ކުރީގެ ރައީސް ވަހީދު އާއި، އިޖާޒް-
ކުރީގެ ރައީސް ވަހީދު އާއި، އިޖާޒް-
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަންގެ ކާފަ ދަރިކަލެއް ކަމަށްވާ އިޖާޒް ވަހީދު ގުޑްރިޗްގެ މައްޗަށް، އޭނާގެ ކުރީގެ އަނބިމީހާ ސީރިއަސް ތުހުމަތުތަކެއްކޮށް، އެ މައްސަލަ ލަންޑަންގެ ފުލުހުންނަށް ރިޕޯޓު ކޮށްފިއެވެ.

އިޖާޒް އަކީ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑިޕްލޮމެޓިކް މަގާމެއްގައި ހުންނަވާ ބޭފުޅެކެވެ. އަދި އޭނާގެ އަތުގައި ޑިޕްލޮމެޓިކް ޕާސްޕޯޓުވެސް އޮންނަ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މައްޗަށް ކުރީގެ އަނބިމީހާ ތުހުމަތު ކޮށްފައިވާ ގެވެށި އަނިޔާގެ މި މައްސަލަ މިހާރު ލަންޑަންގެ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން، އޭނާ ރާއްޖޭގައި ހުންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އިޖާޒްގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޢާއިލާގެ ފަރާތުން ބޮޑުބޭބެ ޖެފްރީ ވަހީދު ވަނީ، އިޖާޒްގެ ކުރީގެ އަނބިމީހާ އިނގިރޭސި ފުލުހުންނަށް އިޖާޒާއި ގުޅުންހުރި މައްސަލަތަކެއް ރިޕޯޓު ކޮށްފައިވާކަން ކަށަވަރުކޮށް ދެއްވާފައެވެ.

ޖެފްރީ ވިދާޅުވީ އަންހެން މީހާ އެ ރިޕޯޓު ހުށަހަޅާފައި ވަނީ އޭނާއަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިއީ ދެމީހުން ވަކިވުމަށް ފަހު ހުށަހެޅި ރިޕޯޓެއް ކަމަށްވެސް ޖެފްރީ ވަނީ ވިދާޅުވެފައެވެ. މި ރިޕޯޓު ފުލުހަށް ހުށަހެޅީ އިޖާޒް އެކައިވެނި ރޫޅާލަން ބޭނުންވާކަން ހާމަކުރުމުންކަން ފާހަގަކުރަށްވައި ޖެފްރީ ވަނީ އަންހެންމީހާގެ ތުހުމަތުތައް ދޮގުކުރަށްވާފައެވެ. ޖެފްރީ ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

ޖެފްރީ ވިދާޅުވީ އިޖާޒްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް މުޅިން ކަށަވަރު ނުވި ނަމަވެސް، ދައުރުވަމުންދާ ވާހަކަތަކުން ބިރުދެއްކުމާއި އަނިޔާކުރުމުގެ ތުހުމަތުތައް ހިމެނޭކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އިޖާޒް އޭނާގެ ކުރީގެ އަނބިމީހާ ހިމެނޭހެން އެއްވެސް ފަރާތަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި، ދެމަފިރިން ވަކިވެފައިވަނީ ދެފަރާތުގެ އެއްބަސްވުމުގެ މަތިން ސުލްހަވެރި ކަމާއެކު ކަމަށް ޖެފްރީ ވަނީ ވިދާޅުވެފައެވެ.

އިޖާޒް މިހާރު ހުރީ ރާއްޖޭގައި ކަމަށާއި، އިނގިރޭސި ފުލުހުންގެ ތަހުގީގަށް ފަސޭހައަކަށްޓަކައި އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓްވެސް މިހާރު ހަވާލުކޮށްފައި ވާނޭކަން ޖެފްރީ ފާހަގަ ކުރެއްވިއެވެ. އަދި ތުހުމަތުތަކަށް ޖަވާބު ދިނުމަށް އިޖާޒް އަނބުރާ އިނގިރޭސިވިލާތަށް ދިއުމަށް ގަސްތުކުރާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޖެފްރީ ވިދާޅުވީ ގެވެށި އަނިޔާގެ ކޮންމެ މައްސަލައަކީވެސް ސީރިއަސް މައްސަލައެއް ކަމަށާއި، އެކަން ހައްލުކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުން މުހިންމު ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ދިނުމަށް އާއިލާއިން ތައްޔާރަށް ތިބި ކަމަށްވެސް ޖެފްރީ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު