ނ. ވިހަފަރު އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކަން ފެށުން- ފޮޓޯ: ރައީސް އޮފީސް
ނ. ވިހަފަރު އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކަން ފެށުން- ފޮޓޯ: ރައީސް އޮފީސް
ނ. ވިހަފަރުގައި އެއާޕޯޓު ތަރައްޤީ ކުރުމަށް މި ސަރުކާރުން ބިން ހިއްކަން ފަށާފައިވަނީ ގަވާއިދާ ޚިލާފަށްކަމަށް ބުނެ އެކަން ހުއްޓުވައިދިނުމަށް އެދި އޭސީސީ އަށް މައްސަލަ ހުށަހަޅައިފިއެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.

ސަލީމް ހުށަހެޅި މައްސަލައިގައި ބުނީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާގެ އިތުރުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނާއި ޚިލާފަށް ނ. އަތޮޅުގެ ވިހަފަރު ހިއްކަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މި މަޝްރޫއު ފެށިއިރު ގާނޫނު އަސާސީ އާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު ބުނާ އެއްވެސް ލިޔެކިޔުމެއް އެންވަޔަރަންމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ހުށަހަޅާފައި ނުވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ގާނޫނުގައި އެބުނާ އެއްވެސް ހުއްދައެއް މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް އެ އޮތޯރިޓީން ދީފައި ނެތް ކަމަށާއި އެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ސަރުކާރުގެ ޓީވީ ސްޓޭޝަން އިން ލައިވްކޮށް ދުރަށްދައްކަމުން ގެންދިޔަ މަންޒަރުތަކުން ފެންނަގޮތުގައި ދެ ހައިމާކު ބާއްވައިގެން އެތަން ކޮނެ ވެލިއަޅަމުން ގެންދިޔައީ ކިސަޑު ކޮންޓުރޯލް ކުރުމަށްޓަކާއި ގާނޫނާއި ގަވާއިދު އެބުނާފަދަ ސަލާމަތީގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ވެސް ނާޅާ ކަމަށް މައްސަލައިގައި ބަޔާންކޮށްފައި ވެއެވެ. އޭގެ ސަބަބުން މުޅި އެސަރަހައްދުގެ މޫދަށް ކިސަޑުތައް ފެތުރި ފަރުމައްޗަށް ކިސަޑުތައް ފައިބައިގެން ދިޔަމަންޒަރު ދައުލަތުގެ ޓީވީ ޗެނެލުން ދުރަށް ދައްކާފައި ވާ ކަމަށްވެސް މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނީ މިކަމާއި ގުޅިގެން އީއާރުއޭ ގެ ވެބްސައިޓް ބެލި އިރު ވިހަފަރު ތަރައްގީ ކުރުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް ތައްޔާރު ކޮށްފައިވާ އީއައިއޭ ރިޕޯޓު ވެސް އަދި އެކަމަށް ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް ވެސް ފެންނަން ނެތް ކަމަށެވެ. 

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ބުނާ ގޮތުގައި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހަދަން ޖެހޭ ޙާލަތެއްގައި އެފަދަ ރިޕޯޓެއް ހަދާފައި ނުވާނަމަ ދެ ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރެވޭނެ ކަމަށް މައްސަލައިގައި ވެއެވެ.

އަދި ފިޔަވަޅު އަޅާ ފަރާތުގެ މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވާ ކަމަށާއި އެހެންކަމުން ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގައި ސާފު ކޮށް ބުނެފައިވާ ގޮތުގައި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ގޮތުގެ ރިޕޯޓާ މެދު ނިންމި ގޮތުގެ ލިޔުން ނެތި މަޝްރޫއު ހިންގުމަކީ އަދަބު ދެވޭނެ ކުށެއް ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.

ސަލީމް ވިދާޅުވީ ގަވާއިދާ ހިލާފަށް މިގޮތަށް ބިން ހިއްކުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިމުގެ ސިނާއަތަށް އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންވަމުންދާތީ އެމައްސަލަ ބަލާ ތަހުގީގު ކޮށްދިނުމަށް އެދޭ ކަމުގައެވެ.

މީގެ ކުރިން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުހަދައި މިފަދަ ގޮތަކަށް އެއްވެސް މަޝްރޫއު އެއް ފެށިކަން އެނގިއްޖެ ނަމަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އެ މަސައްކަތް ހުއްޓުވާ އެކަން ކުރި ފަރާތެއް ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު