނޫނެވެ. ދާދިފަހުން އަމިއްލަ ފަރާތަކުން ރާއްޖޭގެ ފުރަތަމަ ބާ ކައުންސިލަށް ހުށައެޅި މައްސަލައެއްގައި ބުނާ ގޮތުން ޝަމީމު އެ މައްސަލައިގެ ތެރެއަށް ވަދެ ވަޑައިގެންފައި ވަނީ ހީކުރި ވަރަށް ވުރެ މާ ފުނަށެވެ. އަދީބާއި ޒިޔަތު ނޫނަސް މިމައްސަލައިގައި އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުރި މީހަކަށްވެސް ވަކީލެއްގެ އެހީތެރިކަން ޝަމީމު ދެއްވާފައިވާ ކަމަށް ވެއެވެ. އަދި އާންމުކޮށް މައްސަލަތަކުގައި ނަންގަވާ ވަރަށްވުރެ ބޮޑުކޮށް އަގު ނެންގެވި ކަމަށްވެސް އެމައްސަލައިގައި ތުހުމަތު ކޮށްފައި ވެއެވެ.

މިބުނާ މީހާ ހުށައެޅުއްވި މައްސަލައިގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ހުރި ކަމަށް ޝަމީމަށް ވިދާޅުވެވިދާނެއެވެ. ނަމަވެސް އަދީބާ ޒިޔަތުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި، އެދެބޭފުޅުން އަތުން އަގު ނަންގަވައިގެން މަސައްކަތްކޮށް ނުދެއްވަމެކޭ ވިދާޅެއް ނުވެވޭނެއެވެ.

އެހެންވީމާ އިންސާނުންގެ ހަމަ ބުއްދިއާއި އަދި ހަމައާއި އުސޫލުން އެކަނި ވިސްނާލި ނަމަވެސް އަދި ޝަރުޢީ ހަމަ ތަކުގެ މަތީން ގޮތް ނިންމި ނަމަވެސް މައްސަލައިގެ ތުހުމަތު ކުރެވޭ މީހެއްގެ ނުވަތަ ބައެއްގެ ނޫނީ މުވައްކިލުންގެ ދިފާޢީ ވަކީލުގެ ގޮތުގައި އެއް މައްސަލައެއްގައި އިއްޔެ ޝަރުޢީ ކޯޓުތަކަށް ޖަވާބުދާރީވެ އެމީހުންގެ ދިފާޢުގައި ވަކާލާތު ކުރައްވައި މީޑިއާ ތަކުގެ ކުރިމަތީގައި އެމީހުންގެ ދިފާޢުގައި ވާހަކަ ދައްކަވަމުން ގެންދެވި ބޭފުޅަކު ކުއްލިއަކަށް އޭރު އުޅުއްވި ތޮތްޕާއި ތުރުކުރެއްވި ކޯޓު ބަދަލުކޮށްލައްވައިގެން މިއަދު ދަޢުލަތުގެ ފަރާތުން ހަމަ އެ މައްސަލަ ތަކުގައި ދަޢުވާ ކުރައްވާ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯ ނޫނީ އެއީ ޝަރުޢީ ނިޒާމު ދަންނަ މަފްހޫމެއްތޯ މިއަދު އެބަ ނިންމަން ޖެހެއެވެ. ހަގީގަތުގައި މިއީ އަދީބުގެ ހަތް މައްސަލަ ކޯޓުން ބޭރުކޮށްލުމަށްވުރެ މާ ހައްސާސްކަން ބޮޑު ކަމެކެވެ. މައްސަލައިގެ ޝަރުޢީ މަރުހަލާ ފެށުމުގެ ގޮތުން ފަނޑިޔާރުން ގޮތެއް ނިންމަން ޖެހޭ ވެސް މައްސަލައެކެވެ.



ޝަމީމަކީ އިއްޔެ އަދީބާއި އެއްކޮޅަށް ވަކާލާތު ކުރައްވައި “ޑީލް” ހެއްދެވި ވަކީލެކެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. މިއަދު ޝަމީމު އަދީބާއެކު “ޑީލް” ހައްދަވަނީ ދައުލަތުގެ ފަރާތުންނެވެ. ދައުލަތުގެ ފަރާތުން ދައުވާ ކުރަށްވާ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުންނެވެ. އެހެންވީމާ އިއްޔެ ހެއްދެވި ޑީލާއި މިއަދު ހައްދަވާ “ޑީލް” ގައި މަސްލަހަތުގެ ފުށުއެރުން ތަކެއް ނުހުންނާނެ ކަމަށް ދަންނަވާން ކެރިވަޑައިގަންނަވާ ބޭފުޅަކު ޖަދަލު ކުރައްވަން ވަޑައިގަންނަވާށެވެ. ހުއްޖަތް ދައްކަވާށެވެ.

އަދީބުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ދަށު ކޯޓަށް ހުށައެޅި ހަތް ދައުވާ ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިޢުނާފް ކުރި ވާހަކަ ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން ވާނީ އައްސަވާފައެވެ. އަދި އެމައްސަލަ ނިމުނުގޮތް ވެސް ގިނަ ބޭފުޅުން އަދި ހަނދުމަފުޅު ހުންނާނެއެވެ. ދަށު ކޯޓުން މައްސަލަ ބޭރުކޮށްލީ އަދީބަށް މަންފާއެއް ވާގޮތަށް ކަމަށް ބުނެވިދާނެއެވެ. އެއަށްފަހު ޝަރުޢީ ގޮތުން އަދީބު ވަނީ މުޅިން މިނިވަން ވެފައެވެ. އޭގެ ފަހުން އަދީބަކީ މިނިވަނެކެވެ. ބާރެއް އޮވެގެން ބަންދުކޮށްފައި ބެހެއްޓިޔަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަދި ޝަރުޢީ ނިޒާމު ދަންނަ މަފްހޫމަކީ އެއީއެވެ.



ޝަމީމު އަދީބުގެ ވަކީލެއްގެ ހައިސިއްޔަތުން މީޑިއާއަށް މައުލޫމާތު ދެއްވަނީ

ދެން އޮތީ އަދީބު ހައިކޯޓުގައި އެއްބަސްވި އެއްބަސްވުމެވެ. މައްސަލަ ހިނގައި ދިޔަ ގޮތް ބަލަން އިން މީހަކު ހަމަ އާޝޯޚު ވާނެއެވެ. ހީވަނީ ހަމަ ކުރިން ޑައިލޮގް ލިޔެ ރާވާފައި އޮތް ޑްރާމާއެއް ލައިވްކޮށް ފެނިގެން ދިޔަ ހެނެވެ. އަދީބު މުޅި މަޖިލީހުގައި ވާހަކަ ދައްކައި ނިންމާލީ ދައުލަތާއި އެއްކޮޅަށެވެ. އެ ޝަރީއަތަކުން މުވައްކިލުގެ ދިފާޢީ ރޯލެއް ދަޢުލަތުގެ ބަހާއި ދެކޮޅަށް ބަސްބުނާ އަޑެއް ނީވުނެވެ. ޑީލް ހެދޭނީ މިވަރަށެވެ. މިވަރު ވީމާ އެ ހެދި “ޑީލް” އަކީ ކިހާވަރެއްގެ ޑީލެއްތޯ ފަނޑިޔާރުންވެސް ސުވާލު އުފައްދަން ޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ.

އެ ޝަރީޢަތުން އަޅުގަނޑަށް ތަސްވީރު ވެގެންދިޔައީ ފިލްމް ތަކުން ފެންނަ ފަދަ މަންޒަރެކެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މައިތިރި ކުރުމަށް އޭނާއަށް މަޖުބޫރު ކުރުވަނީ އާއިލާގެ ކޮންމެވެސް މީހަކު ރަހީނުކޮށްގެންނެވެ. ނޫނީ އެފަދަ ކޮންމެވެސް ނުބައި ކަމެއް ނޫނީ އޭނާއަށް ބޮޑު ގެއްލުމެއް ލިބޭ ކަމެއް ކުރާން އޭނާއާއި ދެކޮޅަށް ދައުވާ ކުރާ މީހުން ބުނެގެން މަޖުބޫރީ ހާލަތުގައެވެ.

އަދީބު އެދުވަހު ވާހަކަ ދެއްކެވި ގޮތުންނާއި ފެނުނު މަންޒަރު ތަކުން ސިފަވެގެން ދިޔައީ ހަގީގަތުގައި ވެސް އެފަދަ މަންޒަރެކެވެ. މުވައްކިލަކު އެފަދަ ގޮތަކަށް ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވި ނަމަވެސް އެއީ އަދި ހަގީގަތް ކަމުގައި ފަނޑިޔާރުން ބަލައިގެން ނުވާނެއެވެ. އެކަމުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއް އޮތްތޯ ބެލުމަކީ ފަނޑިޔާރުންގެ ވާޖިބެކެވެ. ކުރަން ޖެހޭނެ ކަމެކެވެ. އެހެން ނޫނީ މުސްތަގުބަލުގައި މިފަދަ މާ ނުރައްކާ “ޑީލް” ތައް ހެދެމުންދާތަން ފެނުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޒަރީރު

30-Sep-2020

މި މަގާމަށް އެއްވެސް ގޮތަކަށް ކުފޫ ހަމަވާ މީހަކަށް މިހާރު މީނާނުވާނެ


3

ހަސަނު

30-Sep-2020

މީ މި ސަރުކާރަށް ކުރިމަތި ވެފައިވާ އެއްމެ ބޮޑު ހުރަސް މި ޝަމީމް މި ހުންނަނީ މުޅި ސަރުކާރު ބުލެކުމެއިލް ކޮށްގެން މަގާމަށް ސަވާރުވެގެން މި ސަރުކާރަށް މި ކަލޭގެ ބޭރުކުރެވޭނެ ގޮތެއް ވެސް ނެތް އޭނަ ބަހައްޓައިގެން ކުރިޔަށް ދާން ވެސް އެހާމެ ބަލާ ބޮޑު



ޓްރެންޑިން