ކުރަމަތި ރިޒޯޓުން ކޯވިޑް19 ގެ އަލާމާތްތައް ހުރި މީހަކު ފެނިގެން އޭނާ ޓެސްޓްކުރާތީ އެރަށަށް މީހުން އަރާފޭބުން މަނާކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒު ވިދާޅުވީ ކުރަމަތި ރިޒޯޓަށް އަރާފޭބުން ވަގުތީ ގޮތުން މަނާކުރީ އެރަށުގައި ޗުއްޓީ ހޭދަކުރަމުންދާ ދެމަފިރިންގެ ތެރެއިން އެކެއްގެ ގައިން ކޯވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އޭނާ ޓެސްޓް ކުރަމުން ދާތީއެވެ.

މީގެއިތުރުން ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކުވެސް ކޯވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓް ކުރާތީ އެރިޒޯޓުވެސް ވަނީ އާންމުކޮށް އަރާފޭބުން މަނާކޮށްފައެވެ.

ކޯވިޑް 19 އަށް ޕޮޒިޓިވް ވި ދެމީހުން ފުރަތަމަ ފެނުނު ކުރެއްދޫ ރިޒޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހާއާއި ބައްދަލުވި އެމިރޭޓްސް އެއަރލައިންސްގެ މާލޭ އޮފީހުގެ މުވައްޒިފާއި އިޓަލީ މީހާއާއި ރިޒޯޓުން ބައްދަލުވި ފަހުން ފޯކައިދޫއަށް ގޮސްހުއްޓާ ބައްޔަށް ޝައްކު ކުރެވިގެން ފަރުކޮޅުފުށްޓަށް ގެންގޮސް ޓެސްޓްކުރި މީހާވެސް ބައްޔަށް ނެގެޓިވް ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މަބްރޫކް މިއަދު ވިދާޅުވީ މާލޭގައި މިހާރު ވަގުތީ ގޮތުން ދެ ފްލޫ ކްލިނިކް ހުޅުވާފައިވާނެ ކަމަށެވެ. ޓްރަވަލް ކްލިނިކްގެ ނަމުގައި ހުޅުވާފައިވާ މިދެކްނިކްގެ ތެރެއިން އެއް ކްލިނިކަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ފަހުން ރޯގާގެ އަލާމާތެއް ފެނިގެން ދައްކާ ކްލިނިކެކެވެ. އަނެއް ކްލިނިކަކީ ބޭރަށް ނުދިޔަ ނަމަވެސް ރޯގާގެ އަލާމާތްތައް ފެނިގެން ދެއްކުމަށް ޚާއްޞަ ކުރެވިފައިވާ ކްލިނިކެކެވެ. މި ކްލިނިކްތައް ހިންގަނީ މާލޭ ސިނަމާލެ 2 ގެ ފުރަގަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން