ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ޢަބްދުﷲ ވަޙީދު
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ޢަބްދުﷲ ވަޙީދު
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް މެޖޯރިޓީ ނުލިބިއްޖެނަމަ، މުޅި ލާމަރުކަޒީ ޤާނޫނު އޮޅާލައި ރައްޔިތުންގެ އަތުން ހުރިހާ ބާރުތަކެއް އަތުލާނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ޢަބްދުﷲ ވަޙީދު (ވައްޑެ) ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ޢަބްދުﷲ ވަޙީދު (ވައްޑެ) ވިދާޅުވީ، މިއަދު ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ފުރުސަތަކީ މި އިންތިޚާބުގައި ސަރުކާރަށް "ނޫނެކޭ" ބުނުން ކަމަށެވެ. ސަރުކާރުގެ ދޮގާއި އޮޅުވާލުންތައް ރައްޔިތުންނަށް މިއަދު ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، ވެރިކަމަށް އައި ފަހުންވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްދެވިފައި ނުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

"ރަށްރަށުގައި ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫޢުތައް މި ސަރުކާރަށް ނިންމާ ނުލެވުނު، އާ މަޝްރޫޢުތައް ފަށާކަމަށް ހެދިގެން ކުރާ ކަންކަމަކީ ކޮބައިކަން ރައްޔިތުންނަށް މިއަދު އެނގޭ، އެހެންވީމާ ރައްޔިތުން ހަދަންވީ އެއްޗަކީ މިފަހަރު ސީދާ ބޮޑުކޮށް ނޫނެކޭ ބުނަންވީ މި ސަރުކާރަށް، އޭރުން ނޫނީ ރަށްރަށުގައި އެއްވެސް ކަމެއް ނުކުރެވޭނެ، ރަށްރަށުގައި ޖަވާބު ދާރީ ކުރެވޭނެ ރަނގަޅު ކައުންސިލްތަކެއް ހުރެގެން ނޫނިއްޔާ ރަށްރަށައް ލިބެންވާ ހައްގެއް ނުލިބޭނެ އަޅުގަނޑަށް ޔަގީން އެމްޑީޕީގެ ކައުންސިލަރުން އެތަނުގައި ތިބެފައި ސަރުކާރުން ބުނިހާ ގޮތަކަށް ނަހަދާނެ ސަރުކާރުން ބޭނުންވާހާ ގޮތަށް ކަންކަން ކުރާކަށް ޖާގައެއް ނުދޭނެ އެހެންވީމާ މިއަދު އެމަސައްކަތް ކުރުމަށްޓަކައި އެ ޖާގަ ދިނުމަށްޓަކައި އެމްޑީޕީގެ ކައުންސިލަރުންނަށް ވޯޓް ދޭންވީ ،" ވަޙީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ހުދުމުޚުތާރު ގޮތަކަށް މުޅި ރާއްޖެ ހިންގަވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަނީ އަތޮޅު ކައުންސިލްތައް އުވާލައި، ސިޓީ ކައުންސިލްތަކުގެ ބާރުތައް މިނިސްޓްރީގެ ދަށަށް ގެންގޮސް ހުރިހާ ބާރެއް މުށުތެރެއަށް ނަންގަވަން ކަމަށެވެ.

ވަޙީދު ވިދާޅުވި ގޮތުގައި، ހުދުމުޚުތާރު ވެރިންގެ ސިފައަކީ ފުރަތަމަވެސް ޤާނޫނުތަކާއި ޤާނޫނުއަސާސީއަށް ބަދަލު ގެނެސްގެން، ޤާނޫނީ ފަރުދާގެ ތެރެއިން ބާރުތައް އަތުލުމެވެ.

"މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނު ފަހުން ރައްޔިތުންނަށް ކޮށްދިން ހެޔޮ ކަމެއް އެބައޮތްތޯ؟ އޮތީ ހަމައެކަނި އަމިއްލަ އަތްމައްޗަށް ބާރުތައް ނެގުމުގެ މަސައްކަތް. ކައުންސިލަރުންނަށް މަސައްކަތް ނުކުރެވޭ ވަރަށް ޤާނޫނު މިހާރުވެސް ވަނީ ހަނިކޮށްފައި،" ވަހީދު ވިދާޅުވިއެވެ.

ރައްޔިތުން ޤާނޫނުއަސާސީ ހޯދީ ވަރަށް ގިނަ ތަކުލީފުތަކަކަށް ފަހު، ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންނަށް އޮންނަ ލާމަރުކަޒީ ނިޒާމެއް ހޯދުމަށް ކަމަށް ވަޙީދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ފެންނަނީ ސަރުކާރުން ބޭނުންވާ ގޮތަށް އަމުރުކޮށް، އެ އަމުރަށް ނުކިޔަމަންތެރިވާ ކައުންސިލްތަކުގެ ބާރުތައް އަތުލަން މަސައްކަތް ކުރާތަން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބާ ދިމާކޮށް ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކަށް ފާޑުވިދާޅުވަމުން ވަޙީދު ވިދާޅުވީ، ބިންގާ އެޅުމަށްފަހު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، މިއީ ހަމައެކަނި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށާއި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަންކަން ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ބާރުތައް ހޯދުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވަހީދު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު