ސްކޫލުތަކުގައި އެހެން މާއްދާތައް އިނގިރޭސި ބަހުން ކިޔަވައިދެވޭއިރު، އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައި ނުދޭންޖެހޭ ސަބަބެއް ނެތް ކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ އިސްލާމް ފޮތްތަކުގައި ހުންނަ ބައެއް ފިލާވަޅުތައް ދަރިވަރުންނަށް ދޭހަވުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ވިދާޅުވީ ކެމްބްރިޖް އަދި އެޑެކްސެލްގެ އިސްލާމް މާއްދާ ރާއްޖޭގެ ސްކޫލުތަކުގައި ކިޔެވުމުގެ އޮޕްޝަން އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެއީ ރާއްޖޭގެ ކުދިން އޭލެވެލް ހަދާއިރު މިހާރުވެސް 5 މާއްދާ އެބަ ހަދާ. އެހެންނަަމަވެސް ބޭރުގެ ޔުނިވަރސިޓީތަކުގެ އެންޓްރެންސަށް މި ބަލައިގަންނަނީ އެއިން 3 މާއްދާ އެކަނި. އިސްލާމް ދިވެހި ބަލައެއް ނުގަނޭ،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އޭ-ލެވެލް އަކީ ވަރަށް އެކްސްޓެންސިވް ޕްރޮގްރާމެއް ކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުގައި އޭ-ލެވެލްގައި ހަދަނީ 3 މާއްދާ ކަމަށެވެ. އަދި އޭ-ލެވެލްގައި 5 މާއްދާ ހެދުމަކީ އުނދަގޫ ކަމެއް ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އިސްލާމް ކިޔަވައިދިނުމަކީ އަޅުގަނޑުމެންގެ މުޖުތަމައަށް މުހިންމު ކަމެއް ކަމުގައި ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން އިސްލާމް މާއްދާއަކީވެސް ބޭރުގައުމުތަކުން ބަލައިގަންނަ މާއްދާއެއް ގޮތަށް ކިޔަވައިފިނަމަ، ދިވެހި ކުދިންނަށް ބޭރުގެ ޔުނިވަރސިޓީތަކަށް އެޕްލައި ކުރާއިރު އޭގެ ގްރޭޑުވެސް ކައުންޓު ކުރެވޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މި ސަބަބަށްޓަކާވެސް އެޑެކްސެލް ނުވަތަ ކެމްބްރިޖްގެ އިސްލާމް މާއްދާ ކިޔެވުމުގެ އޮޕްޝަން ދިވެހި ދަރިވަރުންނަށް ދިނުން ވަރަށް މުހިންމު އެބަވޭ،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ދިވެއްސަށް އަހުލުވެރިކުރުމަށް ދިވެހި ބަހުން އިސްލާމް ކިޔަވައި ދިނުން މުހިންމެއް ނޫން ކަމަށެވެ. އަދި ދިވެހި ބަސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮތީމާ އެކަން ނިމުނީ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެން މާއްދާތައް އިނގިރޭސިން ކިޔަވައިދެވޭއިރު އިސްލާމް އިނގިރޭސި ބަހުން ކިޔަވައިނުދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރަމުން ރޮޒައިނާ ވިދާޅުވީ މިހާރުގެ ކުދިންނަށް ގެއްލުން މިވަނީވެސް އިސްލާމް އެގޮތަށް ކިޔަވާ ނުދޭތީ ކަމަށެވެ.

"އެހެންކަމުން ކެމްބްރިޖްގެ އިސްލާމް ސިލަބަސްވެސް ހަމަ ވަރަށް ރަނގަޅު ކަމަށް ފެންނަނީ،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި ވާއިރު، އިސްލާމް މާއްދާ ދަރިވަރުންނަށް ބޮޑަށް ފަހުމްވަނީ އިނގިރޭސިބަހުން ކަމަށްވާނަމަ، އެ މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ މައްސަލައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު