ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
މި ސަރުކާރުން ތަޢުލީމަކީ ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބު ކަމުގައި ކަނޑައަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

ރައީސް ވިދާޅުވީ ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާ ކަމަށާއި، މި ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި ދަރިވަރުންގެ މަތީ ތަޢުލީމުގެ ލޯނުގެ ގޮތުގައި 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު ރައީސް ވިދާޅުވީ، ދަރިވަރުންނަށް އިންވެސްޓްކޮށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ މުސްތަޤްބަލު ބައްޓަންކުރުން ނޫން ކަމަށާއި، އެއީ މުއްސަނދި އަދި ހަމަހަމަކަން ޤާއިމުވެފައިވާ ޤައުމެއް ބިނާކުރުން ކަމަށެވެ.

ރައީސްގެ މެސެޖުގައި، އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ކުއްޖަކަށްވެސް ކުރިއަރައި ދިއުމުގެ ފުރުޞަތު ހޯދައިދީ، ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ މަގު ފަހިކޮށްދޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ތަޢުލީމީ ނިޒާމަކީ އެންމެންގެ ބައިވެރިވުން ހިމެނޭ، ބަދަލުތަކެއް ގެނުވައިދޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަން ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.

ތަޢުލީމަކީ ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބު ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ހިލޭ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން 6،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަޢުލީމު ޙާޞިލުކޮށްފައެވެ. މީގެ އިތުރުން، މި ދެ އަހަރުގެ ތެރޭގައި 1،438 ދަރިވަރުންނަށް މަތީ ތަޢުލީމުގެ ލޯނު ވަނީ ފޯރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު