މަޝްހޫރު ވިޔަފާރިވެރިޔާ ކެޕްޓަން އަހުމަދު މައުމޫނު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކުރެއްވި ހަރުކަށި ސުވާލަކާއެކު، ގައުމުގެ ސިއްހީ ނިޒާމު ބޮއްސުންލާފައިވާ މިންވަރު މިއަދު މިވަނީ ހާމަވެފައެވެ.

އަމިއްލަ ޖީބަށް ވަންނަ "ބޮޑު ލާރި" އަށް ވުރެ، ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ދުޅަހެޔޮކަން އިސްކުރާނީ ކޮން އިރަކުންތޯ އޭނާ ކުރެއްވި ސުވާލަކީ މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައި އުފެދިފައިވާ ކަންބޮޑުވުމެކެވެ.

މައުމޫނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ރަށްތަކުގެ ސިއްހީ ހާލަތު އޮތީ އިންތިހާއަށް ދަށު ދަރަޖައެއްގައެވެ. ހަނީމާދޫ ފަދަ އާބާދީ ބޮޑު ރަށެއްގެ ހޮސްޕިޓަލުގައި އެކްސްރޭގެ ހިދުމަތް ނެތިގެން ރައްޔިތުން ކުޅުދުއްފުއްޓަށް ދަތުރުކުރަން ޖެހުމަކީ މި ސަރުކާރުގެ ނިކަމެތިކަން ހާމަވާ ކަމެކެވެ.

މީގެ އިތުރުން، ބަލިމީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ އިންޖެކްޝަނެއް އަތޮޅުތެރެއިންނާއި މާލޭގެ ބޮޑެތި ހޮސްޕިޓަލްތަކުން ނުލިބި، އެންމެ ފަހުން ސެނެހިޔާއިން ހޯދަން ޖެހުމަކީ ސިއްހީ ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ.

ސިއްހީ ވުޒާރާއާއި، އެފްޑީއޭ އަދި އެންސްޕާ ފަދަ މުއައްސަސާތައް ޓެގުކުރައްވައި މައުމޫނު ދެއްވި މި އިންޒާރަކީ، ވެރިންގެ އަމިއްލަ އެދުން އިސްކޮށް، ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް އިހުމާލުވަމުންދާ ދިއުމަށް ދެއްވި ރައްދެކެވެ. މިއަދު މާލެއާއި އަތޮޅުތަކުގައި ވެސް ބޭހާއި ސިއްހީ ހިދުމަތް ނުލިބިގެން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަކީ މި ސަރުކާރުގެ ނާގާބިލުކަން ދައްކުވައިދޭ ކަމެކެވެ.

މިފަހަކަށް އައިސް ސިއްހީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ އިހުމާލުތަކުގެ ސަބަބުން އަގުހުރި އެތައް ފުރާނައެއް ގެއްލިގެން ގޮސްފައިވާއިރު، ސަރުކާރުން މިކަންކަމަށް ދޭނީ ކޮން ޖަވާބެއްތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. "ޖީބަށް ވުރެ ގައުމު" އިސްކުރުމުގެ ޝިއާރުގެ ދަށުން ވެރިކަމަށް އައި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ރައްޔިތުން ބިކަވަމުންދާ މަންޒަރެވެ.



ކިޔުންތެރިންގެ ހިޔާލު