ގުޅީފަޅު ހިއްކުން ކުރިޔަށްދަނީ
ގުޅީފަޅު ހިއްކުން ކުރިޔަށްދަނީ
ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން، ރައީސް ޞާލިޙްގެ ސަރުކާރުގައިފެށީ "ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވާ 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ކުރީ ސަރުކާރުން "ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ދޭން ނިންމާފައިވަނީ ޖުމްލަ 5،186 ގޯތި ކަމަށާއި އެއީ 170 ހެކްޓަރުގެ ބިން ކަމަށެވެ. ނަމަވެސް ގިރާވަރުފަޅުގައި އެންމެ އެކަށީގެންވާވަރަށް ދިރިއުޅުމުގެ މާހައުލު ގާއިމުވެފައި ނެތް ކަމަށް މި ސަރުކާރުން ޤަބޫލުކުރެވޭތީ، މި ބަދަލު ގެނައުމަށް ނިންމާފައިވާ ކަމުގައި މިނިސްޓަރ ހާމަކުރެއްވިއެވެ.

މި ނިންމުމާއެކު، ގިރާވަރުފަޅުން 4،072 ގޯތި ދިނުމަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ލޭންޑް ޔޫސް ޕްލޭން ފާސްވުމާ އެކު، އެ ނިންމުން ވަރަށް އަވަހަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރާނެ ކަމަށް ވެސް މިނިސްޓަރ މުއްޠަލިބު ވަނީ ފާހަގަކުރައްވާފައެވެ.

"4،072 ގޯތި އެ ތަނުން ނަގައި އެގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް މިހާރު ވަނީ ގެޒެޓް ކުރުމުގެ މަރުހަލާގައި." މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 47 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާއެވެ. މިއީ ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ 74.6 އިންސައްތައެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހިން މުޅި ޖުމްލަ ހިއްކަން ހަމަޖެހިފައި ވަނީ 63 ހެކްޓަރުގެ ބިމެވެ. ވަޒީރު މިއަދު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހަށް ނިންމާނެ ކަމަށެވެ.

މީގެއިތުރުން، އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުންނާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުވެސް ދެއްވާފައެވެ. އެގޮތުން މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާއިރު، ޖުމްލަ 3879 ފަރާތަކާއެކު ފްލެޓު އެއްބަސްވުން ގާއިމްކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކާވެސް އަންނަ ޖަނަވަރީ މަހު ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ޔަގީންކަން ދެއްވާފައެވެ.

"ފްލެޓު ހަވާލުކުރުން ލަސްވެގެން ގޮސްފައި ވަނީ އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައި ނުވުމުން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، "ގެދޮރުވެރިޔާ" ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަނުން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު