ދިވެހިރާއްޖެއިން ބޫޓާން އަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު، އަލްފާޟިލާ ޝިއުނީން ރަޝީދު، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބޫޓާން ގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް އަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ބޫޓާން ގެ ވެރިރަށް ތިމްޕޫގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ދިވެހިރާއްޖެއިން ބޫޓާންއަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ސަފީރު ޝިއުނީން ރަޝީދަށް، ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް މަރުހަބާ އާއި ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، އެ ކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބޫޓާން ގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވިއެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ސަފީރު ފާހަގަ ކުރެއްވިއެވެ.

އަދި, ދިވެހިރާއްޖެ އާއި ބޫޓާން އާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަންވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން, އެ ކަމަނާވަނީ ބޫޓާން ގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި، ދިވެހިރާއްޖެ އާއި ބޫޓާން އާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި އެ ގައުމުގެ މިނިސްޓަރ ފޮރ އިންޑަސްޓްރީ، ކޮމަރސް އެންޑް އެމްޕްލޯއިމަންޓްގެ އަރިހަށްވެސް ސަފީރު ޝިއުނީން ރަޝީދު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ޝިއުނީން ރަޝީދު، ރާއްޖެއިން ބޫޓާންއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރެއްވީ 26 ފެބްރުއަރީ 2025 ގައެވެ.

ދިވެހިރާއްޖެ އާއި ބޫޓާން އާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވިފައިވަނީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު