ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން އަތޮޅުތަކުގެ ރަށްރަށަށް ކުރަމުންދާ ދަތުރުތަކުން، އެ ޕާޓީގައި އަދިވެސް ވަރުގަދަ ސިޔާސީ ދިރުމެއް ހުރިކަން ހާމަވަމުންދާ ކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ރޭ ކ. މާފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށް ސިޔާސަތުތަކެއް ދައްކައިދޭ ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީން ގެނެސްދީފައިވާ ހަރުދަނާ ސިޔާސަތުތަކުގެ ފައިދާ މިއަދުވެސް ރާއްޖޭގެ އެކި ރަށްރަށުން ފެންނަން އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މާފުށީގެ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން ޒިޔާދު ވިދާޅުވީ، މީގެ ކުރިން މާފުއްޓަކީ ހަމައެކަނި ޖަލު ހުންނަ ރަށުގެ ގޮތުގައި މަޝްހޫރުވެފައި އޮތް ރަށެއް ނަމަވެސް، މިއަދު މުޅި ދުނިޔެ އެ ރަށް ދަންނަނީ އެމްޑީޕީގެ ސިޔާސަތެއްގެ ސަބަބުން ކަމަށެވެ.

"މިހާރު ދުނިޔޭގެ ޤައުމެއް ނެތް މާފުށި ނުދަންނަ، ހަމަ އެންމެ ސިޔާސަތެއްގެ ސަބަބުން. އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެމްޑީޕީ އަންނަނީ ސިޔާސަތުތަކެއް ހިފައިގެންނޭ، އަޅުގަނޑުމެން ވިއްކަނީ ސިޔާސަތު،" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދުގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރު ހިންގާ ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެންގުޅެނީ ހަމައެކަނި ކަޅު ދަބަހަކާއި ގަނޑު ކަނޑާ ފޮތެއް ކަމަށާއި، އެއީ އެ ބޭފުޅުންގެ ސިޔާސަތު ކަމެއް ނުވަތަ ސަގާފަތް ކަމެއް ސާފުނުވާ ކަމަށެވެ. އަދި އެ ދަބަހާއި ފޮތް ބޭނުންކޮށްގެން ވަޒީފާ ދިނުމާއި އެހެނިހެން ކަންކަން ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޕީއެންސީގެ ކެމްޕޭނުގައި "ދޫންޏަށް ވޯޓުދިނުމަށް" ގޮވާލަމުންދާ ދިއުމަށް ރައްދު ދެއްވަމުން ޒިޔާދު ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ތިއްބެވީ ކޮއްޓެއްގައި ތާށިވެފައިވާ ދޫނިތަކެއް ފަދައިން ބާރުތައް ގެއްލިފައި ކަމަށެވެ. އެހެންކަމުން ވޯޓު ދިނުމުގައި ރައްޔިތުން މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރަށް މިހާތަނަށް އަމިއްލަ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށާއި، ފެންނަމުންދަނީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމަމުންދާ މަންޒަރު ކަމަށް ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައާއި އެހެނިހެން ތަންތަނުގައިވެސް ސަރުކާރުގެ ފަރާތްތަކުން ކުރާހާވެސް ކަމަކީ "ކުރީ ސަރުކާރު" ކިޔައިގެން ޝަކުވާ ކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު