ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި އިޤްތިޞާދީ ރައްކާތެރިކަމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، 2008 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފުވި އައު ޤާނޫނުއަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު، ރާއްޖޭގެ ސިޔާސީ މަޝްރަޙު ބައްޓަންވަމުން އައި ގޮތަށް ބަލާއިރު މި ބަދަލަކީ ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޤާސިމް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ސަރުކާރެއް ވެރިކަމަށް އައުމަށްފަހު މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކުރާ މަސައްކަތަކީ ހަޤީޤަތެކެވެ. އެގޮތުން 2019 އަދި 2023 ވަނަ އަހަރުގެ އިންތިޚާބުތަކަށް ބަލާއިރު، މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ރައްޔިތުން ވެރިކަން ހިންގާ ޕާޓީއަށް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު ކަން ހިނގަމުންދާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވުމަށްފަހު، ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަންޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ މަސައްކަތުގައި ކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އައު ސަރުކާރެއް އެކުލަވާލުމާއެކު އޭރު މަޖިލީހުގައި އޮންނަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރަށް ޖެއްސުން ކުރުމާއި، ބަޖެޓަށް ހުރަސް އެޅުމާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރުން ފަދަ ކަންކަން ފާއިތުވި މަޖިލީސްތަކުން ފެނިފައިވާކަން ޤާސިމް ފާހަގަކުރެއްވިއެވެ.

"ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއް،" ޤާސިމް ވިދާޅުވިއެވެ.

މަޖިލީހުން މިހާރު ގެންނަން ނިންމާފައިވާ އިޞްލާޙާ ގުޅޭގޮތުން ރައްޔިތުންގެ ބަހެއް ހޯދުމަށްޓަކައި އަންނަ އޭޕްރީލް މަހުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބާއްވާ ފެންނަނުފެންނަ ވޯޓުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން ޤާސިމް ވަނީ އެދިފައެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ޤާސިމް ވިދާޅުވީ، މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެ ފައިސާ ރައްޔިތުންގެ އެހެނިހެން ބޭނުންތަކަށް ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބަދަލުގެ ސަބަބުން ސިޔާސީ ނިޒާމުގެ ތެރޭގައި އުފެދޭ ހަމަނުޖެހުންތަކާއި، އިންތިޚާބުތަކާ ގުޅިގެން ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް މަދުވެ، ޤައުމަށް ބޮޑު ތަނަވަސްކަމެއް ލިބިގެންދާނެ ކަމަށް ޤާސިމް ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު