މަރްޔަމް ނަހްދާ ވަޙީދު   18 ފެބްރުއަރީ 2026 - 13:32
މި އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މޯލްޑިވްސް ޒަކާތު ހައުސްއިން ރަސްމީކޮށް ފަށައިފިއެވެ.

ޒަކާތު ހައުސް އިން ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށެވެ.

މިފަހަރު ޖުމްލަ 7 ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ދިރާގު އެޕް އަދި ޕޭ، އުރީދޫ އެމް-ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ ހިމެނެއެވެ. މީގެ ތެރެއިން ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކައުންޓަރުތައް މެދުވެރިކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސް ހަމަޖައްސާފައި ވާކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދެއެވެ.

މިގޮތުން ފެބުރުވަރީ 22 އިން މާރިޗު 9 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް، އަދި މާރިޗު 10 އިން 19 އަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ޒަކާތް ބަލައިގަންނާނެއެވެ. ރަށްރަށުގައި ނަޤުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދު:

- އާދައިގެ ހަނޑޫ: 12 ރުފިޔާ

- ތައިލެންޑް ހުދު ހަނޑޫ:53 ރުފިޔާ

- ރަތް ހަނޑޫ: 96 ރުފިޔާ

- ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ

- ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ

- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ

- އާދައިގެ ފުށް: 10 ރުފިޔާ

- އާޓާ ފުށް: 75 ރުފިޔާ



ކިޔުންތެރިންގެ ހިޔާލު