ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު
ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު
ޓިކްޓޮކް ލައިވެއްގެ ތެރެއިން ތުއްތު ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ވީޑިއޯ ނުޖައްސައި، އޯޑިއޯ އެކަނި ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ޓިކްޓޮކް ލައިވެއްގައި އަންހެނަކު، ދަރިފުޅަށް އަނިޔާ ކުރާ އަޑު އިވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބޭގޮތުގައި އެ އަންހެން މީހާ ހަޑިހުތުރު ބަހުން ހަޅޭއްލަވައި، އަނިޔާ ކުރީ އެއް އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުން ބުނީ މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އަދި މި ހާދިސާ ހިނގާފައިވަނީ މާލެ ރީޖަންގައި ހިމެނޭ ރަށެއްގައިކަން އިންޓެލިޖެންސަށް ލިބުނު މައުލޫމާތުން ހާމަވެފައި ވާކަމަށެވެ.

"އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެކަމަށް އެޓެންޑްވެ، މައްސަލައިގެ ތަހުގީގު ފަށާފަ." ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު ވިދާޅުވިއެވެ.

މިހާރު އެކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ކަމުގެ ޔަގީންކަން ވެސް ޝަރީފް ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ސޯޝަލް ފެމިލީ ޑިވެލޮޕްމެންޓާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް މިއީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ، މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު