އަހުމަދު ޔާމިން   21 ފެބްރުއަރީ 2026 - 11:17
އިރުއޮއްސެމުންދިޔަ ވަގުތުގެ ރަންދަޅަ މުޅި އުދަރެހަށް ފެތުރިފައިވާއިރު، އާލިޔާ އިނީ އޭނާގެ ކުޑަކުޑަ އެޕާޓްމަންޓުގެ ބެލްކަނީގައި ބޭރު ބަލާށެވެ. ހުޅަނގު ފަރާތުން ދައްކަމުންދިޔަ ރީތި މަންޒަރަކީ އޭނާގެ ހަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ މަންޒަރެކެވެ. އެ ރީތި ކުލަތަކުގެ ތެރެއިން އޭނާގެ ލޮލަށް ފެންނަމުން ދިޔައީ މާޒީގެ ހަނދާންތަކެވެ. އާލިޔާގެ އުޖާލާ ދިރިއުޅުމުގެ އިރު އޮއްސި، މުޅި ދުނިޔެ އަނދިރިވީ މީގެ ތިން އަހަރު ކުރިން، އޭނާގެ ފުރަތަމަ ކައިވެނި ރޫޅުމާ ހިސާބުންނެވެ.

އާލިޔާގެ ކައިވެންޏަކީ މައިންބަފައިންގެ އެއްވެސް ރުހުމެއް އޮވެގެން ކުރެވުނު ކައިވެންޏެއް ނޫނެވެ. އެއީ ޒުވާންކަމުގެ ޖޯޝުގައި، ކަންކަމުގެ ހަގީގަތް ނޭނގި ހުރެ އެޅުނު ކަތި ފިޔަވަޅެކެވެ. ޝިމާލް އޭނާއާ ފުރަތަމަ ބައްދަލުވީ ކޮލެޖުންނެވެ. އެ ދުވަސްވަރު ޝިމާލް ދައްކަމުން ދިޔައީ ފޮނި ހުވަފެންތަކެވެ. ލޯބީގެ ބަސްތަކުން އާލިޔާގެ ހިތް ފަތަހަކޮށް، އެތައް ވައުދެއް ވަމުން ދިޔައެވެ.

"އާލިޔާ، އަހަރެން ދުވަހަކުވެސް ކަލާ ދޫކޮށެއް ނުލާނަން. ތީ އަހަރެންގެ މުޅި ދުނިޔެ،" ޝިމާލް ބުނަމުން ދިޔައެވެ.

ނަމަވެސް އެ ބަސްތަކުގެ ފަހަތުގައި ފޮރުވިފައިވީ ކޮން އެއްޗެއްކަން އާލިޔާއަށް އެނގުނީ މާފަހުންނެވެ. މައިންބަފައިން ކިތަންމެ ދެކޮޅު ހެދިޔަސް، އާލިޔާ އޭރު ހުރީ ޝިމާލްގެ ލޯބީގައި ދީވާނާވެފައެވެ. އެންމެފަހުން މައިންބަފައިންނާ ދެކޮޅަށް ގެއިން ނުކުމެ، އާލިޔާ ޝިމާލްއާ ކައިވެނި ކުރިއެވެ. ކައިވެންޏަށް އަހަރެއް ވީއިރު، ލޯބީގެ ނިވާފަތް ވެއްޓި، ހަގީގަތް ފެންނަން ފެށިއެވެ. ޝިމާލް އަކީ ޒިންމާދާރު މީހެއް ނޫންކަން އެނގެން ފެށިއެވެ. ވަޒީފާއެއް ހޯދުމުގެ ޚިޔާލެއް ނެތެވެ. ގޭގައި އިނދެ ގޭމް ކުޅުން ނޫން ކަމެއް ނުކުރެއެވެ. ދެމީހުންގެ ޚަރަދު ބެލެހެއްޓީ އާލިޔާއެވެ.

އަވްނީ އުފަންވީ އެ ދަތި ދުވަސްތަކުގެ ތެރޭގައެވެ. ދަރިފުޅު ފެނުމުން ޝިމާލް ބަދަލުވެދާނެ ކަމަށް އާލިޔާ އުންމީދު ކުރިއެވެ. ނަމަވެސް އެ އުންމީދުވެސް ވީ ބިލާހަކަށެވެ. އަވްނީއަށް ދެ އަހަރު ފުރުނުތަނާ، ޝިމާލް އެއް ދުވަހަކު ގެއިން ނުކުމެގެން ދިޔައީ އެނބުރި ނައުމަށެވެ.

"އަހަންނަކަށް މި ޒިންމާ ނުއުފުލޭނެ. މިނިވަންކަން ބޭނުން،" ޝިމާލް ބުނި ހަމައެކަނި ޖުމްލައަކީ އެއީއެވެ.

ޝިމާލް ދިޔުމުން އާލިޔާއަށް ލިބުނީ ފުން ޝޮކެކެވެ. ނަމަވެސް ކުޑަކުޑަ އަވްނީގެ މައުސޫމް މޫނު ފެނުމުން، ހިތްވަރު އެލުވާލުމުގެ ފުރުސަތެއް އޭނާއަކަށް ނެތެވެ. މައިންބަފައިންގެ ގާތަށް ދާން ބޭނުންވި ނަމަވެސް، އެކަމަށް ހުރަސްއެޅީ ދުނިޔޭގެ ލަދުވެތިކަމެވެ. އެމީހުން އެތައް ފަހަރަކު ވިސްނައިދިނެވެ. އެކަމަކު އާލިޔާ ގޮތުގައި ހިފެހެއްޓިއެވެ.

"ނޫން، އަހަރެން އަމިއްލަ ފައިމައްޗަށް ތެދުވާނީ. ދަރިފުޅަށްޓަކައި،" އާލިޔާ އަމިއްލަ ނަފްސަށް ވައުދުވިއެވެ.

ރަށުގެ މާހައުލުގައި ވަޒީފާގެ ފުރުސަތު ކުޑަވުމުން، އާލިޔާ ނިންމީ މާލެ ބަދަލުވާށެވެ. ދެ އަހަރުގެ ދަރިފުޅު ގޮވައިގެން، މާލޭގެ ހަލަބޮލި ދިރިއުޅުމަށް ހިޖުރަކުރީ ހިތުގައި އެތައް ބިރުވެރިކަމެއް އޮވެމެއެވެ. އާލިޔާ އަކީ ކިޔަވައިގެން ހުރި ތަޢުލީމީ ޒުވާނަކަށް ވުމުން، މާލޭގެ ބޮޑު ސްކޫލަކުން ޕްރައިމެރީ ޓީޗަރެއްގެ ވަޒީފާ އޭނާއަށް ލިބުނެވެ. ފުރަތަމަ ދުވަސްތައް ވަރަށް ދަތިވިއެވެ. ކުޑަ ކޮޓަރިގަނޑެއްގައި ދެމައިން ދިރިއުޅެން ޖެހުނެވެ. މުސާރައިގެ ބޮޑުބައި ދިޔައީ ކުއްޔާއި ދަރިފުޅުގެ ޑޭކެއާ އަށެވެ. އެކަމަކު އާލިޔާ ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ.

ތިން އަހަރު ފާއިތުވީ ކިހިނެއްކަންވެސް އާލިޔާއަށް ނޭނގެއެވެ. ކޮންމެ ދުވަހެއްގެ ފެށުން ވަނީ އެއް ގޮތަކަށެވެ. ފަތިހު ފަތިހާ ހޭލައި، ދެމައިންގެ ހެނދުނުގެ ނާސްތާ ތައްޔާރުކުރެއެވެ. އަވްނީއަށް އެންމެ ކަމުދަނީ ބިސްގަނޑާއި ޓޯސްޓެވެ. ކޮންމެ ހެނދުނެއްގެ އެ ވަގުތުކޮޅަކީ އާލިޔާއަށް ވަރަށް ޚާއްޞަ ވަގުތެކެވެ. ދެމައިން އެކީގައި ސައިބޯން ތިބެ، އެތައް ވާހަކައެއް ދައްކައެވެ.

"މަންމާ، މިއަދު ސްކޫލްގައި ކުރެހުމެއް ކުރަހަން ޖެހޭ،" އަވްނީ އުފަލުން ބުންޏެވެ.

"ދަރިފުޅު ބޭނުން ކޮންކަހަލަ މަންޒަރެއް ކުރަހަން؟"

"ރީތި މާތަކެއް. މަންމައަށް ދޭނީ."

އެފަދަ ކޮންމެ ޖުމްލައަކުން އާލިޔާގެ ހިތް ފުރެއެވެ. ދިރިއުޅުމުގެ ހުރިހާ ވޭނެއް ފިލައި ދެއެވެ.

އާލިޔާގެ ދެމައިން ސްކޫލަށް ދަނީ އެކީގައެވެ. އާލިޔާ ދުށީ އެއީ ނަސީބެއް ކަމަށެވެ. ދެމައިން އެއް ސްކޫލެއްގައި ތިބުމުން، ދަރިފުޅާ ގާތުގައި ހުރެވެއެވެ. ކޮންމެ ދުވަހަކު އެކީގައި ގެއަށް އާދެވެއެވެ. ރޭގަނޑު ނިދުމުގެ ކުރިން އާލިޔާ އަވްނީއަށް ވާހަކަ ކިޔައިދެއެވެ. އެއީ ދެމައިންގެ އެންމެ ގާތް ވަގުތެވެ. ބައެއް ރޭރޭ ފޮތުން ވާހަކަ ކިޔައެވެ. އަނެއްބައި ރޭރޭ އާލިޔާ އަމިއްލައަށް ވާހަކަ ހަދައިގެން ކިޔައިދެއެވެ.

"މަންމާ، މިރޭ ހިތްވަރުގަދަ ކުޑަ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދީ،" އަވްނީ އެދުނެވެ.

"އެއް ޒަމާނެއްގައި ކުޑަކުޑަ ރީތި ރަށެއްގައި ކުޑަ އަންހެން ކުއްޖަކު އުޅުނެވެ..." އާލިޔާ ވާހަކަ ފެށިއެވެ.

އަވްނީ ނިދެންދެން އާލިޔާ އެ ވާހަކަ ކިޔައިދެއެވެ. ދަރިފުޅު ނިދުމުން، އެ މައުސޫމް މޫނަށް ބަލަހައްޓައިގެން އެތައް އިރެއް ވަންދެން އާލިޔާ އިނދެއެވެ. އެއީ އޭނާގެ މުޅި ދުނިޔެއެވެ. ހަފްތާ ބަންދު ދުވަސްތައް ވެފައިވީ ދެމައިންނަށް ޚާއްޞަ ދުވަސްތަކަކަށެވެ. ހުކުރު ދުވަހު ހެނދުނު ޕޭންކޭކް އަޅައެވެ. އަވްނީ ގޮވައިގެން ޕާކަށް ދެއެވެ. ބައެއް ދުވަސްދުވަހު ގޮނޑުދޮށަށް ގޮސް، ރާޅުޖަހާ ހިސާބުގައި ކުޅެއެވެ.

"މަންމާ، ބައްޕަ ކޮބާ؟" އެއް ދުވަހަކު އަވްނީ ކުއްލިއަކަށް އެހިއެވެ.

އެ ސުވާލުން އާލިޔާގެ ހިތް ކުދިކުދިވިއެވެ. ނަމަވެސް މޫނުމަތިން ހިނިތުންވުމެއް ނުފިލިއެވެ.

"ބައްޕަ އުޅެނީ ވަރަށް ދުރުގައި. އެކަމަކު މަންމަ އެބަ ހުރީމެއްނު ދަރިފުޅު ގާތުގައި،" އާލިޔާ ދަރިފުޅު އުނގަށްލައި ބައްދާލިއެވެ.

ސްކޫލް ހުޅުވުނު އާ އަހަރާ އެކު، ސްކޫލަށް އާ ޓީޗަރުންތަކެއް އައެވެ. އޭގެ ތެރެއިން އާލިޔާގެ ލޮލުގައި އަޅައިގަތީ މެތެމެޓިކްސް ޓީޗަރެއް ކަމުގައިވާ ރިޔާޒެވެ. ރިޔާޒަކީ މެދު އިސްކޮޅެއްގެ، ހިތްހެޔޮ ޒުވާނެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ މަޑުމައިތިރި ހިނިތުންވުމެކެވެ.

ފުރަތަމަ ދުވަސްކޮޅު އާލިޔާ ރިޔާޒާ މާ ގާތެއް ނުވެއެވެ. ފިރިހެނުންނާ މެދު އޭނާގެ ހިތުގައި ވަނީ ބިރުވެރިކަމެވެ. ޝިމާލްގެ ފަރާތުން ލިބުނު އަނިޔާގެ ހަނދާންތައް އަދިވެސް ތާޒާއެވެ. ނަމަވެސް، ދުވަސްތައް ފާއިތުވާ ވަރަކަށް، ރިޔާޒްގެ ތަފާތުކަން އާލިޔާއަށް ފެންނަން ފެށިއެވެ. ސްޓާފް ރޫމުގައި ހުންނައިރު، ރިޔާޒް އެހެން މީހުންނާ މެދު ކަންތައް ކުރާ ގޮތް ފެނެއެވެ. ކޮންމެ މީހަކާވެސް އޯގާތެރިކޮށް، އިޙްތިރާމާ އެކު ވާހަކަ ދައްކައެވެ.

އެއް ދުވަހަކު ސްކޫލް ނިމިގެން އާލިޔާ އަވްނީ ބަލައި ދިޔައިރު، ރިޔާޒް ވެސް ހުރީ އެ ހިސާބުގައެވެ.

"ތީ އާލިޔާ މިސްގެ ދަރިފުޅުތަ؟" ރިޔާޒް ހިނިތުންވެލާފައި އެހިއެވެ.

"އާނ، މީ އަވްނީ،" އާލިޔާ ޖަވާބުދިނެވެ.

ރިޔާޒް ގުދުވެލައި، އަވްނީއާ ހަމައަށް ތިރިވެލިއެވެ. "ހާދަ ލޯބި ކުއްޖެކޭ. ނަން ވެސް ވަރަށް ރީތި،" ރިޔާޒް ބުންޏެވެ.

އަވްނީ ލަދުން މަންމަގެ ފަހަތަށް ވަނެވެ. ނަމަވެސް، ރިޔާޒްގެ މޫނުމަތިން ފެނުނު އޯގާތެރިކަން އޭނާއަށް އިޙްސާސްވީ ކަހަލައެވެ. ލަސްލަހުން ނުކުމެ، ރިޔާޒަށް ބަލާލައި ހިނިތުންވެލިއެވެ.

އެ ދުވަހަށް ފަހު، ރިޔާޒް އާއި އާލިޔާގެ އެކުވެރިކަން ގާތްވާން ފެށިއެވެ. ސްކޫލް ނިމިގެން ގެއަށް ދާ މަގުމަތީގައި ބައެއް ފަހަރު އެކީގައި ހިނގާލައެވެ. އޮފީސް މަސައްކަތުގައި އެކަކު އަނެކަކަށް އެހީވެއެވެ. ރިޔާޒްގެ ވާހަކަތަކުން އާލިޔާއަށް އެނގުނީ އޭނާވެސް ހިތި ތަޖުރިބާއެއް ކޮށްފައިވާ ކަމެވެ. އޭނާގެ ކައިވެންޏެއް ނުކުރެވެއެވެ. ނަމަވެސް، ލޯބިވި މީހެއް ބައްޔެއްގައި ނިޔާވީއެވެ. އެހެންވެ، އެކަނިވެރިވުމުގެ ހިތްދަތިކަން ރިޔާޒަށް ވެސް އެނގެއެވެ.

މަސްތަކެއް ފާއިތުވިއެވެ. ރިޔާޒް އާއި އާލިޔާގެ ގުޅުން ވަރުގަދަވަމުން ދިޔައެވެ. އެންމެ ބޮޑު ބަދަލެއް އައީ ރިޔާޒް އާއި އަވްނީގެ ގުޅުމަށެވެ. ފުރަތަމަކޮޅު ލަދުން އުޅުނު އަވްނީ، މިހާރު ރިޔާޒް ފެންނައިރަށް ދުވެފައި ދެއެވެ.

"ރިޔާ ބޭބެ!" އަވްނީ ގޮވާލާ އަޑު ކޮންމެ ދުވަހަކު އިވެއެވެ.

ރިޔާޒް އެ ކުޑަކުޑަ ކުއްޖާ ދެކެ ހަގީގީ ލޯބިވާ މަންޒަރު އާލިޔާއަށް ފެނެއެވެ. ހަފްތާ ބަންދުގައި ތިން މީހުން އެކީގައި ޕާކަށް ދެއެވެ. އައިސްކްރީމް ކާން ދެއެވެ. ގޮނޑުދޮށުގައި ވެލިން ކިއްލާ ހަދައެވެ. ދެމައިން އެކަނި ހޭދަކުރި ދުވަސްތަކާ ހާދަ ތަފާތެވެ. އާލިޔާއަށް އޭނާގެ ހިތް ރިޔާޒަށް ހުޅުވެމުންދާކަން އެނގެން ފެށިއެވެ. ނަމަވެސް، ބިރުވެސް ގަނެއެވެ. އަލުން ކުރީގެ ހިތްދަތި ވޭން ތަހައްމަލް ކުރާނެ ހިތްވަރެއް އޭނާގެ ނެތެވެ.

އެއް ރެއަކު، ދެމީހުން ސްކޫލް ހަފްލާއެއް ނިންމާފައި ގެއަށް ދިޔައީ އެކީގައެވެ. ހަނދުވަރުގެ ރީތި އަލީގައި ގޮނޑުދޮށުގައި މަޑުކޮށްލިއެވެ.

"އާލިޔާ، އަހަރެން ވާހަކައެއް ބުނަން ބޭނުން،" ރިޔާޒް ބުންޏެވެ.

އާލިޔާގެ ހިތުގެ ތެޅުން އަވަސްވިއެވެ.

"އާލިޔާގެ މާޒީ އެނގޭ. އެކަމާ މެދު އެއްވެސް ފިކުރެއް ނެތް. އެކަންކަމުން އާލިޔާ ނުކުމެ، މިހާ ހިތްވަރުގަދަ މީހަކަށް ވީމައި، އަހަންނަށް ކަމުދިޔައީ. އަވްނީ ދެކެ އަހަރެން ވަރަށް ލޯބިވޭ. އެއީ އަހަރެންގެ އަމިއްލަ ދަރިއެއް ފަދައިން ބަލާނަން،" ރިޔާޒް އާލިޔާގެ އަތުގައި ހިފާލިއެވެ.

"އާލިޔާ، އަހަންނާ އިންނާނަންތަ؟"

އާލިޔާގެ ދެލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ތިން އަހަރު ވަންދެން އޭނާ އެކަނި ކެތްކުރިއެވެ. އަލުން ލޯތްބެއް ލިބިދާނެ ކަމަށް ހީވެސް ނުކުރެއެވެ.

"އާނ،" އާލިޔާއަށް ބުނެވުނީ އެންމެ ލަފުޒެކެވެ. އެކަމަކު އެއީ އެހިނދަށް ފުދުނު ޖަވާބެކެވެ.

އާލިޔާ އާއި، ރިޔާޒްގެ ކައިވެނި ކުރެވުނީ ސާދާ ގޮތަކަށެވެ. ގާތް ރަޙްމަތްތެރިންނާއި ބައެއް އާއިލާ މެމްބަރުން ބައިވެރިވިއެވެ. އެންމެ އުފާވީ ކުޑަކުޑަ އަވްނީއެވެ.

"މަންމާ، އެހެންވީމާ މިހާރު ރިޔާ ބޭބެއަށް ކިޔާނީ ބައްޕަ ދޯ؟" އަވްނީ އެހިއެވެ.

"އާނ ދަރިފުޅާ، ބައްޕައޭ ކިޔޭނެ،" އާލިޔާ ދަރިފުޅު އުރާލައި ބޮސްދިނެވެ.

