ވެރިކަން ކުރާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ބާރު ހޯދުމަށްޓަކައި އެންމެ އެދެވޭ ގޮތަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ކޮންމެ ސަރުކާރަކަށް ވެސް ހިންގުމުގެ ދާއިރާގައި މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި، މަޖިލީހުގެ ބާރު ނެތި ވެރިކަން ކުރުމަކީ ދަތި ކަމެއް ކަމަށެވެ.

އެހެންކަމުން، މި ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ވަރަށް "ޕްރެކްޓިކަލް" ނުވަތަ އަމަލީ ގޮތުން ކުރަން އެންމެ ފަސޭހަ ގޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މި މަހުގެ 9 ވަނަ ދުވަހު ފާސްކޮށްފައެވެ. އަދި މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި އިސްލާހު ގެނައުމުގެ މަރުހަލާގައި ބަންޑާރަ ނައިބާއި، އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ލަފަޔާއި މަޝްވަރާ ވެސް ވަނީ ހޯދާފައެވެ.

ގާނޫނުއަސާސީއަށް މިފަދަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށްވާތީ، އެ ވޯޓު ކުރިއަށް އޮތް އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ގާސިމް އިބްރާހީމްގެ ވާހަކަފުޅުގައި މި ބަދަލަކީ ރާއްޖޭގެ ސިޔާސީ ނިޒާމަށް އަންނާނެ މުހިންމު ކުރިއެރުމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު