މިއީ ހަމަ ހިލޭ ތަޢުލީމުތޯ؟ ބެލެނިވެރިންގެ ޖީބުތައް ހުލިވަނީ ޝަކުވާ އިންތިހާއަށް!
މިއީ ހަމަ ހިލޭ ތަޢުލީމުތޯ؟ ބެލެނިވެރިންގެ ޖީބުތައް ހުލިވަނީ ޝަކުވާ އިންތިހާއަށް!
ދިވެހި ސަރުކާރުގެ "ހިލޭ ތައުލީމު" ސިޔާސަތުގެ ދަށުން ގްރޭޑް 1 އަކުން ފެށިގެން ޔުނިވާސިޓީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އޮތް ނަމަވެސް، ސްކޫލަށްދާ ކުދިންގެ ބެލެނިވެރިންގެ އަމިއްލަ ޖީބުން ކުރަންޖެހޭ ހޭދަ ބޮޑުވެ، ބެލެނިވެރިންނަށް ބޮޑު ތަކުލީފަކަށް ތަޢުލީމީ ނިޒާމް ވަމުންދާކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި ޢާއްމުން ފާޅުކުރަން ފަށާއިފިއެވެ.

ސަރުކާރުން ޓެކްސްޓް ފޮތްތަކާއި އަސާސީ ބައެއް ތަކެތި ފޯރުކޮށްދިން ނަމަވެސް، ސްކޫލަށް ބޭނުންވާ ނޯޓުފޮތްތަކާއި، ގަލަން، އާޓް މާއްދާއަށް ބޭނުންވާ އަގުބޮޑު ސާމާނުގެ އިތުރުން ތަފާތު އިތުރު ހަރަކާތްތަކަށް ބެލެނިވެރިންގެ އަތުން ފައިސާ ނަގަމުންދާ ކަމުގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ބައެއް ބެލެނިވެރިން ފާހަގަކުރާ ގޮތުގައި، ޕްރައިމަރީ ގްރޭޑްތަކުގެ ކުއްޖަކަށް މަހަކު 500 އާއި 700 ރުފިޔާ އާ ދެމެދުގެ އަދަދެއް ހޭދަކުރަން މަޖުބޫރުވާ ފަހަރު އާދެއެވެ.

މި މައްސަލައިގައި ބެލެނިވެރިން އެންމެ ބޮޑަށް ކަންބޮޑުވަނީ، ސްކޫލުން ބޭނުންވާ ތަކެތި ހަމަނުކުރެވިއްޖެ ނަމަ ދަރިވަރުންނަށް ކުރިމަތިވާ ނަފްސާނީ އަސަރުތަކާ ގުޅިގެންނެވެ. އެހެން ކުދިންގެ ކުރިމަތީގައި ލަދުގަނެ ދެރަވުމުގެ ސަބަބުން، ދަރިންގެ ލޮލުން އޮހޭ ކަރުނަ ބަލަން ކެތްނުވެގެން، ގިނަ ބެލެނިވެރިންނަށް ޖެހެނީ ދަރަންޏަށް ފައިސާ ނަގައިގެން ނަމަވެސް މި ތަކެތި ހޯދައިދޭށެވެ. އެހެންކަމުން ސަރުކާރުން "ހިލޭ ތައުލީމު" ފޯރުކޮށްދޭކަމަށް ބުނި ނަމަވެސް، މިހާރުގެ ނިޒާމް ވަމުންދަނީ، އަމަލީ ގޮތުން ބެލެނިވެރިންގެ ޖީބަށް ބުރަ ބޮޑު ނިޒާމަކަށެވެ.

ދައުލަތުގެ ބަޖެޓަށް ބަލާއިރު، ތައުލީމީ ދާއިރާއަކީ އެންމެ ބޮޑު ހޭދައެއް ކުރާ އެއް ދާއިރާއެވެ. 2024 ވަނަ އަހަރުގެ ބަޖެޓުގައި 5.4 ބިލިއަން ރުފިޔާ ތައުލީމަށް ކަނޑައަޅާފައިވާއިރު، 2026 ވަނަ އަހަރުގެ ބަޖެޓުގައި މި އަދަދު 363 މިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 5.6 ބިލިއަން ރުފިޔާ) އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ބޭރުގެ އެކި ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް މި ދާއިރާއަށް ބޮޑެތި އެހީތައް ދަނީ ފޯރުކޮށްދެމުންނެވެ. ނަމަވެސް، މިހާ ބޮޑު ބަޖެޓެއް އޮވެމެ، ސްކޫލްތަކުން ބުނަނީ ބަޖެޓުން ބޭރުން ބައެއް އަސާސީ ކަންކަމަށް ބެލެނިވެރިންގެ އެހީތެރިކަން ހޯދަން މަޖުބޫރުވަނީ ކްލާސްރޫމްތަކާއި ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ޚަރަދެއް ބަޖެޓުން ހަމަނުޖެހޭތީ ކަމަށެވެ.

މިކަމުގެ ސަބަބުން އުފެދޭ އެންމެ ބޮޑު ސުވާލަކީ، ދައުލަތުން ތައުލީމަށް ކުރާ މިލިއަނުން ގުނާލެވޭ ބޮޑު ހޭދައިގެ ފައިދާ ސީދާ ބެލެނިވެރިންނަށް ނުފެންނަނީ ކީއްވެގެންތޯއެވެ؟ އަދި ބެލެނިވެރިންގެ ޖީބަށް ބުރަ ނުވާނެ ފަދަ އުސޫލަކުން މި ނިޒާމު ހަރުދަނާކުރެވޭނެ އެހެން މަގެއް ނެތްތޯ މިއީ މިއަދު ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ.



ކިޔުންތެރިންގެ ހިޔާލު