ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓުތައް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓުތައް
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ މި މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ފޮނި އުންމީދުތަކާއި ވައުދުތަކާއެކުގައެވެ. ނަމަވެސް، މިހާރު ފެންނަމުންދާ މަންޒަރަކީ ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތައް ނިންމައި، އޭގެ ހައްގުވެރިންނަށް ގޯއްޗާއި ފްލެޓް ހަވާލުނުކޮށް، އައު މަޝްރޫއުތަކުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންދާ ތަނެވެ.

މި ސަރުކާރުން މި ދައުރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް ބުނަމުންދާއިރު، ހަގީގަތަކީ ކުރީ ސަރުކާރުގެ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓްތައް އަދިވެސް ހައްގުވެރިންނާ ހަވާލުކޮށް ނުނިމޭކަމެވެ. ގިރާވަރު ފަޅާއި، ގުޅީފަޅު އަދި ހުޅުމާލެއިން ގޯތި ލިބުނު އެތައް ހާސް ރައްޔިތުންނެއް މިއަދުވެސް ތިބީ އެ ބިންތައް ހަވާލުކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ކުރީ ސަރުކާރުން ދީފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއް އަތުނުލާނެ ކަމުގެ ވައުދެވެ. ނަމަވެސް، ވެރިކަމަށް އައުމަށްފަހު ފެނިގެންދިޔައީ ފްލެޓް ލިސްޓުތައް އަލުން މުރާޖައާކުރުމުގެ ނަމުގައި ލިސްޓަށް ބަދަލުގެނެސް، ހައްގުވެރިންގެ އަތުން ފްލެޓްތައް ފޭރިގަންނަން އުޅޭ ކަމުގެ ތުހުމަތުތަކެއް ކުރެވޭފަދަ މަންޒަރުތަކެވެ. އަދި ހަމައެހެންމެ ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ފްލެޓްތައް ބަހާލަން އުޅޭކަމުގެ އަޑުތައް ގަދަވެ، ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ތެރޭގައެވެ.

ކުރީގެ ސްކީމްތަކުގެ މައްސަލަ ހައްލުނުވަނީސް، ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ވަނީ މި ސަރުކާރުގެ އައު ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ކުރިމަތިލާން ހުޅުވާލާފައެވެ. "ބޯހިޔާވަހިކަން އެންމެންނަށް" ގެ ނަމުގައި ފެށި މި މަޝްރޫއުގެ ދަށުން މި ދައުރުގައި ފްލެޓާއި ގޯތި ދީ ނިންމާނެ ކަމަށް މިނިސްޓަރ ވަނީ ވައުދުވެފައެވެ. ނަމަވެސް، ކުރީގެ ހައްގުވެރިންނަށް ލިބެންޖެހޭ އެއްޗެއް ނުލިބި އުޅެނިކޮށް، އައު އުންމީދުތަކެއް ދިނުން އެއީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައިއާއި ބާއްވާ ބައްދަލުވުންތަކުގައި، ގޯއްޗާއި ފްލެޓް ނުލިބިގެން ނިކަމެތި ރައްޔިތުން ކުރާ އާދޭސްތަކަކީ ހިތްދަތި މަންޒަރުތަކެކެވެ. ކުލި ނުދެއްކިގެންނާއި، ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުން ރައްޔިތުން ތިބީ މަގުމަތިވެފައިވާ ހާލުގައެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކުރީ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓްތައް އެއްވެސް ބަދަލެއް ނުގެނެސް ވަގުތުން ހަވާލުކުރުމަށް ސަރުކާރަށް ޑިމާންޑް ކުރަމުންނެވެ. އަދި އައު ވައުދުތަކުން ރައްޔިތުން މަގުފުރެއްދުން ހުއްޓާލުމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

މި ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތަކަށް ބަލާއިރު ފެނިގެންމިދަނީ ރޭވުންތެރިކަމެއް ނެތް، އަދި ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއް ނެތް ހިތުހުރި ގޮތަކަށް ސިޔާސަތުތަކެއް ކަނޑައަޅައި އެ ނަގަހައްޓަން މަސައްކަތް ކުރާތަނެވެ. ކުރީގެ މަޝްރޫއުތައް ފުރިހަމަނުކޮށް، އައު ސްކީމްތަކަށް ހުޅުވާލުމަކީ ހަމައެކަނި ސިޔާސީ މަންފާއަކަށްޓަކައި ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނީ މިސަބަބާހުރެއެވެ. މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ ނިޔަތުގައި ވެވޭ ތައްޔާރީއެއް ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ރައްޔިތުން ބޭނުންވަނީ ހުސް ވައުދުތަކެއް ނޫނެވެ. ބޭނުންވަނީ ގޯއްޗެއް ލިބި ދާއިމީ ބޯހިޔާވަހިކަމަށް ލިބުމެވެ.



ކިޔުންތެރިންގެ ހިޔާލު