މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ފޮނުވާލި މިސައިލާއި ޑްރޯން ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ދުބާއީގެ މަޝްހޫރު '23 މެރީނާ' ޓަވަރަށް އަރައިފިއެވެ.

ހޮނިހިރު ދުވަހު ދިން މި ހަމަލާ އަމާޒުވެފައިވަނީ ދުބާއީ މެރީނާ ސަރަހައްދުގައި ހުންނަ ދުނިޔޭގެ އެންމެ އުސް އެއް ރެޒިޑެންޝަލް އިމާރާތް ކަމަށްވާ 90 ބުރީގެ 23 މެރީނާ ޓަވަރަށެވެ. މި ހަމަލާއާއެކު އިމާރާތުގެ މަތީ ބުރިތަކުން ބޯ ދުންތަކާއި އަލިފާން ފެންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

މި ހާދިސާއާ ގުޅިގެން ދުބާއީ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިފާއީ ނިޒާމުން ޑްރޯން ހުއްޓުވުމުގެ ތެރޭގައި އޭގެ ބައެއް ބައިތައް އިމާރާތުގެ ބޭރު ފަށަލައަށް ވެއްޓި ކުޑަ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެ އޮފީހުން ކަށަވަރުކޮށްދެއެވެ.

މުއްސަނދި އިންވެސްޓަރުންނާއި ބޭރު ގައުމުތަކުގެ ފަންނީ މީހުން ދިރިއުޅޭ މި ލަގްޒަރީ ޓަވަރުން ބައެއް މީހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުސްކޮށްފައެވެ. އަދި އިމާރާތް ހިމެނޭ ސަރަހައްދުގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ވަނީ އީރާނުން ފޮނުވާލާ މިސައިލާއި ޑްރޯން ހަމަލާތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ގަލްފުގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޔޫއޭއީގެ އެކި ހިސާބުތަކަށް ދިން ހަމަލާތައް ދިފާއީ ނިޒާމުން ހުއްޓުވުމުގެ ތެރޭގައި ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތައް ދީފައިވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަވަށްޓެރި ގައުމުތަކުގެ ކިބައިން މާފަށް އެދިވަޑައިގަތުމަށްފަހުގައެވެ. އޭނާ ވިދާޅުވެފައިވަނީ އީރާނަށް ހަމަލާދިނުމަށް އެހެން ގައުމުތަކުން މަގުފަހިކޮށް ނުދޭހާ ހިނދަކު އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދޭނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ މާފަށް އެދުމަކީ "ބަލިގަތުން" ކަމަށް ސިފަކުރެއްވުމާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާއިން ވަނީ ހަމަލާތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ދީފައެވެ.

ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން، ހަމަލާތަކުގައި އަނިޔާވި މީހުންނަށް ޒިޔާރަތްކުރެއްވުމަށްފަހު ވިދާޅުވީ، ޔޫއޭއީއަކީ ބަލިކޮށްލަން ފަސޭހަ ގައުމެއް ނޫން ކަމަށާއި، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

އީރާނުން ދިން މި ހަމަލާތަކުގެ އަސަރު ޔޫއޭއީގެ އިތުރުން ސައުދީ އަރަބިއްޔާ، ބަހްރެއިން އަދި އަޒަރުބައިޖާނަށް ވެސް ވަނީ ކޮށްފައެވެ. މީގެ ސަބަބުން އެމިރޭޓްސް އެއާލައިންގެ ދަތުރުތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ.



ކިޔުންތެރިންގެ ހިޔާލު