ސަރުކާރުގެ މުއައްސަސާތަކުގެ ހިންގުން ހީނަރުވެ، އެ ތަންތަން "ފެއިލް" ވަނީ ކަންކަމުގައި ދެފުށްފެންނަ ހަރުދަނާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ކުރީގެ މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މުޢާމަލާތުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ އިދާރާތަކުގެ ހާމަކަން ގެއްލި، މުއައްސަސާތަކުގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ. ފައްޔާޒު ވަނީ ސަރުކާރުން މި މުޢާމަލާތް ކުރިއަށްގެންދަވާ ނަމަ، މަރުކަޒީ ބޭންކު (އެމް.އެމް.އޭ) އާއި، ޕެންޝަން އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ރަސްމީ ބަޔާންތައް ކޮބައިތޯ ސުވާލު ކުރަށްވާފައެވެ.

މީގެ އިތުރުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) ގެ އެސެޓްތައް ވިއްކާލަނީ ކޮން ސަބަބަކާ ހުރެތޯ ފައްޔާޒު ސުވާލު އުފެއްދެވިއެވެ. އަދި އެއިން ލިބޭ ފައިސާ އަލުން އިންވެސްޓް ކުރެވެނީ ކޮން އުސޫލުތަކަކާއި ޝަރުތުތަކެއްގެ މަތިންތޯ ބެލުމަކީ މުހިންމު ކަމެއްކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

މި މުޢާމަލާތުގެ ސަބަބުން ޕެންޝަންގެ މަންފާ ލިބޭ ފަރާތްތަކަށާއި ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކުގެ މާލީ ރައްކާތެރިކަމަށް ކުރާނެ އަސަރަކާމެދުވެސް ފައްޔާޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ހަމައެހެންމެ، ބޭރު ފައިސާ މާރުކުރާ ރޭޓަށާއި، ބާޒާރުގައި ފައިސާ ދައުރުވާ މިންވަރަށާއި، ތަކެތީގެ އަގު އުފުލުމަށް (އިންފްލޭޝަންއަށް) މީގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކަށް ސަރުކާރުން ވިސްނާފައިވޭތޯ ފައްޔާޒު ސުވާލު ކުރެއްވިއެވެ.

ފައްޔާޒުގެ ޕޯސްޓުގައި އެންމެ ބޮޑު ތުހުމަތެއް ކުރެއްވީ މި މުޢާމަލާތުގެ ސައްހަކަމާ މެދުގައެވެ. ފައިސާގެ އަސްލު އޮޅުވާލުމަށް މަގުފަހިވާ ފަދަ "ލޭޔަރިންގ" ނުވަތަ މަނީ ލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ ފަދަ ގޮތަކަށް ނޫން ނަމަ، މި ކަމުގައި ޕެންޝަން އޮފީސް ބައިވެރިވާންޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތައް ބަލިކަށިވެ، ފެއިލްވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ކަންކަމުގައި ހާމަކަން ބޮޑު ސިޔާސަތެއް ނެތުން ކަމަށެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު ޕެންޝަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގް އިން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލްއިން ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ. އަދި އެ މުއާމަލާތަކީ ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމެއް ކަމަށްވެސް އެ އޮފީހުން ބުނެއެވެ. އެ އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ނިންމާފައިވަނީ، މިހާތަނަށް ޕެންޝަން ސްކީމުން އިންވެސްޓްކޮށްފައިވާ ޓްރެޒަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިން ކަމަށް ޕެންޝަން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ޕެންޝަން އޮފީހުގެ އެމުއާމަލާތަކީ އިގްތިސާދަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ޕެންޝަން އޮފީހުގެ އިސްބޭފުޅުން ތަކެއް މީގެ ކުރިން ވަނީ އިސްތިއުފާ ދެއްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު