މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މަސްތުވާތަކެތީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު މި އަހަރުގެ ތެރޭގައި ހަމަޖައްސަވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ހެޔޮގޮތުގައި އެމީހުން މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. މިގޮތުން، ޑްރަގް ރީހެބިލިޓޭޝަން ފަރުވާގެ ތެރޭގައި ދީނީ ފިލާވަޅުތައް ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމަށް ވަޒީރު އަލިއަޅުވާ ލެއްވިއެވެ.

ވަޒީރު ވިދާޅުވީ، އަމިއްލަ ފަރާތްތަކަށް ފަރުވާ ދިނުމުގެ ފުރުޞަތު ހުޅުވާލަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ މަތީ ފެންވަރުގެ ފަރުވާ ރާއްޖޭގައި ލިބޭނެ މަގު ފަހިކުރުމަށް ކަމަށެވެ.

"ޕޭ ކޮށްގެންވެސް އެންމެ ކޮލިޓީ ފަރުވާ ބޭނުންވާ ފަރާތްތައް އެބަތިބި. އެހެންނަމަވެސް ސަރުކާރުގެ މި ވަގުތުގެ އިންފްރާސްޓްރަކްޗަރ އިން އަދި އަޅުގަނޑުމެންނަށް އެ ލެވެލްގެ ފަރުވާއެއް ނުދެވޭ. އެހެންވީމަ އަޅުގަނޑުމެން ޕްރައިވެޓް ސެކްޓަރއަށްވެސް މި ހުޅުވާލަނީ އަދި ބޭރުގެ ފަރާތްތަކަށްވެސް މި ހުޅުވާލަނީ ރާއްޖެއަށް އައިސް މި ފަރުވާދޭން." ވަޒީރު ވިދާޅުވިއެވެ.

ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ހުޅުމާލެއިން ލިބިފައިވާ ބިމާއި، "ގްރީންގެ" ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް ދެވޭ އަދަބުތައް ހަރުކަށިކޮށް، ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން މަރުގެ އަދަބު ދިނުން ހިމެނޭހެން ބޮޑެތި އަދަބުތައް މިހާރު ކަނޑައަޅާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފު ކުރައްވަމުން ވަޒީރު ވިދާޅުވީ، ޑްރަގުގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުން ދޫކޮށްލަން އެދުމުގެ ފުރުޞަތު މިހާރު އުނިކޮށްފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮންނަ ބާރުތައްވެސް ދޫކޮށްލައްވައިގެން، ޤައުމީ މަޞްލަޙަތަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް އިޙްސާން ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު، ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުޞޫލުތައްވެސް މިހާރު ވަނީ މުރާޖަޢާކޮށް ހަރުދަނާކޮށްފައެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ މި ވަބާއިން ޤައުމު ސަލާމަތްކުރުމަށް މުޅި ދައުލަތް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް