މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޮމިޓީ އުފެއްދެވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅުތައް އެޅުމުގެ މަޤްސަދުގައި ކަމަށެވެ.

މި ޚާއްސަ ކޮމިޓީގެ މުޤައްރިރަކަށް ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލެވެ. މީގެ އިތުރުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު، ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން، ހޯމް މިނިސްޓަރ ޢަލީ އިޙްސާން، ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުން ދަނީ މެދުއިރުމަތީގެ ޙާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި މިކަމާ ގުޅިގެން ރައްޔިތުންނަށް އެނގެންޖެހޭ އެންމެހާ މުހިންމު މަޢުލޫމާތުތަކާއި، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލްތައް މި ވުޒާރާތަކުން މެދުނުކެނޑި އާންމުންނާ ޙިއްސާކުރަމުންދާނެ ކަމުގެ ޔަޤީންކަންވެސް ތަރުޖަމާނު ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު