ނިމާލް
ނިމާލް
ފިލްމީ ތަރި އަޙްމަދު ނިމާލް ނިޔާވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް އާއިލާއިން ދޮގުކޮށްފިއެވެ.

މީގެ ދެ ދުވަސް ކުރިން ޖެހުނު ސްޓްރޯކަކާ ގުޅިގެން ނިމާލަށް މިހާރުވެސް އައި.ޖީ.އެމް.އެޗްގެ އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، ރޭގެ ވަގުތެއްގައި އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައެވެ. ނިމާލް ނިޔާވި ކަމަށް ބުނެ ހަގީގަތާ ޚިލާފު ވާހަކަތަކެއް ފެތުރެން ފެށީ ފިލްމީ ދާއިރާގެ ބޭފުޅަކު ކުރި ޕޯސްޓެއްގެ މާނަ އޮޅޭ ގޮތަށް ގިނަ ބަޔަކު އެ ޝެއާކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ނިމާލްގެ ދަރިފުޅު ޖުމައިލް ނިމާލް އާއި އާއިލާގެ އެހެން މެންބަރުން ވަނީ، އާއިލާއަށް މިފަދަ ހިތްދަތި ވަގުތެއްގައި ދޮގު މައުލޫމާތު ނުފެތުރުމަށް އެދިފައެވެ. އަދި އޮޕަރޭޝަނަށްފަހު ނިމާލްގެ ހާލަތު ރަނގަޅުވާނެ ކަމުގެ އުންމީދުގައި އާއިލާއިން ތިބިއިރު، ވީހާވެސް ގިނަ ބަޔަކު ނިމާލަށް ހެޔޮ ދުއާކޮށްދިނުމަށް އާއިލާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ނިމާލް ފިލްމީ ދާއިރާއަށް ނުކުތީ 1984 ގައި "ނުފޫޒު" ފިލްމުން އެކްޓަރެއްގެ ގޮތުގައެވެ. އޭނާގެ އެންމެ ކާމިޔާބު އެއް މަސައްކަތަކީ 1993 ގައި އަމިއްލައަށް ލިޔެ، ޑައިރެކްޓްކޮށް އެކްޓްކުރި "ސިޓީ" އެވެ.

މީގެ އިތުރުން "ޒަލްޒަލާ"، "ޔޫސުފް" އަދި "ނިއުމާ" ފަދަ މަޝްހޫރު ފިލްމުތަކުގައި ޙަރަކާތްތެރި ވެފައިވާ ނިމާލަށް، ފިލްމީ ދާއިރާއިން ކުރި ހިދުމަތަށްޓަކައި 1991 ވަނަ އަހަރު ވަނީ ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު