އަޙްމަދަކީ ޤައުމީ ޔުނިވާސިޓީން ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވާ ތޫނުފިލި ޒުވާނެކެވެ. އޭނާގެ ކިޔެވުން ނިންމިތާ މިހާރު ދެ އަހަރު ވެއްޖެއެވެ. ނަމަވެސް ރަނގަޅު ވަޒީފާއެއް ހޯދުމުގައި އޭނާ ވަނީ ނާކާމިޔާބު ވެފައެވެ. އެތައް ސީވީއެއް ލައި، އެތައް އިންޓަވިއުއަކަށް ގޮސްގެން، ލިބުނު ޖަވާބަކީ "މިވަގުތު ޖާގައެއް ނެތް" ކަމަށެވެ. ލިބިފައިވާ ސެޓްފިކެޓްތައް ފޮށީގައި ފީވަމުން ދާއިރު، ދުނިޔެ އޭނާއާ މެދު ނިޔާ ކުރަމުންދާ ބޭއިންސާފު ކަމާމެދު އަޙްމަދުގެ ހިތުގައި ވީ އެތައް ޝަކުވާއެކެވެ.
ވިއްސާރަ ރެއެކެވެ. ބޯކޮށް ވާރޭ ވެހެއެވެ. ވިދުވަރުގެ އަލި ކެނޑިގެން ނުދެއެވެ. މުސްކުޅި މައިންބަފައިންނާއެކު އަޙްމަދު ދިރިއުޅެމުން ދިޔައީ، މާލޭގެ ހަނި ގޯޅިއެއްގަައި ހުރި ބާ ޢިމާރާތެއްގެ ތިންވަނަ ފަންގިފިލާގެ ކޮޓަރިއެއްގައެވެ. އެ ވިއްސާރަ ރޭ އެ ކުޑަ ކޮޓަރީގެ ފާރުތަކުގައި ހުރި ރެނދުތަކުން ވާރޭގެ ތެތްކަން ކޮޓަރިއަށް ފޭދެމުން ދިޔައެވެ. ބާރަށް ޖަހާލާ ގުގުރީގެ އަޑުގެ އިތުރުން އެކޮޓަރީގެ ހިމޭންކަން ފޫދުއްވާލަނީ އޭނާގެ މުސްކުޅި ބައްޕަގެ ކެއްސުމުގެ އަޑާއި، ބަލި މަންމަގެ އާހުގެ އަޑުންނެވެ.
ކޮޓަރީގެ އުތުރު ކަނުގައި ހުރީ ބައްޕަ ކުޑައިރުއްސުރެ ގެންގުޅުނު ލަކުޑި ފޮށްޓެކެވެ. އޭގައި ހުރީ ޢާއިލާގެ ކުރީގެ ހަނދާންތަކެވެ. ކުޑައިރު ރަށުގައި އުޅުނު ދުވަސްތަކުގެ ފޮޓޯތަކެވެ. މާމަގެ ހެޔޮ ދުޢާ ލިޔެފައި އޮތް ކުޑަ ކަރުދާސްކޮޅެވެ. އެ ފޮށްޓަށް ބަލާލާ ކޮންމެ ފަހަރަކު އަޙްމަދުގެ ހިތުގައި މާޒީގެ ހަނދާންތައް ދައުރުވެއެވެ. ރަށުގެ ހެޔޮލަފާ ދިރިއުޅުން ދޫކޮށް، ތަހުޒީބީ ދިރިއުޅުމެއް ހޯދަން މާލެ އައީ ކިހާ ބޮޑު އުންމީދަކާ އެކުގައި ހެއްޔެވެ؟
އަޙްމަދުގެ ބައްޕައަކީ މުސްކުޅި މަސްވެރިއެކެވެ. ރާޅުތަކާ ހަނގުރާމަކޮށް، ކަނޑުގައި ރަސްކަން ކުރި ދުވަސްތައް މާޒީ ވެއްޖެއެވެ. އުމުރުން ދުވަސްވެ، ބުރަކަށީގައި ރިއްސާތީ މިހާރު މަހަށް ނުދެވެއެވެ. ޑޮކްޓަރު ބުނެފައި ވަނީ ބުރަކަށީގެ މައި ކައްޓެއް ގޯސްވެ، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށެވެ. ނަމަވެސް އެފަދަ އޮޕަރޭޝަނެއް ކުރެވޭނީ ބޭރު ޤައުމެއްގައެވެ. އެކަމަށް އެތައް ލައްކަ ރުފިޔާއެއް ހޭދަވާނެއެވެ.
މަންމައަކީ ހަކުރު ބައްޔާއި ލޭމައްޗަށް ދާ ބައްޔަށް ބޭސްކުރަމުންދާ މީހެކެވެ. ކޮންމެ މަހަކު ބޭސް ގަންނަން ޖެހެއެވެ. ބައެއް ފަހަރު ބޭސް ނުގަނެވި، ޑޯޒް މަދުކޮށްލައިގެން ވެސް ފުއްދާލަން ޖެހެއެވެ. މަންމަގެ ހަކުރު މައްޗަށް ގޮސް ހޭ ނެތޭ ދުވަސް ދުވަސް ވެސް އާދެއެވެ. އެއީ އަޙްމަދަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. އޭނާގެ ނުފޯރާކަން އިޙްސާސްވާ ކޮންމެ ވަގުތަކު އޭނާގެ ހިތް ކުދިކުދިވެއެވެ. ދެމީހުންގެ ބޭސްފަރުވާއާއި، ކެއިންބުއިމާއި، ކުލީގެ ޚަރަދުތައް ބެލެހެއްޓުމުގެ ބުރަ އޮތީ އަޙްމަދުގެ ކޮނޑުގައެވެ.
އަޙްމަދަށް ކޮންމެ ހެނދުނެއް ފެށެނީ އެއް ގޮތަކަށެވެ. ފަތިސް ނަމާދަށް ހޭލައެވެ. މައިންބަފައިންނާ އެކީ ސައި ބޮއެގެން، ހައެއް ޖަހާއިރު ގެއިން ނުކުމެގެން ދެއެވެ. ހެނދުނު ހަތެއް ޖަހާއިރު ކުޑަ ފިހާރައެއްގައި ސޭޓެއްގެ ވަޒީފާ ފަށައެވެ. މެންދުރު ތިނެއް ޖެހުމާ ހަމައަށް ފިހާރައިގައެވެ. ތިނެއް ޖެހުމުން ގެއަށް ގޮސް، ކުޑަ ވަގުތުކޮޅެއް ނިދާލައެވެ. ހަވީރު ފަހެއް ޖެހުމުން ޓެކްސީ ދުއްވަން ނުކުމެއެވެ. ރޭގަނޑު ބާރަ ޖެހުމާ ހަމައަށް ޓެކްސީ ދުއްވައެވެ. ބާރަ ޖެހީމާ ގެއަށް ގޮސް، ވެފައި ހުންނަ ވަރުބަލީގައި ނިދެނީއެވެ. އެނދުގައި ޖެހުމާ އެކީ ލޯ މެރެއެވެ.
ރަނގަޅަށް ކިޔެވިފައި ހުއްޓަސް އޭނާގެ އަތްމަތި ދައްޗެވެ. ކޮންމެ މަހެއް ނިމޭއިރު، ގޭގެ ކުލީގެ އެއްބައި އޮންނަނީ ނުދެއްކިއެވެ. "އޭ ކޮއި، ކުލީ ފައިސާ ކޮބާ؟" ގެދޮރުވެރިޔާ އެއް ދުވަހު ދޮރުމަތީ ހުރެ އަޑު ހަރުކޮށް ބުންޏެވެ. "ކޮންމެ މަހަކު ލަސް. ތި ގޮތަށް ނޫޅެވޭނެ. ނޫނީ ތަން ހުސްކުރަން ޖެހޭނީ." އެ ވާހަކަތައް އިވޭ ކޮންމެ ފަހަރަކު އަޙްމަދުގެ ލޭ ކެކެއެވެ. ނަމަވެސް ކެތްކޮށްލައިގެން ހުރެ މާފަށް އެދެނީ އެވެ. ގޮތެއް އޮތްނަމަ އޭނާވެސް މައިންބަފައިން މި ޙާލުގައި ބައިތިއްބަން ރުހިގެން ނުހުންނާނެއެވެ.
ކޮންމެ ހުކުރު ދުވަހަކު އަޙްމަދު ހަވީރު ސައިބޮނީ އޭނާގެ ގާތް ތިން ރަޙްމަތްތެރިންނާ އެކުގައެވެ. ސާލިމާއި، ޙުސައިނާއި، ޝިފާޒަކީ އަޙްމަދާ އެކު އެއް ކްލާހެއްގައި ކިޔެވި ކުދިންނެވެ. ނަމަވެސް އޭނާއާއި، އެމީހުންގެ ދިރިއުޅުން އުޑާ ބިމާހާ ތަފާތެވެ. ސާލިމް ދުއްވަނީ އެންމެ ފަހުގެ މާސެޑީޒް ބެންޒް ކާރެކެވެ. ޙުސައިންގެ އަތުކުރީގައި އެ އޮންނަ ގަޑީގެ އަގު އަޙްމަދުގެ އެއް އަހަރު ދުވަހުގެ މުސާރައާ ނުބައްދަލެވެ. ޝިފާޒް ދާދި ފަހުން ވަނީ ހުޅުމާލެއިން ޕެންޓްހައުސް އެޕާޓްމަންޓެއް ގަނެފައެވެ.
"ކޮބާ އަޙްމަދު، އަދިވެސް އެ ފިހާރައިގަތަ؟" ސާލިމް އެއް ދުވަހަކު ސައި ބޮމުން އެހިއެވެ. "އާނ، ވަޒީފާއެއް ނުލިބިގެން..." އަޙްމަދު އިސްޖަހައިގެން އިނދެ ޖަވާބު ދިނެވެ. "ދެރައެއްނު. ބައެއް މީހުން ކުރިއަށް ދަނީ. ބައެއް މީހުން ހަމަ ތިބި ތާނގަ." ޙުސައިން ބުންޏެވެ. އެ ބަސްތަކުން އަޙްމަދުގެ ހިތުގައި ރުޅިވެރިކަމާއި ހަސަދައިގެ އޮއެވަރެއް ދައުރުވާން ފެށިއެވެ.
"ކީއްވެ އަހަރެން؟ ކީއްވެ ހަމައެކަނި އަހަރެން؟" ތެމިފައިވާ ބާލީހުގައި މޫނު ޖައްސައިގެން އޮވެ އޭނާ އަމިއްލަ ނަފްސާ ސުވާލުކުރެއެވެ.
އެއީ ހޯމަ ދުވަހެއްގެ ރެއެވެ. އަޙްމަދު ޓެކްސީ ކުރާ ކާރު ޕާކް ކުރުމަށްފަހު ގެއަށް ދާން ހިނގައިގަތް ވަގުތެވެ. ކުއްލިއަކަށް އަޙްމަދު ކައިރިއަށް މަޑުކޮށްލީ ސައިކަލެކެވެ. ސައިކަލުގައި އިނީ ކުރީގެ ކްލާސްމޭޓް ނާޒިމެވެ. ސެކަންޑަރީ ސްކޫލުގައި ދެ އަހަރު އެކުގައި ކިޔެވި ކުއްޖެކެވެ. ކްލާސް ގަޑީގައި އެންމެ ފަހަތު ޑެސްކުގައި ބޯއަޅައިގެން އޮވެ ނިދާ ނާޒިމެވެ. އެހެން ކުދިންގެ އިންޓަވަލް އަތުލާ ނާޒިމެވެ. "އަޙްމަދު! ހާދަ ދުވަހެއް ވެއްޖެއޭ! މީ ދުއްވޭ ކާރެއް ދޯ؟" އަޙްމަދުގެ ޓެކްސީ ކާރަށް އިޝާރާތްކޮށް މަލާމާތުގެ ރާގަކަށް ނާޒިމް ބުންޏެވެ.
"ކޮބާ ކިހިނެއް ދިރިއުޅުން؟" ނާޒިމް ސައިކަލުން ފައިބައިގެން އައިސް އަޙްމަދުގެ ކޮނޑަށް އަތް ވައްޓާލިއެވެ. "އެހެން ދެން. ﷲ ދެއްވާ ވަރެއް." އަޙްމަދު ހިތި ގޮތަކަށް ހީނލިއެވެ. "ކޮފީއެއް ބޯލަން ހިނގާބަލަ. ވަރަށް ބޮޑު ވާހަކައެއް ދައްކާލަން އެބައޮތް." ނާޒިމް އެދުނެވެ.
ކެފޭގެ އެންމެ އެތެރޭ ކަނުގައި ދެ މީހުން ތިބީ ވައި އަޑުން ވާހަކަ ދައްކާށެވެ. ނާޒިމް ހުށައެޅީ ފައިސާ ހޯދާނެ ފަސޭހަ މަގެކެވެ. މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. ހަމައެކަނި ބައެއް "ޕެކޭޖް" ތަންތަނަށް ގެންގޮސްދޭންވީއެވެ. ކޮންމެ ޑެލިވަރީއަކަށް ފަނަރަ ހާސް ރުފިޔާއެވެ. "ޕެކޭޖް؟" އަޙްމަދު ސުވާލުކުރީ ތެޅިތެޅި އޮތް ހިތުގެ މައްޗަށް ނަފްސުގެ ކޮންޓްރޯލް ނަގަމުންނެވެ.
"ބްރޯ، ނޭނގޭ ކަމަށް ނުހަދަބަލަ. މަށަށް އެނގެޔޭ ބްރޯގެ ޙާލަތު. މި ނޫން ގޮތެއް ނެތެއްނު. ކިތައް ތަނަށް ސީވީ ލައިފިން، ކޮބާ ނަތީޖާއެއް؟" ނާޒިމް ގާތްކޮށްލާފައި ކަންފަތް ދޮށުގައި ބުންޏެވެ.
އެ ރޭ އަޙްމަދަށް ނުނިދުނެވެ. ބައްޕަގެ ކެއްސުމުގެ އަޑު އިވެމުން ދިޔައެވެ. ގޭގައި ލައިގެން ކާނެ އެއްޗެއް ނެތުމުން މަންމަ ނިދާފައި އޮތީ ހަމައެކަނި ބަތްކޮޅެއް ކައިގެންނެވެ. ސިކުނޑީގެ އެއް ކަނުގައި ބައްޕަގެ އަޑު ގުގުމަމުން ދިޔައެވެ. "ދަރިފުޅާ، ނެތް އެއްޗެއް ޙާޞިލެއް ނުވާނެ ޙަރާމް ގޮތުގައި ހޯދައިގެނެއް. ޙަލާލު ލޯ ލާރިއެއްގައި، ޙަރާމް އެތައް ރުފިޔާއެއްގައި ނެތް ބަރަކާތެއް ވާނެ." އެކަމަކު އެހެން ޚިޔާލުތަކެއް ސިކުނޑީގެ އެހެން ކަނަކުން ގޮވަމުން ދިޔައެވެ. "ތިޔައީ މުސްކުޅި ޚިޔާލު. ބައްޕައަކީ ރާޅުޖެހި ޒަމާނުގެ މީހެއް. މި ޒަމާނުގައި ފައިސާ ނެތި އެއްވެސް ކަމެއް ނެތް. ޤަދަރެއް ނެތް، ލޯތްބެއް ނެތް، އުފަލެއް ނެތް. ބައްޕައާއި މަންމައަށް ރަނގަޅު ފަރުވާއެއް ދޭން ބޭނުން ވަނީ ފައިސާ. ބައްޕައަށް ބެންގަލޫރަށް ދެވޭނީ ފައިސާ ހުރެގެން. މަންމައަށް ބޭސް ގަނެވޭނީ ފައިސާ ހުރެގެން."
މި ދެ ޚިޔާލުގެ ހަނގުރާމައިގައި އެތައް ރެއެއް، އެތައް ދުވަހެއް ފާއިތުވެގެން ދިޔައެވެ. ހެޔޮ ނިޔަތާއި ނުބައި ވަސްވާސް، ދެ ފަރާތުގައި ތިބެ ވާދަކުރަމުން ދިޔައީ އޭނާގެ ނިންމުމަށް އަސަރު ފޯރުވޭތޯއެވެ. ކޮންމެ ދުވަހަކު މުއްސަނދިންގެ ދިރިއުޅުން ފެނި، އެ ވަސްވާސްތައް ގަދަވަމުން ދިޔައެވެ. އަޙްމަދު ފަރުވާތެރި ކަމާއެކު ފާރުގައި ހަރުކޮށްފައި ހުރި މާސްޓަރސް ސެޓްފިކެޓް ލިބުނު ރޭގެ ފޮޓޯއަށް ބަލައިލިއެވެ. "އެކެއް ނޫނީ ދެ ފަހަރު... ބައްޕައަށް ރަނގަޅު ފަރުވާ ލިބެންދެން... ދެން ހުއްޓާލާނީ..." އަޙްމަދު އަމިއްލަ ނަފްސަށް ވައުދުވިއެވެ.
ހަފްތާއެއް ފަހެވެ. އަޙްމަދު ފޯނު ނެގުމަށްފަހު ގުޅީ ނާޒިމް ދީފައި އޮތް ނަންބަރަށެވެ. އެ ރެއަކީ އޭނާގެ ޙަޔާތް މުޅިން ބަދަލުވި ރެއެވެ. ފުރަތަމަ "މަސައްކަތް" ނިންމާލާފައި އެރޭ ގެއަށް ދިޔައިރު، އަތުގައި އޮތީ އޭނާގެ އެއް މަސް ދުވަހުގެ މުސާރައަށް ވުރެ ގިނަ ފައިސާއެވެ. އެ ނޫޓުތަކާ ދިމާއަށް ބަލަން އޮވެވުނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. ސިކުނޑީގެ އެއްކަނަކުން ގޮވާލިހެން ހީވިއެވެ. "ތީ ޙަރާމް ފައިސާ." ނަމަވެސް ފައިސާގެ ބަރުދަނުގެ ދަށުގައި އެއަޑު ފިތި ހިމޭންވެއްޖެއެވެ.
މަޖުބޫރު ޙާލުގައި އަޙްމަދު ކުށުގެ ވެއްޓަށް ވަދެ ހަމަޖެހިލިއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ނުބައި މަގުން ކުރިއަށް ދިޔައެވެ. ތިން މަސް ދުވަހުގެ ތެރޭގައި އަޙްމަދަށް އައިބަދަލު އޭނާއަށްވެސް ޤަބޫލު ނުކުރެވެއެވެ. ބައްޕަގެ ކުލީ ކުޑަ ކޮޓަރި ދޫކޮށް، ހުޅުމާލޭގެ އެންމެ އަގުބޮޑު އެޕާޓްމަންޓް ބިލްޑިންގއެއްގެ ޕެންޓްހައުސްއަށް އޭނާ ބަދަލުވިއެވެ. ބީ.އެމް.ޑަބްލިއު ސިލްވަރ ކާރެއް ގަތެވެ. އަގުބޮޑު ގަޑިއާއި، ބްރޭންޑެޑް އަންނައުނާއި، އެންމެ ފަހުގެ ފޯނު ގަތެވެ.
ކުރިން އޭނާ ފެނުމުން ނުދަންނަ ކަމަށް ހެދި މީހުން، އޭނާގެ ފަހަތުން އެނބުރެން ފެށިއެވެ. ކޮންމެ ރެއެއް ނިމެނީ ޕާޓީއާއި މަޖަލުގެ ތެރޭގައެވެ. ރެސްޓޯރެންޓްތަކުގައި އެންމެ އަގުބޮޑު މޭޒުތައް އޭނާއަށް ޚާއްޞައެވެ. ކޮންމެ ތަނެއްގައި ކޮންމެ މީހެއްގެ ކުރިމަތީގައި އޭނާއަށް ޤަދަރު ލިބެއެވެ. ނަމަވެސް އެ މުއްސަނދިކަމާއެކު ހީވެސް ނުކުރާފަދަ އެކަނިވެރިކަމެއް އަޙްމަދުގެ ޙަޔާތަށް ވެރިވެއްޖެއެވެ.
ކުރީގެ އެކުވެރިން މަޑުމަޑުން ދުރުވާން ފެށިއެވެ. ކުރިން ކޮންމެ ހުކުރު ދުވަހަކު އެކުގައި ހަވީރު ސައިބޯން އަންނަ ތިން އެކުވެރިން އޭނާގެ ކޯލްތަކަށް މިހާރު ޖަވާބެއް ނުދެއެވެ. "ބޭނުމެއް ނޫން ތިގޮތަށް ހޯދާ ފައިސާގައި ސައިބޯކަށް." އެކުވެރި ޙުސައިން އެންމެ ފަހުން ބައްދަލުވި ދުވަހު ބުނި ޖުމްލަ އަދިވެސް އަޙްމަދުގެ ކަންފަތުގައި ގުގުމައެވެ. އާ އެކުވެރިންނޭ ކިޔައިގެން އޭނާގެ ވަށައިގެން އެނބުރޭ މީހުންނަކީ ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި ތިބި ބައެކެވެ. އެމީހުންގެ ހުނުމުގައި ހޫނުކަމެއް ނެތެވެ. ސަލާން ގޮވުމުގައި ޙަޤީޤީ އިޚްލާޞްތެރިކަމެއް ނެތެވެ.
އަޙްމަދުގެ މުއްސަނދި އެޕާޓްމަންޓްގެ ބެލްކަނީގައި ހުޅުމާލޭގެ ހަލަބޮލި މާޙައުލަށް ވިސްނުން ދޫކޮށްލައިގެން ހުރި ރެއެކެވެ. ފައިސާއިން ނުގަނެވޭނެ ބައެއް ތަކެތި ދުނިޔޭގައި ވާކަން އޭނާއަށް ޔަޤީނެވެ. "މަންމަ ކައްކާ މީރު މަސްރިހައިގެ ރަހައެވެ... ބައްޕަގެ ހެޔޮ ދުޢާއެވެ... ކުރީގެ އެކުވެރިންނާއެކު ހޭދަކުރި އާދައިގެ އެކަމަކު އުފާވެރި ވަގުތުތަކެވެ." ނަމަވެސް ޙަޤީޤަތާ ކުރިމަތިލުމަށް އޭނާގެ ނަފްސު ދެކޮޅު ހަދަމުން ދިޔައެވެ.
ދެން ކުރިމަތިވީ އެންމެ ހިތްދަތި ކަންތަކެވެ. އަޙްމަދުގެ މުއްސަނދިކަމުގެ ޙަގީގަތް އޭނާގެ މައިންބަފައިންގެ ކަންފަތާ ހަމައަށް ފޯރީއެވެ. ބައްޕަ އޭނާގެ ގެއަށް ޒިޔާރަތް ކުރިއިރު، ބައްޕަގެ މޫނުމަތިން ފެނުނު އަސަރުން އަޙްމަދުގެ ހިތް ކުދިކުދިވިއެވެ. އެ ލޮލުގައި ކުރިން ހުންނަ ފަޚުރުވެރި ވިދުވަރެއް ނެތެވެ. ބަދަލުގައި ވެރިވެފައިވީ ހިތްދަތި މާޔޫސް ކަމެކެވެ. "ދަރިފުޅާ، ޙަރާމް ގޮތުގައި ހޯދާ މުއްސަނދިކަމަކީ އަވާ މެންދުރެއް ފަދަ އެއްޗެއް، އޭގައި އެއްވެސް ބަރަކާތެއް ނުވާނެ." ބައްޕަ ހިތި ހިނިތުންވުމަކާއެކު ތަކުރާރުކުރީ ހަމައެކަނި އެޖުމްލައެވެ. އެއަށްފަހު ގޭގެ އެތެރެއަށް އެންމެ ފިޔަވަޅެއްވެސް ބައްޕަ ނޭޅިއެވެ.
"ބައްޕާ، މީ ބައްޕަމެންގެ ރާޅު ޒަމާނެއް ނޫން. ޒަމާނުގެ އޮއިވަރަށް ދީލާނުލައި މުސްތަޤްބަލު ހޯދޭކަށް ނެތް." އަޙްމަދު ފުރަތަމަ ފަހަރަށް ބައްޕައާ ދެކޮޅު ހެދިއެވެ. "އަޅުގަނޑު ބައްޕައާ މަންމައަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން މި މަސައްކަތް ކުރަނީ." އަޙްމަދު މަންމައާ ދިމާލަށް އެނބުރެލީ މަންމަ އޭނައާއި އެއްބަސްވާނެ ކަމަށެވެ.
ނަމަވެސް މަންމަ ފެންކަޅިވެފައި ހުރެ ބުނި ޖުމްލަ މާ ހިއްޗެވެ. "ދަރިފުޅު ދިން އެއްވެސް އެއްޗެއް ބައްޕައެއް ބޭނުމެއް ނުކުރޭ. މި މައިމީހާ ވެސް ބޭނުމެއް ނޫން. ތީ ދަރިފުޅުގެ ހަލާކު." ބައްޕައެކޭ އެއްގޮތަށް މަންމަވެސް އޭނާއަށް ފުރަގަސްދީ އެބުރި ދިޔައީ ބުރަ ހިތަކާއިގެންނެވެ. ނަމަވެސް މަންމަމެންގެ ވާހަކަތަކަށް އެދުވަހު އަޙްމަދު ދިނީ ބީރު ކަންފަތެކެވެ. އެއަށް ވުރެ ބޮޑަށް މުއްސަނދި ތަނަވަސް ދިރިއުޅުމުގައި އޭނާ ވަނީ ކަސްތޮޅު އެޅިފައެވެ. "އަހަރެންގެ ފެންވަރު އެމީހުންނަށް ނުވިސްނެނީ." އަޙްމަދު ފަޚުރުވެރި ކަމާއެކު އަމިއްލަ ނަފްސަށް ބުންޏެވެ.
އެ ދުވަހަށް ފަހު މައިންބަފައިންނާއި އަޙްމަދުގެ ގުޅުން ކެނޑުނެވެ. ބައްޕަ ފޯނެއް ނުނަގައެވެ. ނުގުޅައެވެ. އެ ނުރުހުމުން އަޙްމަދުގެ ހިތަށް އަސަރު ކުރި ނަމަވެސް، ފައިސާގެ ބުރަދަނުން އެ އިޙްސާސް ވަޅުލާން މަސައްކަތް ކުރިއެވެ.
ހަ މަސް ފާއިތުވީ ހިނދުކޮޅެއް ފަދައިންނެވެ. ކުއްލިއަށް ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ނާޒިމްއެވެ. "އެބައޮތް ބޮޑު ޑީލެއް. ބޭނުމިއްޔާ މިއީ އެންމެ ފަހުގެ ޑީލް. މީގެ ފަހުން ރިޓަޔާ ކުރެވޭނެ." އަޙްމަދު އެއްބަސްވިއެވެ. އަޙްމަދުމެންގެ ޑީލް ކުރިއަށް ދިޔައެވެ. ނަމަވެސް ޑީލް ނިމުމާއެކު ނާޒިމްއާއި އޭނާގެ ބައިވެރިން ގެއްލުނެވެ. ފޯނެއް ނުނަގައެވެ. އެޑްރެހެއް ނޭނގެއެވެ. ޑީލުން އަޙްމަދަށް ލިބެންވި ފައިސާގެ ބޮޑުބައިވެސް ނުލިބުނެވެ.
އޭގެ ދެ ހަފްތާ ފަހެވެ. ފުލުހުން އަޙްމަދުގެ އެޕާޓްމަންޓްގެ ދޮރުގައި ޓަކި ޖެހީ ފަތިހު ފަސްގަޑި ބައިގައެވެ. ދޮރު ހުޅުވާލި ވަގުތު ފެނުނީ ޔުނީފޯމް އެޅި ހަތް އޮފިސަރުންނެވެ. އެ ދުވަހު ސުވާލުތައް ކުރީ ފުލުހުންގެ މައި އިދާރާގައެވެ. ނާޒިމްއާއި އޭނާގެ ގުރޫޕުން އެމީހުންގެ ކުށުގެ ހެކިތައް ފޮރުވަން އަޙްމަދުގެ ނަން ބޭނުން ކޮށްފައި ހުއްޓެވެ. އެމީހުން ބުނާގޮތުން އަޙްމަދަކީ މުޅި ނެޓްވޯކްގެ މުގުލެވެ.
އެ ހަފްތާ ނިމުމުގެ ކުރިން އަޙްމަދުގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްފިއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާގެ ލަގްޒަރީ އެޕާޓްމަންޓް ފުލުހުން ހިފެހެއްޓިއެވެ. އަޙްމަދު މަގުމަތިވިއެވެ. ކުރިން ވަށައިގެން ތިބި "އެކުވެރިން" އެކަކަށްފަހު އަނެކަކު ގެއްލެމުން ދިޔައެވެ. ފޯނު ކުރުމުން ޖަވާބުދިނީ އެކެއް، ދެމީހެކެވެ. އެމީހުން ވެސް ބުނީ އެހީވެވެން ނެތް ކަމަށެވެ. ވެއްޓޭއިރު އެކުގައި ވެއްޓޭނެ މީހަކު ނެތްކަން އަޙްމަދަށް އިޙްސާސްވީ ދެނެވެ.
ތިންރޭ ފަހެވެ، އަޙްމަދު ހުރީ މާލޭގެ ފިހާރައެއްގެ ދޮރުމަތީގައެވެ. ބަނޑުހައިވެ ހާންތިވެފައެވެ. ކާއެއްޗެއް ދިނުމަށް އެދި ފިހާރައިގެ ސޭޓު ކައިރީގައި އޭނާ އާދޭސް ކުރަމުން ދިޔައެވެ. އެވަގުތު ފަހަތުން އައިސް މީހަކު ކޮނޑުގައި ޖަހާލުމުން ސިހިފައި ފަހަތް ބަލާލިއެވެ. ކުރިމަތީގައި ހުރީ ޝިފާޒެވެ. އޭނާގެ ކުރީގެ ގާތް އެކުވެރިޔާއެވެ. އަޙްމަދު ލަދުން އިސްޖަހާލިއެވެ. "ހިނގާ. އަހަރެމެން ގެއަށް ހިނގާ." ޝިފާޒް އެއްވެސް ސުވާލެއް ނުކޮށް ބުނެލިއެވެ.
އެރޭ ޝިފާޒްގެ ދެމަފިރިންގެ އޯގާތެރިކަން ތަޖުރިބާ ކުރަމުން ދިޔައިރު، އަޙްމަދުގެ ލޮލުން އޮހޮރެމުން ދިޔައެވެ. ޙަގީގީ ހިތްހަމަޖެހުމާއި، ތެދުވެރި އެކުވެރިކަމަކީ ފައިސާއިން އަގުކުރެވޭނެ އެއްޗެއް ނޫންކަން އެރޭ އޭނާއަށް ވިސްނުނެވެ. "ކީއްވެ؟" އަޙްމަދު އެހިއެވެ. "އަހަރެން ކަލޭމެން ދޫކޮށްލީ ފައިސާއާ ހެދި. ކީއްވެ ކަލޭ..." ޝިފާޒް ހިނިތުންވެލިއެވެ. "އެކުވެރިކަމަކީ ފައިސާ ހުންނައިރު ކައިރީ ހުރުމެއް ނޫން. އެކުވެރިކަމަކީ ވެއްޓޭއިރު ނަގަން އަތް ދިއްކޮށްލުން."
އަޙްމަދަށް މަޖުބޫރުވީ ހިތާއި ދެކޮޅަށް އޭނާގެ މައިންބަފައިންގެ ކުޑަކުޑަ ކޮޓަރީގައި ޓަކިޖެހުމަށެވެ. ދޮރު ހުޅުވީ ބައްޕައެވެ. ސިކުންތު ކޮޅަކު ބައްޕަ ހުރީ ބަލަހައްޓައިގެންނެވެ. ބަހެއް ނުބުނެ ދެ އަތް ހުޅުވާލައި، އަޙްމަދު ގެންގޮސް ބައްޕަގެ މޭގައި ޖައްސާލިއެވެ. "ގެއަށް އައީ ދޯ ދަރިފުޅާ... މާފް ކޮށްފީމޭ." ބައްޕަ އެހެން ބުނެލީ ކަރުނައިން ތެމިފައިވާ އަޑަކުންނެވެ. ފާޚާނައިން ނިކުތް މަންމަ ދުވެފައި އައިސް އޭނާގެ ގައިގައި އޮޅުލައިގަތެވެ. މައިންބަފައިން އޭނާއަށް މާފުކުރި ނަމަވެސް، އޭނާގެ ހިތުގައި އޮތް ލަދުވެތިކަމާއި ހިތާމަ ފިލައިގެން ނުދިޔައެވެ. އޭނާއަށް އިޙްސާސް ކުރެވުނީ އޭނާ ތަޖުރިބާކުރި މުއްސަނދި ދިރިއުޅުމަކީ ހަމަ ހަޤީޤަތުގައިވެސް ދުރުން ފެންނަ ފެންފޮދެއް ފަދަ "އަވާ މެންދުރެއް" ކަމެވެ.
ދެ މަސް ފާއިތުވީ ހީވެސް ނުކުރާހާ އަވަހަށެވެ. އެކުވެރި ޙުސައިން ހޯދައިދިން ވަޒީފާއެއްގައި އަޙްމަދު މަސައްކަތް ކުރަން ފެށިއެވެ. ލިބޭ ފައިސާކޮޅު މަދެވެ. ނަމަވެސް ކޮންމެ ދުވަހެއް ނިންމާލެވެނީ ހިތް ހަމަޖެހިގެންނެވެ. ބައްޕައާ އެކީ ނަމާދު ކުރެވެއެވެ. މަންމަ ކައްކާ ތަކެތީގެ ރަހަލިބެއެވެ.
ކުއްލިއަކަށް އަޙްމަދުގެ ފޯނު ރިންގުވާން ފެށިއެވެ. "ވާހަކައެއް ބުނަންވެގެން. އަހަރެމެންގެ ކުންފުނިން ސީއެފްއޯ އެއް ބޭނުންވެގެން އިޢުލާނު ކޮށްފި. އަޙްމަދުގެ އޮންނާނެ އެވަޒީފާއަށް ޝަރުތު ހަމަވާ ފެންވަރުގެ ސެޓްފިކެޓެއް.." ޝިޕާޒް ހިނިގަނޑެއް ޖަހާލިއެވެ. އަޙްމަދު ހައިރާންވިއެވެ. "އެކަމަކު... އެމީހުންނަށް އެނގޭނެ ކުރިން ވީ ކަންތައް..." ޝިފާޒް އެއްބަސްވިއެވެ. "ބޮސް ގާތު ބުނެފިން ހުރިހާ ވާހަކައެއް. ބުނީ އެމީހެއް ކުރިން ކުރި ކަމެއް ނޫނޭ ބަލަނީ. މީހާ މިހާރު ހުރި ހިސާބޭ މުހިންމީ. ކޮންމެ މީހަކަށް ވެސް ދެވަނަ ފުރުޞަތެއް ލިބެން ޖެހޭނެއޭ."
އެ ދުވަހުގެ ހަވީރު، "ސަންސެޓް ވިއު" ގައި ސައި ބޯން އިނދެ، ވަޒީފާގެ ޚަބަރު އަޙްމަދު ބައްޕައާއި ހިއްސާ ކުރިއެވެ. "ދަރިފުޅާ، ތެދުވެރިކަމުގެ މަގު ވެދާނެ ތަންކޮޅެއް ދިގު މަގަކަށް. އެކަމަކު މީހާ ގެންދާނީ ހިތް ހަމަޖެހޭ މަންޒިލަކަށް." ބައްޕަގެ ޖަވާބުން އަޙްމަދު ހިތްހަމަ ޖެހުނެވެ. އެތައް މިލިއަނެއް އެކައުންޓުގައި ހުރި ދުވަހު ނުލިބުނު ހަމަޖެހުން މިއަދު އޭނާގެ ހިތަށް ވަނީ ލިބިފައެވެ. ބައްޕަގެ ދުޢާ އާއި، މަންމަގެ ލޯތްބެވެ. ޝިފާޒާއި ޙުސައިންގެ އެކުވެރިކަމެވެ.
އެކަމަކު... ކުރިމަތީގައި އޮތީ ފަސޭހަ މަގެއް ނޫންކަން އޭނާއަށް ވިސްނެއެވެ. ނަމަވެސް މި ފަހަރު އެ މަގުގައި އޭނާ ހިނގާނީ ޙަލާލު ގޮތުގައެވެ. ބަރަކާތް ލިބޭނެ ގޮތުގައެވެ. "އަވާ މެންދުރެއް"ގެ ފަހަތުން ދުވުމުގެ ބަދަލުގައި، ޙަޤީޤަތާއި ކުރިމަތި ލައިގެންނެވެ.
-ނިމުނީ-

ކިޔުންތެރިންގެ ހިޔާލު