ރިޔާޒް އެ ދެމައިން ގާތަށް އައިސް، ދެމީހުން ގައިގައި ބައްދާލިއެވެ. އެވަގުތު އާލިޔާއަށް އޭނާގެ ހަޔާތް ފުރިހަމަ ވެއްޖެކަމުގެ އިޙްސާސް ކުރެވުނެވެ.

އާލިޔާގެ ކައިވެންޏަށް އަހަރެއް ފާއިތުވީ އިރު، އެ ޢާއިލާއަށް އިތުރު އުފާވެރިކަމެއް ލިބިއްޖެއެވެ. ކުޑަކުޑަ ފިރިހެން ކުއްޖެއް އުފަންވީއެވެ. އަޔާން އެވެ. އަވްނީ އޭނާގެ ކޮއްކޮ ދެކެ ވާ ލޯބިން، ކޮންމެ ކަމެއްގައި އެހީވެދެއެވެ.

މިއަދު ހަތަރު މެންބަރުންގެ އެއާއިލާ ތިބީ ބެލްކަނީގައި އިރުއޮއްސޭ މަންޒަރު ބަލާށެވެ. ރިޔާޒް އަވްނީ އުނގުގައި ބައިންދައިގެން އިނެވެ. އަޔާން އޮތީ އާލިޔާގެ އުނގުގައި ނިދާފައެވެ.

"މަންމާ، މި މަންޒަރު ހާދަ ރީއްޗޭ،" އަވްނީ ބުންޏެވެ.

އާލިޔާ އެ މަންޒަރަށް ބަލާލިއެވެ. ރަންކުލައިގެ އަލި މުޅި ތަނަށް ފެތުރިފައިވެއެވެ. އޭނާ މީގެ ހަތަރު އަހަރު ކުރިން، މި ހަމަ މި ބެލްކަނީގައި އެކަނި އިނދެ، އެ މަންޒަރު ބެލީ ހިތާމައިން ފުރިފައިވާ ހާލުގައެވެ. އެ ދުވަހު އިރުއޮއްސެމުން ދިޔައީ އޭނާގެ ހަޔާތް ފަދައިންނެވެ. ނަމަވެސް މިއަދު، ހަމަ އެ މަންޒަރު ފެނެއެވެ. އެކަމަކު މިފަހަރު އެ މަންޒަރުން ފެންނަނީ އުންމީދެވެ. ލޯތްބެވެ. ފުރިހަމަކަމެވެ.

އިރުއޮއްސުނީއެވެ. ނަމަވެސް، އެ އޮއްސުމަށްފަހު އަންނާނީ މާ ރީތި ފަތިހެކެވެ. އާލިޔާގެ ހަޔާތުން އެކަން ސާބިތުކޮށްދީފިއެވެ.

"ދަރިފުޅާ، ހަޔާތުގައި އަނދިރި ވަގުތު އަންނާނެ. އެކަމަކު ހިތްވަރު އެލުވާނުލާ ހުންނައްޗޭ. އިރުއޮއްސުމަށްފަހު އަންނާނީ އަބަދުވެސް ފަތިސް،" އާލިޔާ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

ރިޔާޒް އާލިޔާއަށް ބަލާލައި ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި ވީ ލޯތްބާއި ޔަގީންކަމެވެ. ދެން ދުވަހަކުވެސް އާލިޔާއަށް އެކަނިވެރިކަން އިޙްސާސް ނުވާނެ ކަމުގެ ޔަގީންކަމެވެ. ރޭގަނޑުގެ ފުރަތަމަ ތަރި އުޑުމަތީގައި ފިޔަޖަހާލިއެވެ. އާލިޔާގެ ހަޔާތުގައި ވެސް އެފަދައިން އެތައް ތަރިއެއް ފިޔަޖަހަން ފެށީއެވެ. މާޒީގެ އަނދިރިކަން ފަހަތަށް ދޫކޮށް، އުޖާލާ މުސްތަގުބަލަކާ ދިމާއަށް އޭނާގެ ދަތުރު ފެށީއެވެ.

-ނިމުނީ-



ކިޔުންތެރިންގެ ހިޔާލު