ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު
ވަޒީރު މުއްޠަލިބް ފްލެޓްވީ އިރުވެސް ރައްޔިތުންނަށް ފްލެޓް ނުލިބުނު ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު މިއަދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި މަލީޙް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ "ބަޑީ" ވަޒީރު މުއްޠަލިބް ފްލެޓްވި އިރުވެސް ރައްޔިތުންނަށް ފްލެޓް ދެވިފައިނުވާ ކަމަށެވެ.

"ދީފައި ހުރި ފްލެޓްތައްވެސް އެ އަތުލީ. މިސަރުކާރު ފްލެޓް ވާއިރުވެސް ބިމުން މައްޗަށް އަދި ފްލެޓެއް ނާރާ." މަލީޙް ވިދާޅުވިއެވެ.

މަލީޙް މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުއްޠަލިބް ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓްގެ ތެރެއިން، 3879 ފަރާތެއްގެ ފްލެޓު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ފްލެޓުގެ ތަޅުދަނޑި 399 މީހަކާ ޙަވާލު ކޮށްފައިވާއިރު، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެންމެނަށް ތަޅުދަނޑިތައް ހަވާލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގެދޮރުވެރިޔާ މި ސްކީމްގެ ދަށުން ދޫކުރާ ޕްލެޓްތަކުގެ ތެރޭގައި 3 ކޮޓަރީގެ 2800 ފްލެޓާއި، 2 ކޮޓަރީގެ 1200 ފްލެޓު ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު