ސަރުކާރު ބަދަލުވުމާއެކު ކުރީގެ ސަރުކާރުތަކުން އައްޔަންކޮށްފައި ތިބި ގާޒީންތައް ބުރުއަޅުވާލަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވެރިން ބޭނުންވާ ގޮތަށް އިންސާފު ގާއިމުކުރުމަށް ކަމަށް ވިދާޅުވެ، މަޝްހޫރު އިޤްތިސާދީ މާހިރު ނަފާ ނަސީމް ފާޑުވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިހެން ވިދާޅުވެފައި މިވަނީ، ޝަރުއީ ކޯޓުތަކަކީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެފައިވާ ތަނަކަށް ވެގެން ނޫނީ މުޖުތަމައުން އަނިޔާވެރިކަން ނައްތައެއް ނުލެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް އަދުނާން ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ، ރާއްޖޭގައި ކޮންމެ ސަރުކާރެއް ބަދަލުވެގެން އަންނަ އިރުވެސް ފެންނަނީ އެއް މަންޒަރެއް ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން އައްޔަންކޮށްފައި ތިބި ގާޒީންތައް، އާ ސަރުކާރުގެ ވެރިން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށްޓަކައި "ބުރުއަޅުވާލާ" މަންޒަރު ފެންނަ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ނަފާ ނަސީމް އިތުރަށް ވިދާޅުވީ، ކޮންމެ ގާޒީއަކާއި ކޮންމެ އުއްތަމަ ފަނޑިޔާރަކުވެސް ވެގެންދަނީ ސަރުކާރުގެ "ޕަޕަޓުންނަށް" ނުވަތަ ބުނިހާ ގޮތެއް ހަދާ ބަޔަކަށް ކަމަށެވެ. އަދި މިފަދަ ޕަޕަޓުންނަކަށް ހަގީގީ އިންސާފު ގާއިމުކޮށް ނުދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާއަކީ އަބަދުވެސް އާންމުންނާއި ސިޔާސީ ފަރާތްތަކުން ކުރަމުންދާ ޝަކުވާއެކެވެ. މި ސަރުކާރު ވެރިކަމަށް އައީ ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާނޭ ކަަމަށް ބުނެ ވައުދުތައް ވަމުންނެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ މި ސަރުކާރުންވެސް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ މަންޒަރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް