އަހުމަދު ޔާމިން   22 ފެބްރުއަރީ 2026 - 19:32
"ދަރިފުޅާ. މީ ކައިވެނިކުރަން ކަމުދާ އިރުވަރެއް ނޫންކަމަށް ކާސިމްބޭ ބުނުއްވީ. ބައްޕައަށް ފެންނަނީ އޭނާ ބުނާ ތާރީޚަށް ކައިވެނި ފަސްކުރަން." އިބްރާހީމަށް ނިސްބަތްކޮށް ބައްޕަ ހައިދަރު ބުންޏެވެ. ނަމަވެސް އިބްރާހިމްގެ ޚިޔާލު ބަދަލުވާ ގޮތެއް ނުވިއެވެ. ބައްޕަގެ ނުރުހުމުގައި މީގެ 6 އަހަރު ކުރިން އިބްރާހިމް ފެށި ކައިވެނި ވެގެން ދިޔައީ އޭނާއާއި ބައްޕަގެ ގުޅުމުގައި ސިއްކަ ޖެހުމަށް މެދުވެރިވި އެއް ސަބަބަށެވެ. ބައްޕަގެ ޝަކުވާ އަކީ މަޔަކާ ނުލާ އެކަނިމާއެކަނި އިބްރާހިމް ބަލައި ބޮޑުކުރުމުންވެސް ބައްޕަގެ ބަސް އިބްރާހިމް އަޑުނޭހުމެވެ. އޭނާގެ ދިރިއުޅުމުގެ މިބާބު ފެށުމުގައި ބައްޕަގެ ލަފާ ބޮލާލާ ޖެހުމެވެ.

ނަމަވެސް އިބްރާހީމްގެ ކައިވެނީގެ ޙަޔާތުގެ ފުރަތަމަ 6 އަހަރު ފާއިތުވެގެން ދިޔައީ އުފާވެރި، އަމާން ދިރިއުޅުމެއްގެ ގޮތުގައެވެ. ކައިވެންޏަށް 6 އަހަރު ވީއިރު އޭނާ އަކީ ލޯބިލޯބި 3 ކުދިންގެ ބައްޕައެކެވެ. ދަރިން ބޮޑުވަމުން ދިޔައިރު އޭނާއަށް ލިބެމުންދިޔަ ޢާމްދަނީން ދެކޮޅު ޖެއްސުން ދަތިވެ އަތްމަތި ދަތިވާން ފަށައިފިއެވެ. އެހެންކަމުން އޭނާގެ ކުޑަކުޑަ އާއިލާއަށް، މާލީގޮތުން ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި އޭނާ ނިންމީ ބޯޓުދަތުރުކުރަން ދިއުމަށެވެ. އިބްރާހިމް ރާއްޖެ ދޫކޮށް ފުރައިގެން ދިޔައީ އޭނާގެ ފުރާނަފަދަ ލޯބިވާ ތިން ކުދިން އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް، އޭނާގެ ލޯބިވާ އަނބިމީހާ ޝަނާއަށް ޙަވާލު ކޮށްފައެވެ. ހަމައެއާއެކު ގޭގެ ކަންކަން ބަލައި، ޝަނާއަށް އެހީތެރިވުމަށް އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝިމާއުއާ ހަވާލުކުރީ އިތުބާރާއެކުގައެވެ.

ކަނޑުގެ ގަދަ ރާޅުތަކާއި، ބިރުވެރި ތޫފާންތަކާ ކުރިމަތިލަމުން އިބްރާހިމް މަސައްކަތްކުރަމުން ދިޔައީ ހިތްވަރާއެކުގައެވެ. އޭނާއަށް ލިބޭ ހުރިހާ ފައިސާއެއް ފޮނުވަނީ ޝަނާ އަށެވެ. އެއީ ދަރިންގެ މުސްތަޤްބަލް އުޖާލާކުރުމުގެ ފޮނި އުންމީދުގައެވެ. ދަރިންނާއި ޝަނާގެ ޚަރަދުތައް ކުރުމަށްފަހު ބާކީކޮށް ފޮރުވާނެކަން ކަށަވަރުވާތީއެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި ހިނގަމުންދަނީ އިބްރާހީމަށް ޙަގީގަތް ނޭނގޭ އަނދިރި ކަންތައްގަނޑެކެވެ. އިބްރާހިމް ފުރައިގެން ދިޔަތާ މާގިނަ ދުވަހެއް ނުވެ، ޝަނާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ.

ދަރިންނަށް އަޅާލުމުގެ ބަދަލުގައި ޝަނާގެ ސަމާލުކަން އެހެން ކަންކަމަށް ހުއްޓުނެވެ. އިބްރާހިމްގެ އެކުވެރިންނާއި ހެޔޮއެދޭ މީހުން ގެއަށް ވަނުން މަނާކުރިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ގެ ބަދަލުވީ ރަށުގައި އުޅޭ ބިދޭސީންނާއި ބީރަށްޓެހިންގެ އައްޑާއަކަށެވެ. ޝަނާވީ ރަށްމެދު ކޫޑިއަކަށެވެ. މި ހަޑިމުޑުދާރު އަމަލުތަކަކީ ރަށުގެ މީހުންނަށް އެނގޭ ބޮޑު ސިއްރަކަށް ވީ ނަމަވެސް، އިބްރާހިމަށް މިކަމުގެ އެއްވެސް ހިލަމެއް ނުވެއެވެ.

ދޮޅު އަހަރުގެ ދިގު ދަތުރަށްފަހު އިބްރާހިމް ރަށަށް އައިއިރު، މުޅި މަންޒަރު ވަނީ ބަދަލުވެފައެވެ. އަމިއްލަ ގެއަށް ދިޔައިރު ގެ ހުރީ ވީރާނާވެ، ފަޅުވެފައެވެ. އޭނާ ފޮނުވި އެއްވެސް ފައިސާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ޝަނާ އޮތީ އޭނާގެ ނުބައި އަމަލުތަކުގެ ސަބަބުން ޖަލުގައެވެ. ކުދިންކޮޅު ތިބީ އެކުވެރި ޝިމާއުގެ ދެމަފިރިންގެ ބެލުމުގެ ދަށުގައެވެ. ހިތްދަތިކަމާއެކު އިބްރާހިމް ނިންމީ ދަރިންގެ ހައްގުގައި ޝަނާ ވަރިކުރުމަށެވެ. އޭނާ ދެވަނަ ކައިވެންޏެއްކޮށް، ދަރިންނަށް އައު ދިރިއުޅުމެއް ހޯދައިދިނެވެ. ޝަނާއަށް ޙަޤީޤީ ދުނިޔެއަށް ލޯހުޅުވުނުއިރު ވަގުތު ވަނީ ފާއިތުވެފައެވެ. ދަރިންގެ ލޯތްބާއި، އަބުރުވެރި ދިރިއުޅުން ގެއްލި އަމިއްލަ އަބުރުވެސް ވެއްޔާއި މޮޑެވުނީއެވެ. އެއްވެސް މީހަކު އޭނާ ބަލައިގަންނާކަށް ބޭނުމެއް ނުވިއެވެ.

އެއްރެއެއްގެ އިރާކޮޅު އިބްރާހިމް އޮތީ ގޭގެ ސިޓިންރޫމްގައި ހުރި ސޯފާއެއްގައި ލޯމަރާލައިގެންނެވެ. ދެބަދޭތެރޭގައި އޮތް އިބްރާހިމްގެ ސަމާލުކަން ހުއްޓުނީ، ޤައުމީ ޓީވީން އަންނަމުންދިޔަ ކުއްލި ޚަބަރަށެވެ. "ޑ. ޑަކައިދޫ ޝަނާގެ މަރުވެފައިވާ ހަށިގަނޑު އެރަށު ފުއްޓަރުފަރާތު ރާޅުޖަހާ ހިސާބުން ފެނިއްޖެ. ހަށީގަނޑަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި." ޚަބަރު ހުށައަޅަމުންދިޔަ އަންހެން ހުށައެޅުންތެރިޔާގެ އަޑުގައިވެސް ވަނީ ނުތަނަވަސްކަމެވެ.

އިބްރާހިމްގެ ހިތަށް ވެރިވީ ބަޔާންކުރަން ދަތި ހިތްދަތި އިޙްސާސްތަކެކެވެ. އޭނާގެ ދެލޯ ފެންކަޅިވިއެވެ. އެއީ ދެވަނަ މީހެއްގެ ވާހަކައެއް ނޫނެވެ. އެއީ އިރެއްގައި އެމީހަކަށްޓަކައި އޭނާގެ ބައްޕަގެ އެދުންތަކަށް ފުރަގަސް ދިނުމަށް އޭނާގެ ހަވާނަފްސު އޭނާއަށް މަގުދެއްކި އޭނާގެ ދޮށީ އަނބިމީހާގެ މަރުގެ ޚަބަރެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. "މީ މުސްކުޅިން ބުނާ ގޯސް އިރުވަރުގައި އެޅުނު ކަތި ފިޔަވަޅުގެ ނަތީޖާ." ނުބައި އޮގައެއްގައި ކުރެވޭ ކަންކަމުގެ ނަތީޖާ ހިތްދަތިވާނެކަން މިއަދު އޭނާއަށް ޔަގީންވެއްޖެއެވެ.

-ނިމުނީ-



ކިޔުންތެރިންގެ ހިޔާލު