ޒުވާނުންނަށް ހުރިހާ އެއްޗެއް އެނގޭ އިރު، އެޒުވާނުން ކުރިމަތީގައި ދޮގު ހަދައިގެން އޮޅުވައެއް ނުލެވޭނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅު ވެއްޛެއެވެ.

މޫސާމަނިކު މިގޮތަށް ވިދާލުވީ އެމްޑީޕީން ގދ. ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ދީނީ އިލްމުވެރިންނަށާއި ސިޔާސީ ބައެއް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މޫސަ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ކުރާ މަސައްކަތްތަކަކީ ދީނާ ގުޅުވައިގެން ދައްކަންޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި، އެމްޑީޕީން ދުވަހަކުވެސް ދީނާ ހިލާފު ވާހަކައެއް ދައްކާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބުއްދިވެރި ސިކުނޑިތަކުން ވިސްނަންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި މޫސަ ވަނީ ދީނީ އިލްމުވެރިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ކަންކަން އަމިއްލަ ފައިދާއަށް ބަދަލުކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްކަންވެސް ކުރައްވާފައިވާ މޫސާމަނިކު ވިދާޅުވި ގޮތުގައި، ކުރިން ފަތުރުވެރިކަމާއި މަސްވެރިކަމާ ގުޅޭގޮތުން ތަފާތު ފަތުވާތައް ނެރުނު ބޭފުޅުން މިއަދު ތިއްބެވީ ސަރުކާރުގެ ބޮޑެތި މުސާރަ ލިބޭ މަގާމުތަކުގައެވެ. އަދި އާންމު ރަށްރަށުގައި ގެސްޓްހައުސް ހިންގަން އުޅުމުން އެއީ "ކޯފާ" އަންނާނެ ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކެވި ބޭފުޅުން މިއަދު އެހެން ގޮތަކަށް އަމަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، މިއަދުގެ ޒުވާނުންނަކީ ކިޔަވައިގެން ތިބި، ދުނިޔެއަށް ލޯހުޅުވިފައިވާ ބަޔަކަށް ވާއިރު، އެކުދިން ކުރިމަތީގައި ދޮގު ހަދައިގެން ކަންކަން އޮޅުވައެއް ނުލެވޭނެ ކަމަށެވެ.

ފޯނުގެ ޒަރިއްޔާއިން ގުރުއާނުގެ ތަރުޖަމާއާއި ދުނިޔޭގެ ހުރިހާ މައުލޫމާތެއް ޒުވާނުންނަށް ލިބޭކަން ފާހަގަކުރެއްވިއެވެ. އެކުދިންނަށް މި ހުރިހާ އެއްޗެއް ރަނގަޅަށް އެނގޭ އިރު، އިލްމުވެރިންގެ ނަމުގައި ތިއްބަވައިގެން ސިޔާސީ މަންފާއަށް ވާހަކަދައްކަވާ ބޭފުޅުންނަށް އޭނާ ވަނީ ވަރަށް ބޮޑަށް ހަމަލާދީފައެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބެންޖެހޭ ފައިދާތައް ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށް އޭނާގެ ވާހަކައިގައި ބާރުއެޅުއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު