އަގު ދައްކައި ނިންމާފައިވާ ފްލެޓުތަކަކަށް ސަރުކާރުން އެއްލައްކަ ރުފިޔާ ދޭން ނިންމުމަކީ އިންސާފެއް ނޫން ކަމަށާއި، އެގޮތަށް ފައިސާ ދޭނަމަ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށްވެސް އެ ފައިސާ ދޭންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވީ މާލޭގެ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، އެ ފްލެޓުތަކުގައި ދިރިއުޅޭ ކޮންމެ އާއިލާއަކަށް މަރާމާތުގެ އެހީގެ ގޮތުގައި އެއްލައްކަ ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ.

މިކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވިދާޅުވީ، އަގު ދައްކައި ނިންމާފައި ހުރި ފްލެޓަކަށް އެއްލައްކަ ރުފިޔާ ދެވޭ ކަމަށްވާނަމަ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށްވެސް އެ ފައިސާ ދޭންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން ދައްކާ ޓެކްސް ފައިސާ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ ޕާޓީގެ ކެމްޕޭންތަކަށް މިފަދަ ގޮތްގޮތަށް ބޭނުން ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތަކުގެ ކުލި މާފުކޮށް، ކޮންމެ ފްލެޓަކަށް އެއްލައްކަ ރުފިޔާ ދޭން ނިންމާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެ ތަންތަން މަރާމާތު ކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ. ނަމަވެސް، މި ފައިސާ ދޫކުރަން ފަށާފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކަމަށްވާތީ، ބައެއް ފަރާތްތަކުން ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން، މި ނިންމުމަކީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. އަދި ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑު ހޭދައެއް ވަކި ބަޔަކަށް ހާއްސަކޮށްގެން ކުރުމަކީ ހަމަހަމަކަން ގެއްލޭ ކަމެއް ކަމަށްވެސް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު